ޓޫރިޒަމް

ފްރާންސްގެ ދެމަފިރިއަކު ރާއްޖެއަށް 63 ދަތުރު

ފަސްދޮޅަސް ތިން ފަހަރު ރާއްޖެއައި ދެ ފަތުރުވެރިއަކަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ފްރާންސަށް ނިސްބަތްވާ ދެމަފިރިން ކަމަށްވާ މާޓް ނިޓަލް އާއި ނެޓަލީ ނިޓަލް ރާއްޖެ މިފަހަރު އައީ ކޮކޯ ޕާމް އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަކުރާށެވެ. މިއީ އެ ދެމަފިރިންނަށް ވަރަށް ހާއްސަ ދަތުރަކަށްވިއެވެ. ރާއްޖެއަށް ދަތުރުކުރުމަށް ހާއްސަ ލޯތްބެއް އޮތް އެ ދެމަފިރިން ކޮކޯ ޕާމް ރިސޯޓުގައި ޗުއްޓީ ހޭދަކުރާ މިއީ ތިން ވަނަ ފަހަރެވެ. އަދި ރާއްޖޭގައި ޗުއްޓީ ހޭދަކުރާ 63 ވަނަ ފަހަރެވެ.

އެ ދެމަފިރިން ރާއްޖެ އައުން ފާހަގަކުރުމުގެ ގޮތުން ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައި މަރުހަބާ ކިޔައިފަ އެވެ. އެކަން އިންތިޒާމް ކުރީ ޓޫރިޒަމް މިނިސްޓްރީ އާއި ކޮކޯ ޕާމް ރިސޯޓް ހިންގާ ކޮކޯ ކަލެކްޝަން ގުޅިގެންނެވެ. އެ ދެމަފިރިން ރިސޯޓަށް ދިއުމުން އެ ރިސޯޓުންވެސް ވަނީ މަރުހަބާ ކިޔާފައެވެ.

ކޮކޯޕާމްއިން ބުނީ އެ ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިން އެނބުރި އެ ރިސޯޓަށް އަންނަކަން ފާހަގަވެފައިވާ ކަމަށެވެ.

ރާއްޖެއަށް 60 ވަނަ ދަތުރުކުރި ފަތުރުވެރިއަކަށްވެސް ޓޫރިޒަމް މިނިސްޓްރީން މިދިޔަ ހަފްތާގައި ހޫނު މަރުހަބާ އެއް ކިޔައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.