މުސްލިމު ކައިވެނިތަކުގައި ވަރަށް ބޮޑެތި އަދަދުތަކުން ރަން ކިއުމަކީ އާއްމު ކަމެކެވެ. ހާއްސަކޮށް މުއްސަނދިން ކައިވެނި ކުރާއިރު ވަރަށް ގިނަ ފައިސާއަށް ނުވަތަ އަގުބޮޑު މުދަލަކަށް ރަން ކިޔާ އުޅެ އެވެ. ނަމަވެސް ޕާކިސްތާނުގެ އަންހެނަކު އޭނާގެ ވާން އުޅޭ ފިރިމީހާގެ އަތުން ބޭނުންވީ ވަރަށް ތަފާތު އެއްޗެކެވެ.
ނާއިލާ ޝިމާލް ނަމަކަށް ކިޔާ ޒުވާން މި އަންހެންމީހާ އަކީ ޕްރޮފެޝަންގެ ގޮތުން ލިޔުންތެރިއެކެވެ. އެހެންވެ ކައިވެނީގެ ރަނެއްގެ ގޮތުގައި ވެސް އޭނާ ބޭނުންވީ އެއް ލައްކަ ރުޕީސްގެ ފޮތެވެ.
ސޯޝަލް މީޑިއާގައި ވަރަށް ފަހުން ވައިރަލް ވެގެން އުޅޭ ވީޑިއޯއެއްގައި ޝިމާލް އަލަތު ކައިވެނީގެ ހެދުން އަޅައިގެން އިނދެ ވަރަށް ހާއްސަ މެސެޖެއް ދީފައި ވެއެވެ.
"އެންމެންނަށް ވެސް މިހާރު އެނގިފަ އޮންނާނީ އަހަރެން ކައިވެނީ ރަނަކަށް ބޭނުންވީ އެއް ލައްކަ ރުޕިސްގެ ފޮތްކަން،" ޝިމާލް ބުންޏެވެ.
މިހާ ގިނަ ފޮތަށް ރަން ކީ ސަބަބު ވެސް ޝިމާލް ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ގައުމު ޕާކިސްތާނުގައި އިންފްލޭޝަން މަތިވެ ތަކެތީގެ އަގު ބޮޑުވަމުންދާތީ އަގުބޮޑު ހަދިޔާ ގަތުމަކީ މިހާރު ގިނަ މީހުންނަށް ކުރެވޭ ވަރުގެ ކަމަކަށް ނުވާނެ އެވެ. އަދި ކުރީގެ ގޯސް ސަގާފަތްތައް ނައްތާލުމަކީ ވެސް މުހިއްމުކަމެއް ކަމަށް އޭނާ ދެކެ އެވެ.
އިތުރަށް ބުނި ގޮތުގައި ގިނަ އަންހެނުން ކައިވެނީގެ ރަނުގެ ގޮތުގައި ދޭން އެދެނީ އަގު ބޮޑު ގަހަނާ ނުވަތަ ގިނަ އަދަދެއްގެ ފައިސާ އެވެ. ނަމަވެސް އޭނާއަކީ ލިޔުންތެރިއަކަށް ވާތީ ފޮތުގެ މުހިއްމުކަން އެހެން މީހުންނަށް ވެސް ދައްކާލުމަކީ މުހިއްމުކަމެއް ކަމަށް އޭނާއަށް ގަބޫލު ކުރެވެ އެވެ.
"ފޮތްތަކަކަށް ރަން ކީ ހަގީގި ސަބަބަކީ ފޮތުގެ އަގު ވަޒަން ކުރުން. އަދި އެހެން މީހުންނަށް ވެސް މިރޮނގުން އިރުޝާދު ދިނުން،" ޝިމާލް ބުންޏެވެ.
ޝިމާލްގެ މި ވީޑީއޯ އެތައް ލައްކަ ބަޔަކު ބަލައި އެތައް ހާސް ބަޔަކު ކޮމެންޓް ކޮށްފައި ވެއެވެ.