މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ސީއީއޯއެއް ހޯދަނީ

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އަށް ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) އެއް ހޯދަން އިއުލާނު ކޮށްފި އެވެ.

ދެހާސް ބާރަވަނަ އަހަރު ތަސްދީގުކުރި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އެފްޕީއޭ ހިންގަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ހަތް މެންބަރުންގެ ބޯޑެއްގެ ބެލުމުގެ ދަށުންނެވެ.

އެ ބޯޑުގެ ލަފާގެ މަތިން އެފްޕީއޭގެ ކަންކަން ހިންގައި ބަލަހައްޓާނީ އޮތޯރިޓީގެ ސީއީއޯ އެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނީ ފަސް އަހަރުގެ މުއްދަތަަކަށް، ޖެންޑާ މިނިސްޓަރުގެ ލަފަޔާއެކު އޮތޯރިޓީގެ ބޯޑުންނެެވެ.

ސީއީއޯގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ދީފައި ވެއެވެ. ޝަރުތެއްގެ ގޮތު މަގާމާ ގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗްލާސް ޑިގްރީއެއް ހާސިލްކޮށް ފަސް އަހަރުގެ ތަޖުރިބާ ހުރުން ހިމަނާފައި ވެއެވެ. މި މަގާމަށް އައްޔަން ކުރާ ބޭފުޅަކަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 35،500ރ. ދެ އެވެ.