އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އިންޑިއާ އަށް ވަޑައިގެންފި އެވެ.
މިނިސްޓަރު މައުސޫމުގެ އަރިހުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދުވެސް ވަނީ އިއްޔެގެ ވަގުތެއްގައި އިންޑިއާ އަށް ވަޑައިގެންފަ އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 13 ކުންފުންޏަކާއި ފަތުރުވެރިކަމުގެ ދާއިރާއަށް އެކި ގޮތްގޮތުން އެހީތެރިވާ 22 ފަރާތަކުން މިދަތުރުގައި ބައިވެރިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖެ އިޝްތިހާރު ކުރުމަށް މިނިސްޓަރު އިންޑިއާއަށް ވަޑައިގެންނެވި ނަމަވެސް މި ހަރަކާތްތައް ކުރިއަށް ގެންދަނީ އެމްއެމްޕީއާރްސީން ކަމަށެވެ.
ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން މާދަމާ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ރޯޑް ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ. އަދި އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދިނުމުގެ ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.
މީގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދުގައި ބާއްވާ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު އެއް ފެއާ ކަމުގައިވާ ސައުތު އޭޝިއާ ޓްރެވެލް އެންޑް ޓޫރިޒަމް އެކްސްޗޭންޖް (ސާޓޭ) ފެއާގައި މިނިސްޓަރު މައުސޫމު ބައިވެރިވެވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ މަސައްކަތްތަކެއް އިންޑިއާގައި ފެށުމަށް ތައްޔާރުވަމުންދާއިރު ރާއްޖެއަށް މިވަގުތު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ވެސް އިންޑިއާ އިންނެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 44 ފެއާ އެއްގައި ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރްސީން ވަނީ ނިންމާފަ އެވެ.