ލައިފްސްޓައިލް

ކާރެއްގައި ދިރިއުޅުނު ޓީޗަރަކަށް ދަރިވަރުންގެ އެހީ

ގެދޮރު ނެތުމުގެ ސަބަބުން ކާރެއްގައި ދިރިއުޅުނު އެމެރިކާގެ ޓީޗަރަކަށް އޭނާގެ ކުރީގެ ދަރިވަރުންތަކެއް ދީލަތި އެހީއެއް ވެދީފަ އެވެ. އެ ދަރިވަރުންނަށް ޓީޗަރު އުޅޭ ދަތި ހާލު އެނގުމުން ފަންޑް ހޯދުމުގެ ޕްރޮގްރާމްތަކެއް ހިންގައި އެ ޕްރޮގްރާމްތަކުން އެއް ކުރެވުނު 27،000 ޑޮލަރު ޓީޗަރަށް ހަދިޔާ ކުރި އެވެ.

ޖޯސް ވިލަރުއެލް ނަމަކަށް ކިޔާ 77 އަހަރުގެ މި ޓީޗަރު ކާރެއްގައި ދިރިއުޅޭތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އޭނާގެ ކުރީގެ ދަރިވަރެއް ކަމަށްވާ ސްޓީވަން ނާވާ، 24، ބުނި ގޮތުގައި ކޮންމެ ދުވަހަކު އޭނާ އޮފީހަށް ދާއިރު އެ ޓީޗަރު ކާރު ތެރޭގައި އެކި އެކި ކަންކަން ކުރަން އުޅޭތަން އޭނާއަށް ފެނެ އެވެ.

އެހެންވެ އޮންލައިންކޮށް ފަންޑް ރެއިޒިން ޕޭޖެއް ތައްޔާރު ކޮށްގެން ޓީޗަރަށް ފައިސާ ހޯދައި ދިނުމުގެ މަސައްކަތް އޭނާ ކުރީ އެވެ. އޭނާ އުންމީދުކޮށްގެން ހުރީ 5،000 ޔޫއެސް ޑޮލަރު ވަރު ލިބޭނެ ކަމަށެވެ. ނަސީބަކުން އެއަށް ވުރެ މާ ގިނައިން ވެސް އޭނާގެ ފަންޑަށް ފައިސާ ލިބޭގޮތް ވީއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވިލަރުއެލް އޭނާގެ 77 ވަނަ އުފަން ދުވަސް ފާހަގަ ކުރިއިރު އޭނާއަށް ވަރަށް ޚާއްސަ ހަދިޔާއެއް ލިބިދާނެ ކަމަކަށް އެއްގޮތަކަށް ވެސް ހިތަކަށް ނާރަ އެވެ. ނަމަވެސް ނާވާ އާއި އޭނާ ކިޔަވައިދިން އިތުރު ދަރިވަރުންތަކެއް އެ ދުވަހު އޭނާގެ ކައިރިއަށް އައިސް އޭނާގެ އުފަން ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްދީ ހާއްސަ ހަދިޔާ ވަނީ ދީފަ އެވެ.

ވިލަރުއެލް ކާރުގައި ދިރިއުޅޭ 2013 ވަނަ އަހަރުން ފެށިގެންނެވެ. އޭނާއަކީ އާންމުކޮށް ގޭގެޔަށް ގޮސް ކުދިންނަށް ޓިއުޝަން ދީގެން އާމްދަނީ ހޯދާ މީހެކެވެ. ނަމަވެސް ކޮރޯނާ ވައިރަހުގެ ވަބާގެ ސަބަބުން ސްކޫލްތައް ބަންދުވެ ގޭގެއަށް ޓިއުޝަން ދޭން ދިއުމުގެ މަގު ބަންދުވެ ވިލަރުއެލްގެ ހާލަތު ފަހަކަށް އައިސް ވަނީ އިތުރަށް ގޯސްވެފަ އެވެ.

އޭނާ ލެޕްޓޮޕް ޗާޖް ކުރަނީ ކާރުގެ ބެޓެރިންނެވެ. އަދި ލިބޭ މަދު ފައިސާކޮޅު މެކްސިކޯގައި ދިރިއުޅޭ އާއިލާއަށް ފޮނުވާލަ އެވެ.

ވިލަރުއެލް ބުނީ އޭނާގެ ކުރީގެ ދަރިވަރުންގެ މި ހަދިޔާގެ ސަބަބުން އޭނާގެ ހާލަތު ރަނގަޅުވާނެ ކަމަށެވެ. މިއީ އޭނާ އުންމީދު ކޮށްގެން ހުރި ކަމަކަށް ނުވާތީ މި ތަޖުރިބާ އަކީ ހަގީގަތެއްކަން އަދިވެސް ގަބޫލުކުރަން ދަތި ކަމަށެވެ.