ޖަޕާނުގެ ދެކުނުގައިވާ ޖެއިކެއި ހޮސްޕިޓަލުގެ ތެރޭން ވަރުގަދަ އެލާމެއްގެ އަޑު އިވުމާއެކު އެ ހޮސްޕިޓަލުގެ ނަރުހުން ވަރަށް ބާރަށް ހޮސްޕިޓަލަށް ވަންނައިރު އަރަން ހުންނަ ހަރުފަތްތަކާ ދިމާލަށް ދުއްވައިގަނެ އެވެ. އަނެއްކާވެސް ކުއްޖަކު ގެނައީކަން ޔަގީން ވުމުންނެވެ. އެ މީހުންގެ މިޝަން އަކީ އެ ގައުމުގައި ހުރި ހަމައެކަނި 'ބޭބީ ހެޗް' ހޮސްޕިޓަލަށް އެ ވަގުތު އައި ކުއްޖާގެ ފުރާނަ ކޮންމެ ގޮތަކުން ނަމަވެސް ސަލާމަތް ކުރުމެވެ.
ފާއިތުވީ 15 އަހަރުއްސުރެ މި ހޮސްޕިޓަލަށް ގެނައި މިފަދަ އެތައް ސަތޭކަ ކުދިންނެއްގެ ފުރާނަ އެތާގެ މުވައްޒަފުން ވަނީ ސަލާމަތް ކޮށްދީފަ އެވެ. މިއީ ކައިވެނީގެ ބޭރުން ނުވަތަ ރޭޕް ފަދަ ކަމެއް ދިމާވެގެން ބައެއް އަންހެނުން ބަލިވެ އިނދެ ވިހާ ދަރި ގެންގުޅެން ބޭނުން ނުވެގެން ނުވަތަ އެމީހުން ކުއްޖަކު ވިހޭކަން އެހެން މީހުންނަށް އެނގުނަ ނުދޭންވެގެން ކުއްޖާ ގެނެސް ދޫކޮށްލަން އޮންނަ އެންމެ ރައްކާތެރި ހަމައެކަނި ތަނެވެ. މިތަނަށް ކުއްޖާ ދޫކޮށްލާފައި ދާއިރު އެއީ ކާކުކަން އެއްގޮތަކަށް ނޭނގި ވެސް ދިއުމުގެ ފުރުސަތު އެމީހުންނަށް އޮވެ އެވެ.
ކުމަމޯޓޯ ރީޖަންގައި ހުންނަ މި ހޮސްޕިޓަލުން މި ފަދަ އަންހެނުންނަށް ޕްރެގްނަންސީ ސަޕޯޓް ހޮޓްލައިނެއް ވެސް ގާއިމްކޮށްފައި ވެއެވެ. ސައުވީސް ގަޑިއިރު ޚިދުމަތް ލިބޭ މި ހޮޓްލައިނުން މާބަނޑު މީހާއަށް ބޭނުންވާ ހުރިހާ މައުލޫމާތަކާއި އެހީތެރިކަމެއް ފޯރުކޮށްދެ އެވެ. އަދި އެމީހުންނަށް "ސިއްރުން ވިހޭނެ" ޕްރޮގްރާމެއް ވެސް ހޮސްޕިޓަލުގައި އޮވެ އެވެ.
މި ޕްރޮގްރާމް ކުރިޔަށް ގެންދާތީ ހޮސްޕިޓަލަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ އެވެ. ނަމަވެސް ހޮސްޕިޓަލުގެ އިސް ވެރިޔާ ޑރ. ޓަކޭޝީ ހަސޫޑާ ގަބޫލުކުރާ ގޮތުގައި މި ފެސިލިޓީ އަކީ ރައްކާތެރި ދާގަނޑެއް ފަދަ ތަނެކެވެ.
"ބައެއް އަންހެނުން އެބަ ތިބޭ އެމީހުން ދަރިން ބޭނުން ނޫން ހާލަތެއްގައި ބަލިވެ އިނދެގެން ލަދުންނާއި ބިރުން ގޮސް ހަދާނެގޮތް ހުސްވެފައި. އެފަދަ މީހުންނަށް މި ހޮސްޕިޓަލަކީ ވަރަށް ބޮޑު އުންމީދެއް ލިބޭނެ ތަނެއް. މިތަނުން އެމީހުންނަކާ ސުވާލުކޮށް ލަދުގަންނަން ޖެހޭ ކަހަލަ އެއްވެސް ކަމެއް ނުކުރާނެ،" ޑރ. ޓަކޭޝީ ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި ވިހާފައި ދަރި ހޮސްޕިޓަލަށް ދޫކޮށްލަން ބޭނުންވާ ބައެއް އަންހެނުން އައިސް ކުއްޖާ ހޮސްޕިޓަލުގެ ބޭރު ހަރުފަތްތައް މަތީގައި ބާއްވާފައި ދާން ނުކެރިގެން ދުރުގައި ފިލާ ބަލަން ހުއްޓާ ވެސް ހޮސްޕިޓަލުގެ މުވައްޒަފުންނަށް ވަރަށް ގިނައިން ފެނެ އެވެ.
"އެފަދަ މީހުންނަށް ގޮވައިގެން އަހަރެމެން އެތެރެއަށް ވައްދަން. އަދި އެމީހުންނަށް މިފަދަ ކަމެއް ދިމާވީ ކިހިނެއް ވެގެންތޯ ސުވާލުކޮށް އެމީހުންގެ ހަޔާތުގެ ވާހަކަ ހިއްސާކުރަން އެދެން. އަދި މައިމީހާގެ ސިއްހަތު ޗެކްކޮށްދީ ބޭސް ވެސް ދީ ހަދަން. އަދި އެ ކުއްޖާ ބޮޑުވެގެން ކޮންމެވެސް ދުވަހަކުން އޭނާގެ މަންމަ ހޯދަން ބޭނުން ވެދާނެތީ މަންމަގެ މައުލޫމާތު ހޮސްޕިޓަލަށް ދޭން ވެސް ނަސޭހަތްތެރިވަން. ނަމަވެސް އެމީހުން އެގޮތް ބޭނުންނަމަ މަޖްބޫރުން އެފަދަ ކަމެއް އެމީހުން ލައްވައެއް ނުކުރުވަން،" ޑޮކްޓަރު ބުންޏެވެ.
ބޭބީ ހެޗް ހޮސްޕިޓަލުން ބޭބީންނާ ހަވާލުވާން ފަށާފައިވަނީ 2007 ވަނަ އަހަރު އެވެ. މިއީ ޖަރުމަން ސްކީމެއްގެ މޮޑެލް އެކެވެ.
ބޭބީ ހެޗު ކުރުމަކީ އެތައް ގަރުނަކުއްސުރެ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކުރަމުން އަންނަ ކަމެކެވެ. ސައުތު ކޮރެއާ، ޕާކިސްތާން އަދި އެމެރިކާގައި ވެސް މިކަން ކުރާ ތަންތަން ހުރެ އެވެ. މިއީ ބޭނުން ނުވެ ތިއްބާ ކޮންމެވެސް ހާލަތެއް މެދުވެރިވެގެން އުފަންވާ ކުދިން މަރުން ސަލާމަތްކޮށް އެކުދިންނަށް ރަނގަޅު މުސްތަގްބަލެއް ބިނާކޮށްދިނުމުގެ މަގްސަދުގައި ހިންގާ ސްކީމް ތަކެކެވެ.
ބައެއް ގައުމުތަކުގައި މިކަން ކުރިޔަސް އިނގިރޭސި ވިލާތު ފަދަ ގައުމުތަކުގައި މިއީ މަނާ ކަމެކެވެ. އަދި އދ. އިން ބުނާ ގޮތުގައި މިއީ ކުދިންގެ ހައްގުތަކަށް އަރައިގަތުމެކެވެ. ސަބަބަކީ ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖާގެ މައިންބަފައިންނަކީ ކޮބައިކަން އެނގުމުގެ ހައްގު އޮންނާނެތީ އެވެ.
ޖެއިކެއި ހޮސްޕިޓަލުން މިކަން ކުރަން ފެށީ އަލަށް އުފަންވާ ތުއްތު ކުދިންނަށް ލިބޭ އަނިޔާ ތަކާއި އެފަދަ ކުދިން މަރުން ސަލާމަތްކުރުމަށް ކަމަށް އެ ހޮސްޕިޓަލުން ވެސް ބުނެފައި ވެއެވެ.
ޖަޕާންގެ ފުލުހުންގެ ރެކޯޑްތަކުން ހާމަވާ ގޮތުގައި އެ ގައުމުގައި 2020 ވަނަ އަހަރު 27 ކުއްޖަކު ވިހާފައި އެއްލާލާފައި އޮއްވާ ފެނިފައި ވެއެވެ. އަދި 57 ކުއްޖަކަށް އެކި އަނިޔާތައް ލިބި މަރުވެފައި އޮއްވާ ފެނިފައި ވެއެވެ.
ޑރ. ޓަކޭޝީ ބުނި ގޮތުގައި ގިނަ ފަހަރަށް މިގޮތަށް އެއްލާ ކުދިންނަކީ ހަށި ވިއްކައިގެން ނުވަތަ ރޭޕް ކޮށްގެން ނުވަތަ އާއިލާގެ ގާތް މީހަކާ ގުޅުން ބާއްވައިގެން ލިބޭ ކުދިންނެވެ. މިފަދަ ގޮތަކަށް ބަލިވެ އިންނަ އަންހެނުންނަށް ދެން ހަދާނެ ގޮތް ނޭނގި ހަތަރު އުދަރެސް ފެނުޖެހެ އެވެ. ޖެއިކެއި ހޮސްޕިޓަލު ފަދަ ތަންތަނަކީ އެމީހުންނަށް ލިބޭ ވަރަށް ބޮޑު އުންމީދަކަށް ވަނީ އެހެންވެ އެވެ.
އެފަދަ އަންހެނުން ބޭނުންނަމަ އެ ހޮސްޕިޓަލާ ގުޅައިގެން ސިއްރުން ވިހާފައި ދަރިފުޅު ހޮސްޕިޓަލަށް ދޫކޮށްލާފައި ދެވޭނެ އިންތިޒާމް ވެސް އެ ހޮސްޕިޓަލުގައި ހަމަޖެހިފައި ވެއެވެ. އެމީހުން ބޭނުންނަމަ ކުއްޖާ ބޮޑުވެގެން އޭނާގެ މަންމަ ހޯދަން އެދުމުން އެ މަންމަގެ މައުލޫމާތު ކުއްޖާ އާ ހިއްސާ ކުރަން އެއްބަސްވާ މީހުންނަށް އެކަން އެގޮތަށް ކުރެވޭނެ ގޮތް ހަދައިދެ އެވެ. ނުވަތަ މަންމަގެ މައުލޫމާތު ދޭން ބޭނުން ނޫންނަމަ މަޖްބޫރުން އެ މައުލޫމާތެއް ނުހޯދަ އެވެ.
ކައިވެނީގެ ބޭރުން ބަލިވެ އިންނަ އަންހެނުންނަށް ހިމާޔަތް ދޭކަމަށް ބުނެ ޖެއިކެއި ހޮސްޕިޓަލަށް ވަރަށް ގިނަ ބަޔަކު ފާޑު ކިޔަ އެވެ. ނަމަވެސް އެކަމަށް ތާއީދުކުރާ މީހުން ބުނަނީ މިފަދަ ތަނެއް ހުރުމުގެ ސަބަބުން އެތައް ކުދިންނެއް މަރުން ސަލާމަތް ކުރެވޭ ކަމަށެވެ.
ހޮސްޕިޓަލަށް ކުއްޖާ ދޫކޮށްލާފައި ދާ މީހުންގެ ތެރެއިން ބައެއް މީހުންގެ މައުލޫމާތު ހޯދައިގެން ޗައިލްޑް ވެލްފެއާ އޮފިޝަލުން އެމީހުންނާ ބައްދަލުކުރަން ވެސް ދެއެވެ. ނަތީޖާއެއްގެ ގޮތުން ހޮސްޕިޓަލަށް ދޫކޮށްލާ ކުދިންގެ ތެރެއިން 80 ޕަސެންޓް ކުދިންގެ އާއިލާއަކީ ކޮބައިކަން ދެނެގަނެވެ އެވެ. އަދި މީގެ ތެރެއިން 20 ޕަސެންޓް ކުދިންނަށް ފަހުން އެ ކުދިންގެ މައިންބަފައިންނާއެކު ދިރިއުޅެން ދިއުމުގެ ފުރުސަތު ލިބިފައި ވެއެވެ.
ބޭނުން ނުވެ ތިއްބާ ބަލިވެ އިންނަ އަންހެނުންގެ ތެރެއިން 1000 އަށް ވުރެ ގިނަ މީހުން ކޮންމެ އަހަރަކު ވެސް ޖެއިކެއި ހޮސްޕިޓަލުގެ ހޮޓްލައިނަށް ގުޅަ އެވެ. އަދި މީގެ ތެރެއިން ބައެއް މީހުންނަށް "ސިއްރުން ވިހޭނެ" އިންތިޒާމް ހޮސްޕިޓަލުން ހަމަޖައްސައިދެ އެވެ. އެގޮތުން ވަރަށް ފަހުން ވެސް އެ ހޮސްޕިޓަލުން ވަނީ މިފަދަ ދެ މީހަކު ވިއްސާފަ އެވެ.
މިކަމާ ފާޑުކިޔަން ފެށުމުން ހޮސްޕިޓަލުން ބުނީ މިއީ ބަލިވެ އިންކަން ސިއްރުކޮށްގެން ތިބެ ވިހާ އަންހެނުންނަށް ވިހެއުމުގެ ތެރޭގައި ދިމާވާ ނުރައްކާތަކުން މައި މީހާ އާއި ދަރިފުޅު ސަލާމަތްކުރުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ. ގިނަ ފަހަރަށް މިފަދަ އަންހެނުން ވިހާނީ އެކަނި މާއެކަނި ފާޚާނާ ފަދަ ތަންތަނުގައި އޮވެ ކަމަށް ވާތީ އެއީ ވަރަށް ނުރައްކާތެރި ހާލަތެއް ކުރިމަތިވެދާނެ ކަމަކަށް ވާތީ ކަމަށެވެ.
މިގޮތަށް ހޮސްޕިޓަލުގައި ވިހާ އަންހެނުން ކިޔައިދޭ ގޮތުގައި އެމީހުންނަށް މައިންބަފައިންގެ ފަރާތުން ވަރަށް ގިނަ އަނިޔާތައް ލިބިފައި ވެއެވެ. އެހެންވެ އެމީހުން ވިހާފައިވާ ދަރިން އެޑޮޕްޝަން އަށް ދޭން އެމީހުން ބޭނުންވެ އެވެ.
މި ސްކީމްގެ ދަށުން ހޮސްޕިޓަލުގައި ވިހާ މީހުންގެ މައުލޫމާތު ވެސް ހާމަކުރަނީ ހޮސްޕިޓަލުގެ އެންމެ މުވައްޒަފަކަށެވެ. އޭނާއަށް އެ މައުލޫމާތު އެހެން މީހަކާ ހިއްސާ ކުރުމުގެ ހުއްދައެއް ނޯވެ އެވެ. އެ މައުލޫމާތު ހާމަ ކުރެވޭނީ ކުއްޖާ ބޮޑުވެގެން އެކަމަށް އެދިއްޖެނަމަ އެ ކުއްޖާއަށް އެކަންޏެވެ.
މި ޕްރޮގްރާމަށް ގިނަ ބަޔަކު ދެކޮޅު ހެދިނަމަވެސް ޖަޕާނު ސަރުކާރުން އަދި މިކަން މަނަލެއް ނުކުރެ އެވެ. ނަމަވެސް ކަމާ ބެހޭ ގާނޫނެއް ހަދައި މިކަން ވެސް ގާނޫނީ އިމުގެ ތެރެއަށް ގެންނަން ދަނީ މަސައްކަތް ކުރަމުންނެވެ.
ޖަޕާނުގައި 1948 ވަނަ އަހަރުން ފެށިގެން އެބޯޝަން ހުއްދަ އެވެ. ބަނޑަށް 22 ހަފުތާ ނުވާނަމަ އަދި ފިރިހެންމީހާ އެކަމަށް އެއްބަސްވާނަމަ އެބޯޝަން ހެދުމަކީ އެ ގައުމުގައި އެއްވެސް ކަމެއް ނޫނެވެ. ރޭޕް އާއި ގެވެށީ އަނިޔާ އަދި ބައިވެރިޔާ މަރުވުން ނުވަތަ ގެއްލުން ފަދަ ކަމެއް ދިމާވެފައިވާނަމަ ފިރިހެންމީހާގެ ހުއްދަ ނެތި ވެސް އެކަން ކުރެވެ އެވެ.
ނަމަވެސް ޖެއިކެއި ހޮސްޕިޓަލުގެ ޑޮކްޓަރު ބުނާ ގޮތުގައި އެންމެންވެސް ފާޑުކިޔައި މަލާމާތްކުރަނީ ބަލިވެ އިންނަ އަންހެންމީހާ އަށެވެ. އޭނާއަށް އެހީތެރިކަމެއް ފޯރުކޮށްދޭކަށް އެކަކުވެސް ބޭނުމެއް ނުވެ އެވެ.
ކައިވެނީގެ ބޭރުން ބަލިވެ އިނުމަކީ މުޖުތަމައު ގަބޫލުކުރާނެ ކަމަކަށް ނުވިޔަސް ކޮންމެވެސް މަޖްބޫރީ ހާލަތެއް ދިމާވެގެން ވެސް މީޙަކު ބަލިވެ އިނދެދާނެކަމަށް ޑޮކްޓަރު ބުންޏެވެ. މިފަދަ ހާލަތްތަކުގައި އެހެން މީހުންގެ އެހީތެރިކަން އޭނާއަށް ލިބިއްޖެނަމަ ބަނޑުގައިވާ ކުއްޖާ މަރުން ސަލާމަތް ކުރެވިދާނެކަމަށް އޭނާ ގަބޫލުކުރެ އެވެ.