ކަސްރަތު

ދަ ހެމާގެ ބޮޑީ ޓްރާންސްފޮމޭޝަން ޕްރޮގްރާމް ނިންމާލައިފި

Mar 21, 2021

"ދަ ހެމާ" ޖިމްގެ "ލޫސް ޓް ވިން" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމައިލައި ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމްތައް ހަވާލު ކޮށްފި އެވެ.

ބޮޑީ ޓްރާންސްފޯމް ޕްރޮގްރާމެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުން ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް ބައިލައްކަ ރުފިޔާ ދިނެވެ. އެއް ވަނައަށް ދިޔަ ފަރާތަށް 30،000ރ. ދިނެވެ. އަދި ދެވަނައަށް ދިޔަ ފަރާތަށް 15،000ރ. އަދި ތިން ވަނައަށް ދިޔަ ފަރާތަށް 5،000ރ. ދީފައި ވެއެވެ.

މިދިޔަ ޑިސެމްބަރުގައި ފަށައި މި މަހުގެ 10 ވަނަ ދުވަހު ނިންމައިލި މި ޕްރޮގްރާމްގެ ބައިވެރިން ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަަމަށް ދަ ހެމާ ޖިމުން ބުންޏެވެ.

އެ ޕްރޮގްރާމްގައި އެއްވަނަ ހޯދި އަބްދުﷲ ޖަލާލް ވަނީ 15.4 ކިލޯ ލުއި ކޮށްފަ އެވެ. ދެވަނަ ހޯދި މުހައްމަދު ފާރިޒް ވަނީ 16.7 ކިލޯ ލުއި ކޮށްފަ އެވެ. ތިން ވަނައަށް ދިޔަ ނާއިލް ހާޝިމް 10.3 ކިލޯ ލުއި ކުރި އެވެ.

ދަ ހެމާ ޖިމް އިން ބުނީ ވަނަވަނައަށް ހޮވާފައި ވަނީ ހަމައެކަނި ހަށިގަނޑުން ލުއި ކުރި ކިލޯގެ ނިސްބަތަށް އެކަނި ބަލާފައި ނޫން ކަމަށެވެ. ސިއްހީ ދުޅަހެޔޮ ކަމަށާއި، ބޮޑީ ކޮންޑިޝަނިން އާއި ހަށިގަނޑުގެ ބައްޓަމާއި ޕްރޮގްރާމް ނިމެންދެން ދެއްކި ހިތްވަރަށް ވެސް ބަލައިފައިވާނެ ކަމަށެވެ.

މި ޕްރޮގްރާމް ހިންގާފައި ވަނީ ދެ ޖިންސުގެ މީހުނަަށް ހާއްސަކޮށް ޖިމް އިންސްޓްރަކްޓަރުންގެ ބެލުމުގެ ދަށުންނެވެ.