ދުނިޔެ ތޮރުފާލައި 2020 ގައި ކޮވިޑް ފެތުރިގަތްއިރު ބަޔޮންޓެކް އަކީ ބަޔަކު ދަންނަ ނަމެއް ނޫނެވެ. އޫރު ޝާހީންއާ އޭނާގެ އަނބިކަނބަލުން އަޒްލީން ތޫރެޖާ އަކީ ކޮންބައެއް ކަމެއްވެސް ދުނިޔެ ނުދަނެވެ. މިއީ ތުރުކީ ހިޖުރަވެރިންގެ ދަރިންނެވެ. ބަޔޮންޓެކް އަކީ އޫރު ޝާހީންއާ އަޒްލީން ތޫރެޖާ 2008 ގައި އުފެއްދި ބަޔޮޓެކްނޮލޮޖީ ކުންފުންޏެކެވެ. ހެޑްކުއާޓަރު ހުންނަނީ ޖަރުމަންގަ އެވެ.
ޖަރުމަންގެ ރައީސް ފްރަންކް ވޯލްޓާ ސްޓައިންމަޔާ އެގައުމުގެ އެންމެ މަތީ ޝަރަފު އޫރު ޝާހީންއާ އަޒްލީން ތޫރެޖާއަށް އިއްޔެ، ދެއްވައިފި އެވެ. އެއީ ކޮވިޑުން ރައްކާތެރިވުމަށް އެންމެ ފުރަތަ ކާމިޔާބު ވެކްސިނެއް އުފައްދައިދެއްވައި ޖަރުމަަނަށް ހޯދައިދެއްވި ރީތި ނަމަށްޓަކަ އެވެ. ފައިޒާ-ބަޔޮންޓެކްގެ ނަމުގައި މިހާރު އާަބާދީތަަކަށް ދެމުން އަންނަ ވެކްސިން އީޖާރުކުރި މޭސްތިރިންނަކީ މި ދެ ސައިންސްވެރިންނެވެ.
ރައީސްގެ ރަސްމީ ގެކޮޅު ބެލްވިއު ޕެލަސްގައި ބޭޢްވި ރަސްމިއްޔާތެއްގައި ޖަރުމަންގެ އެންމެ މަތީ ޝަރަފު އޫރު ޝާހީން އަދި އަނބިކަނބަލުން އަޒްލީން ތޫރެޖާއަށް ދެއްވައި ރައީސް ވިދާޅުވީ "އަޅުގަނޑު ތިޔަ ދެބޭފުޅުންނަށް ޝުކުރު މިދަންނަވަނީ މުޅި ގައުމުގެ ނަމުގައި" ކަމަށެވެ. ވިދާޅުވީ ބަޔޮންޓެކްއިން ހޯދައިދެއްވީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އުންމީދަކީ ބަޔޮންޓެކްގެ ނަން ވިދަވިދާ ހުރުން ކަމަށެވެ. އަދި ޖަރުމަނަށް ރީތިނަން ހޯދަވައިދެއްވުމުގައި ދެމިތިއްބެވުމަށް ވެސް އެދިވަޑައިގަތެވެ. މިރަސްމިއްޔާތުގައި ޗާންސެލާ އެންޖެލާ މާކެލް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ކޮވިޑަށް ވެކްސިނެއް އީޖާދުކުރުމުގައި "އެމްއާރުއެންއޭ" އަކީ މުޅިން އާޓެކްނޮޖީއެއް ކަމަށާއި ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އޫރު ޝަހީންއާ އަޒްލީން ތޫރެޖާގެ ކާމިޔާބު އީޖާދު ޖަރުމަނަށް ބައިއެޅުމަކީ ވެސް އަގުނުކުރެވޭ ވަރުގެ ޝަރަފެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އޫރު ޝަހީންއާ އަޒްލީން ތޫރެޖާގެ ކާމިޔާބީއަށް ޔޫރަޕްގެ ވެރިން ވެސް ޝުކުރުއަދާކުރި އެވެ. އަދި ސިޔާސީ ލީޑަރުން ވެސް ހެޔޮބަަސް ވިދާޅުވެ ވަނީ މެސެޖް ފޮނުވާފަ އެވެ.