ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމަމުން ދަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅު ވެއްޖެ އެވެ.
ޑީޑީ ވިދާޅުވީ ފުރަތަމަ ވެސް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ.
އޭނާ ވިދާޅުވާ ގޮތުގައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫޫނުގައި، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ތަންޒީމު ކޮށްފައިވަނީ ފާނޫނުއަސާސީގެ 11 ވަނަ ބާބުގައި ބަޔާންވެގެންވާ އަސާސީ ތިން ކަމަކަށް ރިޢާޔަތްކުރުމަކާ ނުލައި ކަމަށެވެ.
މީގެ އިތުރުން ޑީޑީ ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރަމުން ދަނީ ގާނޫނު އަސާސީ އާއި އެއްގޮތަށް ކަމަށް ބެލެން ނެތް ކަމަށާއި ރައްޔިތުންގެ އަސާސީ ހައްގުތަކަށް އިހުތިރާމު ކުރަން ޖެހޭ ކަމަށެވެ.
ޑީޑީ މިހެން ވިދާޅުވި އިރު، މާލެ އާއި ހުޅުމާލެ އާއި ވިލިނގިލި އަދި ތިލަފުށްޓާއި ގުޅީފަޅުގައި ހިންގާ ކެފޭ އާއި ހޮޓާ / ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެން ހިދުމަތް ރޭގަނޑު 8:00 އިން ފެށިގެން ހުއްޓާލަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގި އެންގުން އިއްޔެ ވަނީ އިތުރު ހަތަރު ދުވަހަށް ވަނީ ދަމާލައިފަ އެވެ.
މީގެ އިތުރުން، ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް މި މަހުގެ ދެވަނަ ދުވަހު ވެސް ވަނީ ވަރުގަދަ ކޮށްފައެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.