ވިޒިޓް މޯލްޑިވްސް

މިޓް ފެއާގައި މުހިންމު ދެ އެވޯޑެއް ރާއްޖެއަށް

Mar 20, 2021

ރަޝިއާގެ ވެރިރަށް މޮސްކޯގައި ކުރިއަށް ގެންދިޔަ މޯލްޑިވްސް އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަން (އެމްއައިޓީޓީ) ފެއާގައި ރާއްޖެއަށް ދެ އެވޯޑެއް ލިބިއްޖެ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން ބައިވެރިވި މި ފެއާގައި ރާއްޖޭގެ ސްޓޭންޑަށް "ބެސްޓް އައިލެންޑް ޕްރެޒެންޓޭޝަން" އަދި "ބްރައިޓްރިން އެގްޒިބިޝަން" އެވޯޑު ލިބިފައިވެ އެވެ.

މި ދެ އެވޯޑު ރާއްޖެއަށް ލިބުމާ ގުޅިގެން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކެއް ބައިވެރިވި ފެއާއަކުން މިފަދަ ވަނައެއް ލިބުމަކީ ރާއްޖެއަށް ލިބުނު ފަހުރެއް ކަމަށެވެ،

"ރާއްޖެއަަށް ލިބޭ މިފަދަ ކޮންމެ އެވޯޑަކީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މިންނެތް މަސައްކަތުގެ ނަތީޖާ،" ތޮއްޔިބު ވިދާޅުވި އެވެ.

ރަޝިއާގެ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ބައިވެރިވާ މި ފެއާގައި ރާއްޖޭގެ 11 ކުންފުންޏަކުން ބައިވެރިވި އެވެ. މި ފެއާގައި ރާއްޖޭން ބައިވެރިވުމުގެ މަގުސަދަކީ ރާއްޖޭގެ މަގުބޫލުކަން ރަޝިއާގައި ދެމެހެއްޓުމެވެ.

މިޓް ފެއާއަކީ ބޯޑަރު ބަންދު ކުރިފަހުން ރާއްޖެއިން ފިޒިކަލީ ފެއާއަކަށް ގޮސް މިގޮތަށް ބޭއްވި ފުރަތަމަ ޓޫރިޒަމް ފެއާ އެވެ. މި ފެއާ ބޭއްވި ރަޝިއާއަކީ ބޯޑަރު ހުޅުވުމަށްފަހު އެންމެ ގިނައިން މީހުން އައި އެއް ގައުމެވެ.