ސަލަފް ޖަމިއްޔާ

ބާވެފައިވާ މުސްހަފުތައް ރައްކާތެރިކަމާއެކު ނައްތާލަދެނީ

ބާވެފައިވާ މުސްހަފު --ކީރިތި ގުރުއާން ފޮތް-- އަދި ދުވަސްވީ ދީނީ ލިޔުންތަކާއި އިސްމުފުޅު ހިމެނޭ ކަރުދާސްތައް ރައްކާތެރިކަމާއެކު ނައްތާލުމުގެ މަސައްކަތް ޖަމިއްޔަތުއް ސަލަފުން ފަށައިފި އެވެ.

އެ ޖަމިއްޔާއިން މިއަދު ގެންދަނީ އާންމުން އަތުގައި ހުރި އެފަދަ ތަކެތި އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމަށް ހާއްސަކޮށް މާލޭގެ ހަތަރު ސަރަހައްދެއްގައި ސަލަފުން ގެންދަނީ ހަރަކާތްތަކެއް ހިންގަމުންނެވެ.

އަވަސްއާ ވާހަކަދައްކަވަމުން ޖަމިއްޔަތުއްސަލަފުގެ ފަރާތުން އައްޝައިހް މުޖްތަބާ ހަމީދު ވިދާޅުވީ ބާވެ ދުވަސްވެފައިވާ މުސްހަފުތަކާއި ދުވަސްވީ ދީނީ ލިޔުންތައް އަދި މާތްﷲގެ އިސްފުޅު ހިމެނޭ އެކި ލިޔުންތައް ރައްކާތެރިކަމާއެކު ނައްތާނުލެވި އެކަމުގެ ކަންބޮޑުވުން އާންމުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. ސަލަފުން މިއަދު ހިންގާ ޕްރަގްރާމްގައި އެފަދަ ލިޔުންތައް އެެއްކުރާނެ ކަމަށާ އަދި ކ. ހިންމަފުށީގައި އެ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލާނެ ކަމަށެވެ.

"އަޅުގަނޑުމެން މާލޭގެ ހަތަރު ސަރަހައްދެއްގައި އެފަދަ ތަކެތި އެބަ ބަލައިގަންނަން. ރަނގަޅަށް ބަންދު ކުރައްވައިގެން ގެންނެވުމުން އަޅުގަނޑުމެންގެ ޓީމުތަކުން އެތަކެތި ބަލައިގަންނާނެ. ކީރިތި ގުރުއާންގެ އާޔަތްތައް ލިޔެފައިވާ ކަލަންޑަރުތަކާއި އިސްފުޅު ލިޔެފައިވާ އެކި ލިޔުންތަކާއި ބާވެފައިވާ މުސްހަފު ފަދަ ތަކެތި މި ބަލައިގަންނަނީ،" މުޖްތަބާ ވިދާޅުވިއެވެ.

ސަލަފުގެ ޓީމުތަކުން ހަރަކާތްތެރިވަނީ ހީނާމާގެ ޕާކިން އާއި އަމީނީ ބިލްޑިން ކައިރިން އަދި އަރަބިއްޔާ ސްކޫލް ސަރަހައްދުގެ އިތުރުން ވެސްޓްޕާކް ސަރަހައްދުގައެވެ. މީގެ އިތުރުން ހުޅުމާލޭގައި ރެޑްވޭވް ކައިރިން ވަގުތީ މިސްކިތް ކައިރީ ސަލަފުގެ ޓީމެއް ހަރަކާތްތެރިވެއެވެ.

މިހާރުވެސް ވަރަށް ގިނަ މީހުން ވަނީ އެފަދަ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ނައްތާލުމަށް އެ ޓީމުތަކާއި ހަވާލުކޮށްފައެވެ.

މުޖްތަބާ ވިދާޅުވީ ސަލަފުން އެ މަސައްކަތް ކުރިއަށް ގެންދަނީ ހެރިޓޭޖް މިނިސްޓްރީ އާއި ފުލުހުންގެ އެހީތެރިކަންވެސް ލިބިގެން ކަމަށެވެ. ކޮންމެ ސައިޓެއްގައިވެސް ހެރިޓޭޖް މިނިސްޓްރީގެ އޮފިޝަލަކު ދަނީ ހަރަކާތްތެރިވަމުންނެވެ.

މިއަދުގެ ހަރަކާތް ހަވީރު ފަހެއް ޖަހަން ދެން ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

ދިވެހިންގެ ދީނީ ހޭލުންތެރިކަމަށް އެންމެ ބޮޑު މަަސައްކަތެއް ކުރާ ޖަމިއްޔަތުއް ސަލަފަކީ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ދީނީ އިލްމުވެރިން ހިމެނިވަޑައިގަންނަވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ގެންދަނީ ވަރަށް ފުޅާ ދާއިރާއެއްގައި ދިވެހިން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރަމުންނެވެ. ޓީވީ އާއި ރޭޑިއޯ ޕްރަގްރާމްތައް އުފައްދާ އަދި ސަލަފުގެ ސޯޝަލް މީޑިއާ ވަސީލަތްތައް ބޭނުންކޮށްގެންވެސް ޕްރަގްރާމްތައް އުފައްދައިގެން ގެނެސްދެއެވެ. އަދި މާލެ އާއި އެކި ރަށްރަށުގައި ސިލްސިލާކޮށް ދީނީ ދަރުސްތައް ކުރިއަށް ގެންދިއުމާއި އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ހާއްސަކޮށްގެންވެސް އެކި ޕްރަގްރާމްތައް ކުރިއަށް ގެންދެއެވެ.