ލައިފްސްޓައިލް

އަންހެން ކުދިންގެ ވިއްސާރަކޯޓު ވަގަށް ނަގަން ދެވިހިފާފައިވާ މީހެއް

އަންހެންވެރިންގެ ވިއްސާރަކޯޓު ވަގަށް ނަގަން ދެވި ހިފާފައިވާ ޖަޕާނު މީހަކު ޖަޕާނު ފުލުހުން ހައްޔަރު ކޮށްފި އެވެ.

"ރެއިންކޯޓު މޭން"ގެ ނަމުން މި މީހާ މަޝްހޫރުވެފައިވަނީ އެއީ ކާކުކަން ނޭނގި އެ މީހާ އެތައް އަހަރެން ވަންދެން މިކަން ކުރަމުން ގެންދިޔައިމަ އެވެ.

މި މީހާ ވިއްސާރަކޯޓު ވަގަށް ނަގާތާ 13 ވަރަކަށް އަހަރު ވެއްޖެ އެވެ. އަދި މި މުއްދަތުގެ ތެރޭގައި 360 އަށް ވުރެ ގިނަ އަންހެނުން ބޭނުންކުރި ވިއްސާރަ ކޯޓު މިމީހާ ވަގަށް ނަގާފައި ވެއެވެ. ނަމަވެސް މި ހުރިހާ ދުވަސް ވީއިރުވެސް އެއީ އަސްލު ކާކުކަމެއް އެކަކަށް ވެސް ނޭނގެ އެވެ. އެެހެންވެ އެންމެން ވެސް އެމީހާއަށް ކިޔަނީ "ރެއިންކޯޓު މޭން" އެވެ.

ޖަޕާން ފުލުހުން ވަރަށް މަސައްކަތް ކޮށްގެން އެ މީހަކީ ކާކުކަން ދެނެގަނެވުނީ 13 އަހަރު ފާއިތުވީ ފަހުންނެވެ. އޭގެ ކުރިން އެނގޭހާ ވެސް އެއްޗަކީ އަންހެން ވިއްސާރަކޯޓެއް ގެއްލިއްޖެނަމަ އެއީ "ރެއިންކޯޓު މޭން" ކުރި ކަމެއް ކަމެވެ.

ޖަޕާނުގެ އޮސާކާގައި ދިރިއުޅޭ އުމުރުން 51 އަހަރުގެ މި މީހާ ހައްޔަރުކޮށްފައިވަނީ ދާދި ފަހުންނެވެ.

ޔޮޝީޑޯ ޔޯޑާ ނަމަކަށް ކިޔާ މި މީހާ އަކީ ނޫސް ބަހާ މީހެއްގެ ގޮތުގައި ވަރަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ މީހެކެވެ.

ޖަޕާނު ބަހުން "ކައްޕާ" ނަމަކަށް ކިޔާ އަންހެން ވިއްސާރަކޯޓު މި މީހާ ވަގަށް ނަގަނީ ކޮންމެހެން އޭގެން މާބޮޑު ފައިދާތަކެއް ހޯދާކަށް ނޫނެވެ. އެ މީހާ އެކަން ކުރަނީ ވިއްސާރަކޯޓު ވަގަށް ނަގަން ދެވި ހިފައިގެންނެވެ.

މި މީހާ ހައްޔަރުކުރުމަށްފަހު އޭނާގެ ގެ ބަލައި ފާސްކުރިއިރު 360 ކައްޕާސް (ވިއްސާރަކޯޓު) އެ ގޭގައި އޮތެވެ. މިއީ 2009 އިން ފެށިގެން އޭނާ ވަގަށް ނަގާފައިވާ ތަކެއްޗެވެ.