އިންޓަނެޓާއި ސޯޝަލް މީޑީއާގެ މިޒަމާނުގައި ފޭކް ނަންނަމުގައި މީހުންނަށް ލަނޑުދިނުން ވަނީ އާއްމު ކަމަކަށް ވެފަ އެވެ.
ސައިބްކްރައިމްތައް އިންތިހާއަށް އިތުރުވެފައިވާއިރު ގިނަ ބަޔަކަށް މިކަމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބެމުން ދެއެވެ. ބައެއް މީހުން މުޅި އުމުރު އެއްކޮށްފައިވާ ފައިސާކޮޅު ވެސް މިފަދަ މީހުންގެ ކެހިވެރި މަޅީގައި ޖެހި ގެއްލިފައި އެބަހުއްޓެވެ.
ދާދިފަހުން ވެސް މިފަދަ ހާދިސާއެއް ހިނގާފައި ވެއެވެ. ރަޝިޔާގެ އެސްޓްރޮނޯޓަކަށް ހެދިގެން މީހަކު އަންހެނެއްގެ އަތުގައި ހުރި ހުރިހާ ފައިސާ ފޭރިގަތީ އެވެ.
އެމީހާ އަކީ އެސްޓްރޮނޯޓެއް ކަމަށާއި އޭނާ އިން ރޮކެޓް ދުނިޔޭގައި އަނބުރާ ނުޖެއްސިގެން އުޅޭ ކަމަށާއި ރޮކެޓް ޖެއްސޭނީ 27،000 ޑޮލަރު ލިބިގެން ކަމަށް އެމީހާ އަންހެން މީހާ ކައިރީގައި ބުނި ކަމަށްވެ އެވެ. އަދި އޭނާއަށް އެނބުރި ދުނިޔެއަށް އާދެވުނުހާ އަވަހަށް އަންހެން މީހާއާ ކައިވެނި ކުރަން ވައުދުވި އެވެ.
ޖަޕާނުގެ 65 އަހަރުގެ މި އަންހެން މީހާ "ރަޝިޔާގެ އެސްޓްރޮނާޓް"އާ އިންސްޓަގްރާމުން ވާހަކަ ދައްކަން ފެށީ މިދިޔަ ޖޫން މަހު އެވެ. އެމީހާ ހީކުރީ އޭނާ މި ވާހަކަ ދައްކަނީ ހަމަ އަސްލުވެސް އެސްޓްރޮނޯޓަކާ ކަމަށެވެ.
ސަބަބަކީ އޭނާ ވާހަކަ ދައްކަމުންދިޔަ މީހާގެ އިންސްޓަގްރާމް އެކައުންޓް ޕްރޮފައިލްގައި އިންނަނީ އެސްޓްރޮނޯޓެއްގެ ހެދުމުގައި އިން މީހެއްގެ ފޮޓޯ އަކަށް ވެފައި އެ ޕޭޖްގައި ހުރީ މުޅިން ވެސް ޖައްވުގެ ފޮޓޯތައް ކަމަށެވެ.
ޖަޕާން ޓީވީން ބުނި ގޮތުގައި ޖަޕާން އަންހެން މީހާ ކައިރީ އޭނާއަށް އޮޅުވާލައި ފައިސާ އަތުލި ފިރިހެން މީހާ ބުނެފައިވަނީ އޭނާ ހުރީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނުގައި ކަމަށެވެ.
އަދި ދެ މީހުން އެތައް ދުވަހަކު ޗެޓް ކުރި ފަހުން އަންހެންމީހާ ދެކެ ވަރަށް ލޯބިވާ ކަމަށާއި ކައިވެނިކޮށްގެން ޖަޕާނަށް ދިރިއުޅުން ބަދަލުކޮށް ދެ މީހުން އެކުގައި އުފާވެރި ހަޔާތެއް އުޅެން ބޭނުންވާ ކަމަށް ވެސް ބުންޏެވެ.
މި މީހާގެ ބަހަށް ހެއްލިގެން އޭނާ އެނބުރި ދުނިޔެއަށް އަންނަން ބޭނުންވާ ކަމަށް ބުނި ފައިސާ ކަމަށްވާ 4.4 މިލިއަން ޖަޕަނީސް ޔެން (27،350 ޕައުންޑް) އޮގަސްޓް 19 އިން ސެޕްޓެމްބަރު 5 އާ ދެމެދު އަންހެން މީހާ ވަނީ ފިރިހެން މީހާ ބުނި އެކައުންޓަށް ފޮނުވާފަ އެވެ.
ފިރިހެން މީހާ ބުނެފައިވަނީ މި ފައިސާއަކީ ރޮކެޓެއްގައި އޭނާ އެނބުރި ބިމަށް އައިސް ބިމުގައި ޖައްސަން ބޭނުންވާ ފައިސާ ކަމަށެވެ. އަދި އޭނާ އެނބުރި އައުމާއެކު ދެ މީހުން ކައިވެނި ކުރާނީ ކަމަށެވެ.
މި ފިރިހެން މީހާ މާ ގިނައިން އަބަދު އަބަދު ފައިސާއަށް ކިޔާތީ އަންހެން މީހާ އަށް ފަހުން ޝައްކުވެގެން ޖަޕާނުގެ ފުލުހުންނަށް މައްސަލަ ހުށަހެޅީ އެވެ. އަދި މި މައްސަލަ މިހާރު ޖަޕާނު ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި ވައްތަރުގެ އޮޅުވާލުމަށް ކިޔަނީ "ރޮމޭންސް ސްކޭމް" އެވެ. މިއީ މިހާރު ވަރަށް ގިނައިން މީހުންނަށް ލަނޑުދޭން ބޭނުންކުރާ އުކުޅެކެވެ. "ރޮމޭންސް ސްކޭމް"ގައި ފޭކް އެކައުންޓެއް ހުޅުވައި އެއީ ވަކި ކަމެއްކުރާ ވަކި މީހަކަށް ހެދިގެން އެކަމާ ގުޅޭ ފޮޓޯތައް އަޕްލޯޑްކޮށް އެއީ ހަމަ އަސްލު މީހެއް ހެން ހީވާ ވަރަށް އެކައުންޓް ފުރިހަމަ ކޮށްލަނީ އެވެ. އަދި ފައިސާ ހުންނަހެން ހީވާ މީސް މީހުންނަށް މެސެޖު ކުރަމުން ގޮސް ކޮންމެވެސް މީހަކު އެމީހާގެ މަޅީގައި ޖައްސަނީ އެވެ.
ވަރަށް ލޯބިވާކަމަށް ބުނެ ލޯބީގެ މާތައް ފޮޅުވައި އަންހެންމީހާގެ ފުރިހަމަ އިތުބާރު ހޯދުމަށްފަހު ދެން ދައްކަން ފަށަނީ ކައިވެނި ކުރާ ވާހަކަ އެވެ. އެ ވާހަކައަށް އަންހެން މީހާ ހެއްލި ފިރިހެން މީހާ ބުނާ ކޮންމެ ކަމެއް ވެސް ކުރާ ވަރަށް އޭނާ ހިނގައްޖެކަން އެނގުމުން އެކިއެކި ކަންކަން ކުރަން ކަމަށް ބުނެ ފައިސާ އަތުލަން ފަށަނީ އެވެ.
މިފަދަ އެންމެ ބޮޑު ރޮމޭންސް ސްކޭމެއް ހިންގީ ބްރޭޒަން ލެވީވްގެ ނަމުގައި ފޭކް އެކައުންޓެއް ހަދައިގެން އުޅުނު މީހެކެވެ. ޓިންޑާއިން އޭނާއާ ބައްދަލުވި އަންހެނެއް އަތުން މި މީހާ ވަނީ މިލިއަން ޕައުންޑް ފޭރިފަ އެވެ.