ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ދުނިޔޭގެ ރެކޯޑް އޮތް ޖަޕާންގެ 119 އަހަރުގެ ކާނޭ ޓަނާކާ މަރުވެއްޖެ އެވެ.
ޖަޕާނުގެ ސިޓީއެއް ކަމަށްވާ ފުކުއޯކާގައި ދިރިއުޅޭ ޓަނާކާ މަރުވީ މިހިނގާ އެޕްރީލް މަހުގެ 19 ވަނަ ދުވަހު އެވެ. ޓަނާކާ މަރުވިކަން ޖަޕާނުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ ޔަގީން ކޮށްދީފަ އެވެ.
ކާނޭ ޓަނާކާ އުފަންވެފައިވަނީ 1903 ވަނަ އަހަރުގެ ޖެނުއަރީ 2 ވަނަ ދުވަހު އެވެ. އެއީ ދުނިޔޭގައި ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއެކު ފްލައިޓެއް އުދުއްސާލި އަހަރެވެ.
ގިނިސް ވޯލްޑް ރެކޯޑްސް އިން ޓަނާކާ އަށް ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ރެކޯޑް ދީފައިވަނީ މާޗް 2019 ގައެވެ. އޭރު އޭނާގެ އުމުރުން 116 އަހަރެވެ.
ޖަޕާނުގައި މިހާތަނަށް އުފަންވެ ދިރިއުޅުނު އުމުރުން އެންމެ ދުވަސްވީ މީހާގެ ރެކޯޑްގެ އިތުރުން ޓަނާކާ އަށް ވަނީ ދުނިޔޭގައި އެންމެ ގިނަ ދުވަހު އުޅުނު ދެ ވަނަ މީހާގެ ރެކޯޑް ވެސް ލިބިފަ އެވެ. މާ ކުރީ ޒަމާންތަކުގައި ޓަނާކާއަށް ވުރެ މާ ގިނަ ދުވަހު ދުނިޔޭގައި އުޅުނު މީހުން ތިބުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މައުލޫމާތު ކަށަވަރު ކުރެވިފައިވާ ދެ ވަނަ އަށް އެންމެ ދުވަސްވީ މީހާ އަކީ ޓަނާކާ އެވެ.
ޓަނާކާ އަކީ އެއްބަނޑު އެއްބަފާ ނުވަ މީހުންގެ ހަތް ވަނަ މީހާ އެވެ. ޓަނާކާ ކައިވެނިކުރީ އުމުރުން 19 އަހަރުގަ އެވެ. ސިނޯ-ޖަޕަނީސް ދެ ވަނަ ހަނގުރާމަ 1937ގައި ކުރިއިރު އޭނާގެ ފިރިމީހާ އާއި ފިރިހެން ދަރިފުޅު ހަނގުރާމައަށް ދިއުމުން ޓަނާކާ ވަނީ ނޫޑްލްސް ވިއްކުމުގެ ވިޔަފާރިއެއް ކޮށްގެން އާމްދަނީ ހޯދާފަ އެވެ. އަދި ފަހުން ހަނގުރާމަ ނިމުމުން އޭނާ ގިނަ ދުވަސްތަކެއް ވަންދެން ރައިސް ކޭކް ފިހާރައެއް ހިންގި އެވެ.
ޓަނާކާގެ ދިގު އުމުރުގެ ސިއްރެއް ކަމަށް އޭނާ ބުނެފައިވަނީ މީރު ކާނާ ކެއުމެވެ. ޗޮކްލެޓް ކެއުމާއި ސޮޑާ ބުއިމެވެ. އާ ކަންކަން ދަސްކުރުން ވެސް އުމުރު ދިގު ވުމުގެ އެއް ސިއްރުގެ ގޮތުގައި ޓަނާކާ ފާހަގަކޮށްފައި ވެއެވެ.
ޓަނާކާ އަކީ ކެލިގްރަފީއަށް ލޯބިކުރި އަދި ހިސާބު ނަންބަރުތައް ހަދަން ވަރަށް ޝައުގުވެރިވީ މީހެކެވެ.
ޓަނާކާގެ ހަޔާތުގެ އެންމެ ފަހު އަހަރުތައް އޭނާ ހޭދަކޮށްފައިވަނީ ނާސިން ހޯމެއްގަ އެވެ. އެތަނުގައި ވެސް އޭނާ ބޯޑް ގޭމް ފަދަ ކުޅިވަރުތައް ކުޅެ ވަރަށް ހަރަކާތްތެރި ދިރިއުޅުމެއް އުޅެފައި ވެއެވެ.