މަލިކާ، 33، އަކީ އިންޑިޔާގެ މައިސޫރުގައި ދިރިއުޅޭ މީހެކެވެ. އޭނާ ދެ ދަރިން ގޮވައިގެން ޕާކަށް ގޮސް އުޅެނިކޮށް ކުއްލިއަކަށް ވިހަން ބަނޑުގައި ރިއްސަން ފެށި އެވެ. އެ ވަގުތު އެތަނުގައި ތިބި ބައެއް މީހުން މަލިކާއަށް އެހީތެރިވުމަށް އެތަނަށް ޖަމާވި އެވެ. މަލިކާ އާއި އޭނާ ވިހޭ ދަރިފުޅުގެ ފުރާނަ ސަލާމަތްވީ އެ ވަގުތު އެތަނަށް އޭނާއަށް އެހީތެރިވުމަށް އައި މީހުންގެ ވިސްނުން ރަނގަޅު ކަމުންނެވެ.
ޓައިމްސް އޮފް އިންޑިއާގައިވާ މި ރިޕޯޓުގައިވާ ގޮތުން މަލިކާ ޕާކުތެރޭގައި އޮވެ ވިހޭއިރު އޭނާ ވިހެއުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދިނީ ޝޯބާ ނަމަކަށް ކިޔާ އަންހެނެކެވެ. ޝޯބާ އަކީ ހައި ސްކޫލް ޓީޗަރެކެވެ. އެތަނުގައި ހުރި ކާރްތިކް ނަމަކަށް ކިޔާ މީހަކު މުމްބައިގައި ހުރި އޭނާގެ އެކުވެރި ޑޮކްޓަރަކަށް ފޯނުން ގުޅައި އެ ޑޮކްޓަރުގެ އިރުޝާދުތައް ޝޯބާއަށް އަޑު އިވޭ ގޮތް ހަދައިދިނެވެ. މަލިކާ ވިއްސީ ޑޮކްޓަރު ކިޔައިދިން ގޮތަށް އަމަލުކޮށްގެން ޝޯބާ އެވެ.
ޝޯބާ ބުނި ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު އެތަނަށް ޖަމާވި ނަމަވެސް މަލިކާ ވިއްސުމުގައި އެއްވެސް މީހަކު އޭނާއަށް އެހީތެރިކަމެއް ފޯރުކޮށެއް ނުދިނެވެ. މަލިކާ ވިއްސީ އޭނާ އެކަންޏެވެ.
މަލިކާ އާއި އޭނާގެ ބަނޑުގައި އޮތް ދަރިފުޅުގެ ފުރާނަ އަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ޝޯބާ ހުރީ ވަރަށް ބިރުން ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ވަގުތު އެ ނޫން ގޮތެއް ނެތީމަ ޑޮކްޓަރު ބުނި ގޮތްގޮތަށް އަމަލުކޮށްގެން މަލިކާ ވިއްސުނީ ކަމަށް އޭނާ ބުންޏެވެ.
މަލިކާ އަކީ ގޯނީކައްޕަލް ކިޔާ ޓްރައިބަލް އެއްގެ މީހެކެވެ. އޭނާ ވިހަން ބަނޑުގައި ރިހެން ފެށީ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅާއި ދެ އަހަރުގެ އަންހެން ދަރިފުޅު ގޮވައިގެން ޕާކުގައި އިންދަ އެވެ.
ޝޯބާ ބުނީ މަލިކާ ވިއްސާފައި ފޫޅިދަނޑި ކަނޑާލާނެ ގޮތެއް ނޭނގިގެން އުޅެނިކޮށް އެމްބިއުލެންސް އައިކަން އެއީ ނަސީބެއް ކަމަށެވެ. ކުއްޖާގެ ފޫޅުދަނޑި ބުރިކޮށްލީ އެމްބިއުލެންސްގައި ތިބި މެޑިކަލް ސްޓާފުންގެ އެހީތެރިކަމާ އެކު ކަމަށް ޝޯބާ ބުންޏެވެ.
މަލިކާ ހޮސްޕިޓަލަށް ގެންދިއުމަށްފަހު އޭނާއަށް ޒިޔާރަތްކޮށް ޝޯބާ ވަނީ ފައިސާގެ އެހީތެރިކަން ވެސް މަލިކާ އަށް ފޯރުކޮށްދީފަ އެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މަލިކާ ދިރިއުޅެނީ ފިރިމީހާ އާއެކު އެހެން ރަށެއްގަ އެވެ. ދެ މީހުން އަރާރުންވެފައި ދަރިން ކޮޅު ގޮވައިގެން އަމިއްލަ ރަށަށް ދާން މަލިކާ ދަތުރު ފެށީ އެވެ. އޭނާ ވިހަން ބަނޑުގައި ރިހެން ފެށީ މި ދަތުރު މަތީގައި ޕާކުގައި ވަރުބަލި ފިލުވާލަން މަޑުކޮށްލި ތަނާ އެވެ. މަލިކާ އާއި އޭނާގެ ދަރިން ކައިބޮއި އަދި ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދަނީ ހޮޓަލެއްގައި މަސައްކަތް ކޮށްދީގެން ކަމަށް އޭނާ ބުނެފައި ވެއެވެ.