ވާހަކަ

ޝިކާރަ

(ދިހަވަނަ ބައި)

ޖެހިގެން އައި ހަފުތާ ބަންދެވެ. ހަމޫދު އާއިލާއާއެކު ވާސިފުގެ ސަފާރީއަށް ދާން އެއްބަސްވީ ދެފަހަރަކު ވާސިފު ގުޅައިފަ އެ ވާހަކަ ބުނުމުންނެވެ. ހަނީފާ ވެސް އެހާ ދާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ވާސިފުގެ ގޮތާއި އޭނާގެ މިޒާޖަށް ބަލައިފަ ހަމޫދު ގޮތެއް ނިންމީއެވެ.

ސަފާރީއަށް އެރި ގޮތަށް ހަނީފާގެ ބޭނުންވީ ނިދައިލާށެވެ. އަރާމުކޮށްލާށެވެ. އޭނާ ނިދަންލާ ތުނި ހެދުން ލައިގެން ފާޚާނާއިން ނުކުތެވެ.

"ނިދަނީ؟" ހަމޫދު އަހައިލިއެވެ.

"އެމީހުން އަދި ނާދެއެއްނު. އެމީހުން އައީމަ ގޮވައިލާ. އަހަރެން ބޭނުންވަނީ ކުޑަކޮށް ރެސްޓުކޮށްލަން. ނިދައިލަން. ފާޑަކަށް ބޮލުގައި އެބަ ރިއްސާ." ހަނީފާ ހިނިތުންވެލަމުން ބުނެލިއެވެ.

"ކިހިނެއްވީ؟ ސަފާރީއަށް އައިސް ނިދީމަޔޯ؟" ވާސިފު މޫނަށް ގޮތެއް ހަދައިލިއެވެ.

"ނޭނގެ. އެ ކުރުނބާ ބޮވުނު ފަހުން ހަމަ އާނފުރި ނިދި އަންނަ ގޮތްވަނީ. ވާސިފުއަށް އެހެން ނުވޭތަ؟ އަހަންނަށް ފާޑެއްގެ ރަހައެއް ވެސްލި. އެކަމަކު ވެސް ބޮއެލީ."

"ނޫން! ވަރަށް މީރު. ތިވާނީ ހީވި ގޮތެއް ކަމަށް." ވާސިފު ހިނިތުންވެލިއެވެ.

"ވެދާނެ. ނިދައިލީމަ އޯކޭ ވެދާނެ."

"އޯކޭ. އަލޫ ގޮވައިގެން އަހަރެން މިދަނީ ޕޫލަށް. އޭނާ ޕޫލަށް ދާން ބޭނުންވެގެން. ހަނީ ނިދައިލާ އިނގޭ." ވާސިފު ލޯބިން ފުރިގެންވާ ރާގެއްގައި ބުނެލިއެވެ.

ވާސިފު ވެސް އެއްޗެހި ބަދަލުކޮށްގެން ބޭރަށް ނުކުންނަން ހިނގައިގަތެވެ.

"ތަޅު ނުލައި ބަހައްޓާ! އޭރުން ވަދެވޭނީ. އެހެން ބަޔަކު ނޫޅޭނެ." ވާސިފު ފަސް އެނބުރި ބަލައިލަމުން ބުނެލިއެވެ. "އަހަރެން މިދަނީ އަލޫއާ އެކު."

ހަނީފާ ހިނިތުންވެލަމުން އެނދުގައި އޮށޯވެލިއެވެ. އޭނާ ދެ ލޯ މަރައިލި އިރަށް ލޮލު ތެރެއަށް ނިދި ސަވާރުވި ކަހަލައެވެ.

ހަމޫދު ބޭރަށް ނުކުތް އިރަށް ފޯނެއް އައެވެ. ގުޅީ ވާސިފެވެ.

"އޭ އަހަންނަށް ދެވޭނީ އިރު ސެވަން ހާއިރު އިނގޭ." ހަމޫދު ފޯނު ނެގިއިރަށް ވާސިފު ބުނެލިއެވެ.

"އޯކޭ. ވައިފް ވެސް ނިދައިފި. އެހެންވެ މަ މިދަނީ ސޮރާއެކު ޕޫލަށް. އެއީ ޕޫލަށް މަރުދޭ ސޮރެއް. ކުރިއަށް މި އޮތް ދެގަޑިއިރު ތެރޭ ޕޫލުން ސަލާމަތެއް ނުވާނެ. އެހެންވީމަ އޯކޭވާނެ." ހަމޫދު ސިޑިން ފައިބަމުން ވާހަކަދެއްކިއެވެ.

ވާސިފު ފޯނުގައި ހުރެ އަލޫކުގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭރު އަލޫކު ހުރީ ޕޫލަށް އެރެންދާން ތައްޔާރު ވެގެންނެވެ. ދޮރު ހުޅުވާލުމާއެކު އަލޫކު ގޮސް ހަމޫދުގެ ގައިގައި ބައްދާލިއެވެ. އެއް ކަންފަތުގައި ފޯނު ޖަހައިގެން ހުރެ އަނެއް އަތުން އަލޫކުގެ އިނގިލިތަކުގައި ހިފައިގެން ހަމޫދު ބޭރަށް ނުކުތެވެ. ފޯނު ބޭއްވުމަށްފަހު ހަމޫދު ބަލައިލީ އަލޫކުގެ މޫނަށެވެ.

"މިއަދު ދަރިފުޅު ބޭނުން އިރެއް ވަންދެން ޕޫލަށް އެރެންވީ. ބައްޕަ ވެސް ދަރިފުޅާއެކު ޕޫލަށް އެރޭނަން."

ހަމޫދުގެ ބޮލުން ޓީޝާޓު ދަމައިގަތެވެ. އޭނާގެ ކުރު ސޯޓު ހެޔޮކޮށްލަމުން ޕޫލާ ދިމާއަށް ހިނގައިގަތެވެ.

ހަމަ އެވަގުތެވެ. ވާސިފު ނުކުތީ ސަފާރީގެ މެދުބައިންނެވެ. ސިއްރު ސިއްރުން އޭނާ މައްޗަށް އެރިއެވެ. ހީވަނީ މީހަކަށް ފެނިދާނެތީ ބިރުން އުޅޭހެންނެވެ. ގުދުވަމުން ގުދުވަމުން ކަހަލަ ގޮތަކަށް ގޮސް މައްޗަށް އެރިއެވެ. ސަތޭކަ ވަނަ ކޮޓަރީގެ ތަޅުގައި ހިފައިލިއެވެ.

މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. ފަނޑު އަލިކަމުގެ ތެރެއިން އޭނާ ލޮލުގައި އަޅައިގަތީ ނިދިފައި އޮތް ހަނީފާގެ މޫނެވެ. ވާސިފުގެ ތުންފަތުގައި ވިހަ ހިނިތުންވުމެއް ދުވެލިއެވެ. އޭނާގެ ކަނާއަތް ހިއްލައިލިއެވެ. ބޮޑުވާއިނގިއްޔާއި ޝަހާދަތް އިނގިލީގެ މެދަށް ދަތްދޮޅި މަހައިލުމަށް ފަހު ފާޑަކަށް ފިރުމައިލިއެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން މަޑުމަޑުން އޭނާ ހިނގައިގަތެވެ. އޭނާގެ ބޮލަށް ސަވާރުވެ އިން އިބިލީހުގެ ފިޔަވަޅު މަތީ ފިޔަވަޅު އަޅަމުންނެވެ.

ވާސިފުގެ ބޮލުން ޓީޝާޓު ދަމައިގަތެވެ. ދެތިން ފިޔަވަޅު އަޅައިލުމަށްފަހު ޖީންސްގެ ގޮށްތަކުގައި ހިފައިލިއެވެ. އެއާއެކު ޖީންސް ތިރިއަށް ސޮހިގެން ދިޔައެވެ. ވާސިފުގެ ތުންފަތަށް ވެރިވީ އުފާވެރިކަމުގެ ވިހަ ހިނިތުންވުމެވެ. އޭނާ ހީވަނީ މޮޔައެއް ހެންނެވެ. ފާޑަކަށް ކޮރެއް ލައިވާލަމުން އެނދަށް ފުންމައިލިއެވެ.

ލަސް ހަރަކާތް ތަކަކާއެކު ހަނީފާގެ މޫނުގައި ވާސިފުގެ ޝަހާދަތް އިނގިލި ޖައްސާލިއެވެ. މަޑުމަޑުން ވާސިފުގެ އިނގިލިތައް ހިއްލައިލަމުން ހަނީފާގެ ނޭފަތުގައި ފިރުމައިލިއެވެ. ނޭފަތުން އިނގިލި ތިރިކޮށްލަމުން ތުންފަތުގައި އިނގިލިން ފިރުމައިލިއެވެ. އަނެއް އަތުން ހަނީފާގެ ގައި މަތީ އޮތް ރަޖާގަނޑު ދުރުކޮށްލިއެވެ. ވާސިފު މަޑުމަޑުން އިނގިލި ތިރިއަށް ޖައްސަމުން ދިޔައެވެ. ހަނީފާއަށް އެކަން އިހުސާސް ކުރެވެން ފެށި ކަހަލައެވެ. އޭނާ ލޯމަރައިގެން އޮވެ ވާސިފުގެ އިނގިލީގައި ހިފައިލިއެވެ. ވާސިފު ދިޔައީ ސިއްސައިގެންނެވެ. އެހެންވެ އޭނާ ހުއްޓުން އެރިއެވެ. ފާޑަކަށް މީހާ ގަނޑުވި ކަހަލައެވެ.

ނަމަވެސް ހަނީފާ ހަރަކާތް ހުރީ މުޅިން ތަފާތު ކޮށްނެވެ. އޭނާ ލޯ މަރައިގެން އޮވެ ވާސިފުގެ އަތުގައި ހިފައިލަމުން އޭނާގެ އަތްތިރިއަށް ގެންދިޔައެވެ. ވާސިފަށް ލިބުނީ ހައިރާން ކަމެކެވެ. އޭނާ އުފަލުން ހިނިތުންވެލިއެވެ. ބޭނުންވާ ދިމާއަށް ހުރިހާ ކަމެއް ފަހިވަމުން ދިޔުމުން އޭނާ ބަލައިލީ ސީދާ ހަނީފާގެ ތުނިތުނި ހަށިގަނޑަށެވެ.

"އަދިވެސް ގަދަބަސް ބުނާތި؟" ވާސިފު ވައި އަޑުން ބުނެލިއެވެ. "މި ފަހަރު ދެން ސަލާމަތްވާނީ ކިހިނެއް؟ ދެން އޮންނާނީ މަގޭ މަޅީގައި ބެދުން. އެކަން ވެސް ކުރާނީ އަމިއްލައަށް ރުހިގެން އޮވެ."

ވާސިފުގެ ހަރަކާތްތަކަށް ހަނީފާ މަރުހަބާ ކިޔަމުން ދިޔައެވެ. ލޯމެރިފައި އޮތަސް އޭނާއަށް ހުރިހާ ކަމެއް އެނގޭ ކަހަލައެވެ. އޭނާ ވެސް ވާސިފުގެ ފިރުމުންތަކާއި އޭނާގެ ހަރަކާތްތަކަށް އެދޭ ކަހަލައެވެ. އެހެންވެ ވާސިފުގެ ހާސްކަމާއި ބިރުވެރިކަން ބޮލުން ކެހިގެން ދިޔައެވެ. އެނދަން ވެރިވަމުން ދިޔަ ރާޅުބާނި ހަރަކާތްތަކާއެކު ވާސިފު ބޭނުންވާ ދިމާއަށް ހުރިހާ ކަމެއް ނިންމަމުން ދިޔައެވެ.

ވާސިފު ޓީވީ ހުޅުވާލިއެވެ. ޗެނަލްތައް ބަދަލުކުރަމުން ގޮސް އޭނާ ޓިއުންކޮށްލީ ޕްރިމިއަ ލީގުގެ މެޗެއްގެ ރިކޯޑިން ދައްކަމުންދާ ޗެނަލް އަކަށެވެ. ވާސިފު ހިނިތުންވެލިއެވެ. ޓީވީގެ އަޑު ކުޑަކޮށް ބާރުކޮށްލިއެވެ.

ރެފުރީއެއް ނެތަސް ވާސިފަށް ވެސް ދަނޑަށް ނުކުމެ ފުރިހަމަ މެޗެއް ނިންމާލެވޭނެ ކަމަށް އޭނާ ހިތްބުނެލިއެވެ. އޭނާ ދަނޑަށް ނުކުތީ އެހެންވެއެވެ. ދެ ބޭނުމެއް ގައެވެ. ދެ އަޒުމެއް ގައެވެ. ކޯޗެއްގެ އިރުޝާދެއް ނެތި އިދިކޮޅަށް ދެތިން ގޯލު ޖެހުމުގެ އަޒުމު ގައެވެ. އެހެންވެ ދަނޑަށް ނުކުތީ ނުވަދިހަ މިނެޓުގެ ދެ ހާފު ކުޅެން ޖެހުނަސް އެކަމަށް ތައްޔާރު ވެގެންނެވެ. އޭނާ އެއްހާފު ނިންމައިލީ ބޭނުންވި މިންވަރަށް ގޯލު ޖަހައިފައެވެ. ދެވަނަ ހާފަށް ނުކުތީ ވެސް އިތުރު ގޯލެއް ޖަހައި ތަށި ހޯދުމަށް އަޒުމު ކަނޑައަޅައިގެންނެވެ. އެކަން މިއަދު އޭނާ ހާސިލުކުރާނެއެވެ. އެވަރަށް އޭނާ ތައްޔާރުވިއެވެ.

މުޅި ކޮޓަރި ހިމޭންވިއެވެ. ޓީވީގެ އަޑު ވެސް ހިނދުކޮޅަށް ހުއްޓުނެވެ. ވާސިފުގެ ހަރަކާތްތައް ވެސް ހުއްޓުނެވެ. އޭނާ އެނދު މައްޗަށް ދެމުނެވެ. މާނޭވާއެއް ބޭރުކޮށްލިއެވެ. އޭނާއަށް ބަލައިލެވުނީ ޓީވީން ފެންނަމުން ދިޔަ މަންޒަރަށެވެ. ގޯލެއް ޖެހުމުގެ އުފާ ފާޅުކުރަމުން ދިޔަ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ހަރަކާތްތައް އޭނާއަށް ފެނުނެވެ. އެ އިހުސާސް އޭނާއަށް ވެސް ކުރެވެމުން ދިޔައެވެ. އިރުކޮޅެއް ނުވަނީސް އިތުރު މިނެޓު ފަސް މިނެޓުގެ ވަގުތު ދެއްކިއެވެ. ވާސިފުގެ ތުންފަތުގައި ލުއި ހިނިތުން ވުމެއް ދުވެލިއެވެ.

ދެވަނަ ސިކުންތުގައި އޭނާ ބަލައިލީ އަތުގައި އޮތް ގަޑިއަށެވެ. އޭރު ފަސްގަޑި ބައިވަނީއެވެ. އަވަސް އަވަސް ކޮށްލައިގެން އޭނާ ބޭރަށް ނުކުންނަށް ހިނގައިގަތެވެ. ދޮރުގައި ހިފައިލުމާއެކު އޭނާ ކަމެއް ހަނދާންވިއެވެ. ޖީބުގައި ދެ އަތުން ފިރުމައިލިއެވެ. ލޮލުގައި އަޅައިގަތީ އެނދު ކައިރީގައި ހުރި ކަބަޑު މަތީ ސްޓޭންޑުގައި ހަރުކޮށްލެވިފައިވާ އޭނާގެ ފޯނެވެ. އަވަސް އަވަހަށް ފޯނަށް ބަލައިލެވުނެވެ. ދެވަނަ ސިކުންތުގައި ހަނީފާގެ މޫނަށް ބަލައިލެވުނެވެ. އޭނާގެ ތުންފަތުގައި ވިހަ ހިނިތުންވުމެއް ދުވެލިއެވެ. ހަނީފާ އޮތް ގޮތް ފެނިފައި އޭނާ ގާތަށް ހިނި އައެވެ. ހަނީފާ އެސްފިޔަތައް ހަރަކާތްކޮށްލިހެން ހީވުމުން އަވަހަށް އޭނާ ބޭރަށް ނުކުތެވެ.

ހަނީފާއަށް ލޯ ހުޅުވާލެވުނީ ވާސިފު ބޭރަށް ނުކުތްތާ އިރުކޮޅެއް ފަހުންނެވެ. ކުއްލިއަކަށް އޭނާއަށް ސިހުން ލިބުނެވެ. އޮވެވުނު ގޮތުންނެވެ. އެނދުމަތީގައި ބާލީސްތައް ހުރިގޮތުންނެވެ. ބެޑު ޝީޓަށް އަރައިފައި އޮތް ސުނާމީ ފެނިފައެވެ. ދުރުގައި އޮތް ބެޑު ޝީޓު ނަގައި ގައިގައި އޮޅައިލިއެވެ. އޭނާގެ ބޮލުގައި ރިއްސައިލިއެވެ. ނިދީގައި އޮވެ ގޮތަކަށް އުޅެވުނު ހަނދާނެއް ވާތީ އޭނާ އެ ހަނދާންތައް އާކުރަން ބޭނުންވިއެވެ. އޭނާ އެނދަށް ނަޒަރު ހުއްޓައިލިއެވެ. ދެ ލޯ ބޮޑުކޮށްލެވުނެވެ. އޭނާއަށް ޔަގީން ކުރެވުނެވެ.

ދެވަނަ ސިކުންތުގައި އޭނާ ހިނިތުންވެލިއެވެ. ހަމޫދުގެ ސަކަރާތެއް ކަމަށް ނިންމައި އޭނާ އެނދުން ތެދުވެ ހިނގައިގަތެވެ. ފާޚާނާއާ ދިމާ އަށެވެ. ފެންވަރައިލައިގެން ތާޒާވެލުމުގެ އުއްމީދުގައެވެ. އޭނާ ފާޚާނާއަށް ވަދެ ލޯގަނޑުން މޫނު ބަލައިލިއެވެ. ލޮލުގައި އަޅައިގަތީ ހޭވިފައިވާ އޭނާގެ އިސްތަށިގަނޑެވެ. ވަރުބަލިވެފައިވާ އޭނާގެ ދެ ލޮލެވެ. އޭނާގެ ކަޅި ތަތްވީ ކުރިމަތިން ފެންނަމުން ދިޔަ އޭނާގެ ސޫރަ އަށެވެ. ލޯގަނޑަށް ބަލައިގެން ހުރެ މޭމަތީގައިވާ ނިޝާނުގައި އިނގިލި ޖައްސާ ލެވުނެވެ.

ހަނީފާ މަޑުމަޑުން ދެ ލޯ މަރައިލިއެވެ. ހީވީ އެ އިހުސާސްތައް ކުރެވުނު ހެންނެވެ. އެ މަންޒަރުތައް ލޮލަށް ސިފަވިހެންނެވެ. ކޮންމެއަކަސް އެއީ އޭނާއަށް ތަފާތު އިހުސާސެކެވެ. ތަފާތު ބީހުން ތަކެކެވެ. މަޑުމަޑުން ލޯ މަރައިގެން ހުރެ ދެ ފަރާތަށް އެނބުރިލިވުނެވެ. އޭނާއަށް ސިފަވަމުން ދިޔައީ ގޮތް ނޭނގޭ މީހަކު އޭނާގެ އަތުގައި ހިފައިގެން މަޑުމަޑުން ނަށައި ކަމުގެ އިހުސާސެވެ. އެހެންވެ ލަސްލަހުން އެ ހަމަތަކަށް އޭނާއަށް ނެށެމުން ދިޔައެވެ.
ކޮޓަރީގެ ދޮރު ހުޅުވާލި އަޑު އިވުމުން ހަނީފާ ބޯދިއްކޮށްލިއެވެ. އެތެރެއަށް ވަދެގެން އައީ ހަމޫދެވެ.

"ކޮބާ ހޭލެވުނީ؟" ހަމޫދަށް ހަނީފާ ފެނުމުން ހިނިތުންވެލިއެވެ.

"ހޭލައްވައިލީނު." ހަނީފާ ވެސް ހިނިތުންވެލިއެވެ.

"ބިލިގައިގަ ދޯ." ހަމޫދު ދެ މާނަ ދޭހަވާ ގޮތަށް ބުނެލިއެވެ.

"އަދިވެސް." ހަނީފާ ވެސް އެތެރެއަށް ހިނގައިގަތެވެ.

"ކިހިނެއްވީ؟ ނުފުދޭނެ." ހަމޫދު ލާނެތް ރާގެއްގައި ބުނެލިއެވެ.

ހަނީފާގެ ބޮލަށް ބަރުވެފައިވާ ސުވާލަށް ޖަވާބެއް ލިބުނު ކަމުގެ އިހުސާސް އޭނާށް ކުރެވުނެވެ. އެހެންވެ އޭނާ ބިލިގާއާ ދިމާއަށް ހިނގައިގަތެވެ. އޭނާ ބިލިގައިއަށް އެރުނެވެ. ދެ ލޯ މަރައިލަމުން ހަމަޖެހިލިއެވެ. ހަމޫދު ވެސް ބިލިގާ ކައިރިއަށް ހުއްޓިލިއެވެ.

(ނުނިމޭ)