(18 މާރިޗު 2021 އާ ގުޅޭ)
ނޯޔާ އޭނާއަށް އެ ބުނެދިނީ އޭނާގެ ހައިސިއްޔަތެވެ. ސާބިތުވެ ހުރި އަންހެނަކު ފަދައިންނެވެ. ލޫނާ އަޖައިބުވެއްޖެ އެވެ. އެފަދަ ވާހަކަތަކެއް ލޫނާ ދެއްކިއިރު އޭނާއަށް ވެސް އަސްލަންއާއި ނޯޔާގެ ގުޅުމާ ބެހޭ އެއްވެސް ކަމެއް ނޭނގެއެވެ. އެ ދެމަފިރިންގެ ދިރިއުޅުމުގެ ހާލަތު ދެނެގަންނަން ނޭނގެއެވެ. އެހެންވިޔަސް އޭނާ ނޯޔާގެ ގޮތް ބަލާލީ އެވެ.
ނޯޔާ އެތެރެއަށް ވަނުމުން ވެސް ހިޔާލުތަކުގެ ތެރެއަށް ގެއްލި ލޫނާއަށް ހުރެވުނީ އެވެ. އަދި މިހާވަރުން ހިތްވަރު ދޫކޮށްލުމުގެ ގަސްދެއް ލޫނާގެ ނެތެވެ. އޭނާގެ ހިތުގެ މުރާދު ހާސިލުވާން ކައިރި ވެސް ނުވެއެވެ. އޭނާއަކީ ވެސް ބޭނުންވިކަމެއް ހާސިލު ކުރާނޭ ކަހަލަ ފިސާރި އަންހެނެއްކަން ނޯޔާއަށް ދައްކާލާނެ އެވެ. ފުރަތަމަ ކުރިމަތިލުން ތޮޅިޔަށް ދިޔަސް ހިތްވަރު އެލުވާނުލާ ކަމަށްވަނީނަމަ މޮޅު ލިބުމުގެ ފުރުސަތު ބޮޑެވެ. ކާމިޔާބު ކޮށްފައި ނޫނީ ހިންދެމިލުމުގެ ވިސްނުމެއް ލޫނާގެ ނެތެވެ. ނެތްވަރުގެ ރަނގަޅު މީހަކަށް ވެގެން ނޯޔާއަށް ކެތް ކުރެވެނީ ކިހާ ދުވަހުތޯ އޭނާ ވެސް ބަލާނެ އެވެ. އަސްލަންގެ ހިތާއި ކުދީންގެ ހިތް މިލްކުކޮށްފައި ނޫނީ ހުއްޓައެއް ނުލާނެ އެވެ.
* * * *
ދުވަސްތައް ފާއިތުވަމުން ދިޔައިރު ނޯޔާގެ ފޫހިކަންވީ އިތުރެވެ. އަސްލަންއާ ދިމާއަށް އެއްވެސް އެއްޗެއް ބުނާކަށް ނޯޔާއަކަށް ނުކެރެ އެވެ. އޭނާއަށް ލޫނާ އެނގެން ފެށީ އިހަށް ދުވަހެވެ. އަސްލަންގެ އަނތްބަކަށް ނޯޔާ ވުމުގެ މާ ކުރިން ވެސް ލޫނާއާއި އަސްލަންއާ ދެމެދު ގާތް ރަހުމަތްތެރިކަމެއް އޮތީ ގާއިމްވެފަ އެވެ. ހާއްސަކޮށް އަސްލަންގެ ކުރީގެ އަނބިމީހާއާ ލޫނާގެ ގާތްކަން ބޮޑެވެ. އެއްޗެކޭ ބުނަން ހިތަށް އަރާފައި ވެސް ނޯޔާ ހިމޭން ވަނީ އެހެންވެ އެވެ. އަސްލަންއާ މެދު ވިސްނާލާފަ އެވެ. އެކަމަކު ލޫނާއަށް ފުރުސަތު ދީގެން ހުންނާކަށް ނޯޔާ ބޭނުމެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ ވެސް މޮޅު ރޭވުމެއް ރޭވި އެވެ. ހަވީރު ލޫނާ އަންނަންވާއިރަށް ދައްތަ، ނެހާ އާއި ރިދާނު ވެސް އެބަޔަށް ގެންނަނީ އެވެ. ބައްޕައަށް އާދެވޭ ދުވަހެއްނަމަ ބައްޕަ ވެސް އެބަޔަށް ގެނައެވެ. ޔަގީނުން ވެސް ނާދެވޭނެ ބަޔަކީ ސަބީނާ އާއި ރޫމާ އެވެ. ނޯޔާއަށް ވެގެންވަންޏާ އާއިލާގެ ހުރިހާ މެންބަރުން އެވަގުތަށް އެ އެޕާޓްމެންޓަށް އެއްކުރީހެވެ. ކޮންމެ ގޮތަކުން ވިޔަސް ކުރެވުނީ ރަނގަޅު ކަމެކެވެ. ލޫނާގެ ފީކަޅާ ވާހަކަތަކުން ނޯޔާއަށް ލުޔެއް ލިބުނެވެ. އެންމެންގެ ކުރިމަތީ ގޮތް ދައްކާކަށް އޭނާއަށް ފުރުސަތެއް ނުލިބެއެވެ. ކުދީންނާ ގުޅުން އުފައްދަން އޭނާ ގަސްދުކުރީ އެކުދީންނަށް ގެންނަން ފެށި ހަދިޔާ ތަކުންނެވެ. ނަމަވެސް ނެހާ އަންނަން ފެށުމުން ސާރާއާއި މަލްސާގެ ސަމާލުކަން އަތުލީ ދައްތަގެ ދަރިފުޅެވެ. ހިމޭންވެފައި ލޫނާ އިންނައިރު އެ މަޖިލީހުގައި އިންނަން ނުޖެހޭ މީހަކީ އޭނާކަން އިހްސާސްވާނެއެވެ. އޭނާއާ ކިރިޔާއާ ވެސް އަނގައިން ބުނެލަނީ އަސްލަން އެވެ. އެފަދަ ކޮންމެ ވަގުތަކު ނޯޔާއަށް ދަތްކުނޑިވިކާލެވެ އެވެ. އެވަރުން ލޫނާއަށް ވިސްނޭނެ ނަމައޭ ނޯޔާ ހިތަށް އަރައެވެ. ހަގީގަތުގައި ލޫނާ ބާކީ ކޮށްލާކަށް ނޯޔާ ބޭނުމެއް ނޫނެވެ. ލޫނާއަކީ އަސްލަންގެ ރައްޓެއްސަކަށް ވާތީ އެ ގުޅުމަށް އިހްތިރާމް ކުރަން ނޯޔާ ބޭނުމެވެ. އެކަމަކު ލޫނާ ފާޅުކުރީ މުޅިން ތަފާތު ޝައުގުވެރި ކަމެކެވެ. އެކުވެރިއަކަށް ވުމުގެ ހިޔާލު އޭނާގެ ނެތްކަން ނޯޔާއަށް ދެނެގަންނަން އެނގުނީ އެހެން ވެއެވެ. ފިރިމީހާއާ ދެމެދު އޮތް ގުޅުން ކޮންމެ ގޮތަކަށް އޮތް ނަމަވެސް އެ ދެމެދަށް އެހެން މީހަކު ވަންނަން އުޅޭކަން އެނގި އަޅާނުލާ ނޯޔާއަކަށް ނުހުރެވޭނެ އެވެ. އަސްލަންގެ ދުލުން އެހެން އަންހެނަކަށް ޝައުގުވެރިކަން ފާޅުކުރާ އަޑު ނީވޭހާ ހިނދަކު ނޯޔާ ގޮތެއް ދުލެއް ނުކުރާނެއެވެ. ފިރިމީހާއަކީ ހަމައެކަނި އޭނާގެ ހައްގެކެވެ.
ހަފްތާ ބަންދު އަންނަންވީއިރު މަލްސާ މޫދަށް އެރޭ ހިތުން އަވަދިވަނީ އެވެ. ޢާއިލާ ތެރޭ އެ ވާހަކަ އެކުއްޖާ ނުދައްކާ މީހަކު ނެތެވެ. ރޫމާއާއި އައްޔޫބުމެންގެ ގެއަށް ހަވީރު ދިޔައީތީ އެގޭތެރޭގައި އެ ވާހަކަ އެކުއްޖާ ދައްކައިފިއެވެ. ދަތުރެއް ރޭވުމުގެ ޚިޔާލު އުފެދުނީ އެހިސާބުންނެވެ.
އަސްލަންއަށް ނޯޔާ އުޅޭ ގޮތް ފެނެ އެވެ. ހިޔާލުތަކަށް ގެއްލި ހުރެ ތުން އަނބުރާލާއިރު އެ ތުންކޮޅުގައި ހިފަން ކިތަންމެ ފަހަރަކު އޭނާ ހިތަށް އަރައެވެ. ނޯޔާގެ ނުރުހުމުގައި ވެސް ވަނީ ގަޔާވާ ފަދަ އަސަރެކެވެ. ދުރުދުރުން އުޅޭ ނޯޔާއާ ވާހަކަ ދައްކަން ބޭނުން ވިޔަސް ފަށާނީ ކީކޭ ކިޔާފައި ކަމެއް އަސްލަންއަށް ނޭނގުނެވެ. ދެމެދުގެ ހުސްކަން ދިގު ލައިގެން ދިޔައީ އެހެންވެ އެވެ. ނޯޔާގެ މޫނުން ފެންނަ ފުޅާ ހިނިތުންވުން ފަނޑުވުމަކީ އަސްލަންއަށް އެކަމާ ނުވިސްނާ ދޫކޮށްލެވޭވަރު ކަމެއް ނޫނެވެ. އަނބިމީހާގެ ހިނިތުންވުން ފަނޑުވާން ފެށީ އެގެއަށް ލޫނާ އަންނަލެއް ގިނަ ވެގެން ކަން އަސްލަންއަށް ވެސް އޮތީ ފާހަގަ ވެފަ އެވެ. އެކަމަކު ލޫނާއާމެދު ނޯޔާ ގަޔާ ނުވާންވީ ސަބަބެއް ނޭނގެ އެވެ. އޭނާ ހީކޮށްގެން ހުރީ ނޯޔާއަކީ މީހުންނާ ގުޅޭ މިޒާޖުގެ އަންހެން ކުއްޖެއް ކަމެވެ. ކުރިން އިސްނަގާ އުސޫލުން ނޯޔާ ވާހަކަ ދައްކަން އިސްނަގައެއް ނޫޅެއެވެ. އެ އަޑު ނީވުމަކީ ބަޔާން ކުރަން ނޭނގޭ ނުތަނަވަސްކަމެއް އަސްލަންގެ ހިތަށް ވެރިކުރުވާ ކަމެކެވެ. ގޭތެރޭގައި އުޅޭ ރޮބޮޓެކޭ ނޯޔާއެކޭ ތަފާތެއް ނެތެވެ. ލޯތްބާއެކު ބަހެއް ބުނެލާތަން ފެންނާނީ ހަމައެކަނި ކުދީންނާ ވާހަކަ ދައްކާއިރު އެވެ. ދެ އާއިލާ އެކުގައި ދަތުރެއް ދިއުން ރަނގަޅު ހިޔާލަކަށް ވެދާނޭ އަސްލަންއަށް ވެސް ހީވީ އެހެންވެއެވެ. ފަހަރެއްގައި ގޭތެރޭގެ މާހައުލާ ދުރަށް ނޯޔާ ދިއުމުން ހިތްހަމަޖެހިދާނޭ ހީކޮށެވެ.
"ހުރިހާ ކުދީން ދަތުރުދާއިރު ޑެޑީއާއެކީ މަންމަ ދާނަންތޯ އަހާލަބަލަ." މަލްސާގެ ވާހަކައިގެ ތެރެއިން އަސްލަން ބުނެލި އެވެ. އެ އަޑު ޖެހިގެން ހުރި ސޯފާގައި އިން ނޯޔާއަށް އިވުނެވެ. މީނޫނީ އަސްލަންގެ ވާހަކައިގަ ނޯޔާއަކީ މަންމައޭ އިޝާރާތް ކޮށްފައެއް ނުވެއެވެ. މާނަވީ ބެލުމަކުން ނޯޔާއަށް ބަލާލެވުނީ އެހެންވެއެވެ. އަސްލަންގެ ނަޒަރު ހުރީ ނޯޔާއަށް އަމާޒުވެފައެވެ. ސޯފާއަށް ކޮޅަށް ތެދުވެ ހުރި މަލްސާ އަވަސްއަރުވާލުމުގެ ރާގުގައި ސުވާލުކުރިއެވެ. ޚުދު ނޯޔާއަށް ވެސް އެހިނދު އެވީގޮތެއް ނޭނގުނެވެ. އަސްލަންގެ ބެލުމުގައި ހުރި ގާތްކަން އޭނާއަށް އިހްސާސް ކުރެވުނެވެ. ލުއި ހިނިތުންވުމެއް ވެރިކޮށްލުމާއެކު ނޯޔާއަށް ބޯޖަހާލީއެވެ. އެއްބަސްވުމުގެ އިޝާރާތެއްގެ ގޮތުންނެވެ. އޭނާ އަޖައިބުވީ އަސްލަންގެ ތުންފަތް ކުޑަކޮށް ނަމަވެސް ދެމިލިތަން ފެނިފައެވެ.
"ވަރަށް ލަސްވެއްޖެ... އަވަހަށް ހޭލައިގެން ދަތުރު ދެވޭނީ، އަވަހަށް ހޭލެވޭނީ..."
"އަވަހަށް ނިދީމަ، މަލް އެންމެ ކުރިން ނިދާނީ..." އަސްލަންގެ ވާހަކަ ފުރިހަމަ ކޮށްލަމުން މަލްސާ ސޯފާއިން ފުއްމާލި އެވެ. ދުވެފައި ގޮސް ކޮޓަރިއަށް ވަނީ އެވެ. ދަތުރުދާން ބޭނުންވެފައި ހުރި ވަރުންނެވެ.
ކުދީންގެ ކޮޓަރިން އަސްލަން ނުކުންނަންދެން ނޯޔާ އިންތިޒާރު ކުރިއެވެ. އަސްލަންގެ ފަރާތުން ކުޑަކުޑަ އިޝާރާތެއް ވެސް އޭނާއަށް ފުދެ އެވެ. އެގޮތުން އަސްލަން ކިތަންމެ ކުޑަކޮށް ނަމަވެސް ހިނިތުންވެލި ގޮތް ނޯޔާއަށް ފުދުނީ އެވެ. ނިދަން ދިއުމުގެ ކުރީން ފިރިމީހާއާއެކު މަޑުކޮށްލަން ނިންމީ އަމިއްލަ ހިތްހަމަޖެހުމަށެވެ. މަހާލެވިފައިވާ ބުރުގާގައި ނޯޔާއަށް އަތްލެވުނެވެ. ބުރުގާ ބާލަން އޭނާ ހިތަށް އަރަނީ އެވެ. ބޮލުގައި ޖަހާފައި ހުރި ހުޅި ނައްޓާލައި އެ ދިގު އިސްތަށިގަނޑު ނިއުޅާލަން ބޭނުންވަނީ އެވެ. އަސްލަންގެ ކުރިމަތީ އެފަދައިން އޭނާ ހުރެއްޖެނަމަ ފިރިމީހާ ކަންތައް ކުރާނޭ ގޮތަކާމެދު ނޯޔާއަށް ހިޔާލު ކުރެވެނީ އެވެ. އޭނާގެ ވިސްނުން މިފަދަ ގޮތަކަށް ބަދަލުވާނޭ ނޯޔާ ހިޔެއް ނުކުރެއެވެ. އެކަނި އިނދެ އަމިއްލަ ހިޔާލުތަކާމެދު އޭނާއަށް ހީނލެވުނެވެ.
ކުދީންގެ ކޮޓަރިން ނުކުމެ އަސްލަން ބަލާލީ އޭނާ ނުކުންނަންވާއިރަށް މިރޭ ވެސް ނޯޔާ ކޮޓަރިއަށް ވަނީތޯ އެވެ. ގޭތެރޭގެ ބޮކިތައް ހުރީ ނިވާލާފަ އެވެ. ނިދަން ދިއުމުގެ ކުރީން ބަދިގޭ ކަބަޑު ސެޓު ކައިރީ ދިއްލާ ބޮކި ފިޔަވަ އެވެ. އެ ފަނޑު އަލިކަމުގެ ތެރެއިން އަސްލަންއަށް ސޯފާގައި ނޯޔާ އިންތަން ފެނުމުން ކުރިއަށް ފިޔަވަޅު އަޅާލެވުނީ ބޭއިޚްތިޔާރުގައި ކަހަލަ އެވެ. މަޑުމަޑުން އައިސް ސޯފާގެ އަނެއްކޮޅުގައި އަސްލަން އިށީނެވެ. އިރުކޮޅަކު ދެ މީހުން ވެސް ތިބީ އެކަކު އަނެކަކަށް ފުރުސަތު ދީގެން ކަހަލަ އެވެ.
"ނިމުނީތަ ހުރިހާ ކަމެއް" އަސްލަން އަހާލި އެވެ. ނޯޔާ ހަމައެކަނި ލައްވާލީ ހޫނ އެކެވެ. ފަނޑު އަލިކަމުގައި ވެސް ދެ ޒުވާނުންގެ ނަޒަރު ސީދާވެލި އެވެ.
"ހޫނު ނުވޭތަ؟" އަސްލަން މިހެން އަހާލިއިރު އޭނާގެ އަތުން ނޯޔާގެ ބުރުގާއަށް އިޝާރާތްކޮށްލިއެވެ. އަދި ރޭގަނޑުގެ އެވަގުތުގައި އެބަޔަށް އިތުރު މީހަކު ނާންނާނޭ އަސްލަން ބުނެލި އެވެ. ނޯޔާއަށް ޔަގީނެއް ނުވިއެވެ. އަޑެއް ލައްވާލެވުނީ ކީކޭހޭ އަހާލާ ފަދައަކުންނެވެ. އަސްލަންއަށް ސީދާ ބަހުން ބުނާކަށް ނުކެރުނެވެ. އެހެން ނަމަވެސް އޭނާ އަނެއްކާވެސް އިޝާރާތުން ދައްކާލީ ނޯޔާގެ ބުރުގާ އެވެ. އަސްލަން އިޝާރާތް އެކުރަނީ އެ ބުރުގާ ނެގުމަށްކަން ނޯޔާއަށް އެނގެ އެވެ. ރަކިވެފައި އިނދެ ނިތްކުރިމަތިން ބުރުގާއަށް ނޯޔާ ދަމާލި އެވެ. ބޮލުން ވަކިވެ އުނގަށް ބުރުގާ ވެއްޓުނެވެ. ނިތްކުރިމަތިން އިސްތަށިތައް ރީތި ކޮށްލުމާއެކު ނޯޔާ ބޭނުންވެފައި އިންފަދައިން ހުޅިގަނޑު ނިއުޅާލި އެވެ. އަތުން އޮމާން ކުރަމުން ކަނާއަތްފަރާތު ކޮނޑުމަތިން ކުރިމައްޗަށް އެ ދިގު އިސްތަށިގަނޑު ވައްޓާލި އެވެ.
"ނޯޔާ..." އަސްލަން ގޮވާލީ ވާހަކައެއް ފަށަން އުޅޭ ފަދައިންނެވެ. ފޫ ހިއްލާލުމެއްނެތި މަޑުމަޑުން އަސްލަންއާ ގާތަށް ނޯޔާ ޖެހިލި އެވެ. ހިތުގެ ތެޅުން އަވަސްވެފައި އިން ހާލުގަ އެވެ. ގަޔާވުމާއި ޝައުގާއެކު ވެރިވި ރަކި ހިނިތުންވުން ފޮރުވާލުމަށް ތިރީ ތުންފަތުގެ އެއްކޮޅުގައި ނޯޔާ ދަތްއަޅާލި އެވެ. ނަމަވެސް ނޯޔާގެ ތަބީއަތް ހަރާބުވީ ލޫނާގެ ނަން އަސްލަން ކިޔާލުމުންނެވެ. ވީފޫހިން ނޯޔާއަށް އިންތަނުން ތެދުވެވުނެވެ. ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ކައިރީ ނޯޔާ އައިސް މަޑުކޮށްލި އެވެ. ލޫނާއާ މެދު ނޯޔާ ގަޔާނުވާ ސަބަބެއް އެނގެން އަސްލަން ބޭނުންވީ އެވެ. އެވާހަކަ އަހާލަން ގަސްދުކުރި ނަމަވެސް، މިހާރު އެ ނަން ނުކިޔުނު ނަމައޭ އަސްލަން ހިތަށް އެރިއެވެ. އޭނާ ތެދުވެގެން އައިސް ނޯޔާގެ ގާތުގައި މަޑުކޮށްލި އެވެ. ދެފަހަރު ގޮވާލުމުން ނޯޔާ ބަލައެއް ނުލި އެވެ. އެކަމަކު ކޮންމެ ފަހަރަކު ހޫން ލައްވާލައެވެ.
ކޮނޑުގައި އަސްލަން ކޮއްޓާލިކަން އެނގުމުން ވެސް ނޯޔާ ހުރީ ނުބުލާށެވެ. ނަމަވެސް އެނބުރިލަން މަޖުބޫރުވީ މުލައްދަނޑީގައި އަސްލަން ހިފާލައި ދަމާލުމުންނެވެ އަސްލަން ހުރީ ކިހާ ކައިރީގަކަން ނޯޔާއަށް އެނގުނީ ދެނެވެ. އެ މޫނަށް ބަލަން ހުރެވުނު ނޯޔާއަށް އަސްލަންގެ މޭގައި އަތްތިލަ ޖައްސާލެވުނެވެ. އެ އަތްތިލައިގަ އަސްލަން ހިފާލި އެވެ.
"އަހަރެން ކީއްކޮށް ދޭންވީ؟" ނޯޔާގެ ދެ ލޮލަށް ގެބިގެން ދާން ބޭނުންވެފައި ހުރި ބެލުމަކާއެކު އަސްލަން މަޑުމަޑުން ބުނެލި އެވެ. އެ ސުވާލަށް ޖަވާބު ދޭނޭ ގޮތެއް ނޯޔާއަކަށް ނުވިސްނުނެވެ. އެހެން ނަމަވެސް އޭނާގެ ޟަމީރު ބޭނުންވީ ފުރަތަމަ ކަމަކަށް ވެސް އެގެއަށް ލޫނާ އައުން އަސްލަން ހުއްޓުވުމަށެވެ. އެކަމަކު ނޯޔާއަށް އެހެން ނުބުނެވުނެވެ.
"އަހަރެން މުހިންމުތަ؟... އަސް..." ނޯޔާއަށް އަސްލަންގެ ނަމެއް ނުކިޔުނެވެ. އޭނާ އިސްޖަހާލީ އެވެ. އެހިނދު އޭނާގެ ދަތްދޮޅީގައި އަސްލަން ހިފާލުމާއެކު އުފުލާލި އެވެ. ނަޒަރު ސީދާވުމާއެކު އަސްލަން ބޯ ޖަހާލި އެވެ.
"އަހަރެންގެ ދަރީން މުހިންމުވާއިރު، އެކުދީންނެކޭ އެއްވަރަށް ނޯޔާ ވެސް މުހިންމު." އަސްލަން ބުންޏެވެ. އެ ޖަވާބުން ނޯޔާ އެންމެ ފުރިހަމައަށް ހިތްހަމައެއް ނުޖެހުނެވެ. އޭނާ އެނގެން ބޭނުންވީ އަސްލަންއަށް އޭނާ މުހިންމުވެ ހާއްސަވަނީ ކިހާ ވަރަކަށްތޯ އެވެ. ހިންދިރުވާލެވުނީ ނޯޔާގެ ހިތުގެ ތެޅުން ބާރުވަމުން އައީތީ އެވެ. އެހެންވިޔަސް އަސްލަންގެ ލޮލާ ލޯ ވަކިކޮށެއް ނުލެވުނެވެ. އެ މޭގައިވި އަތްތިލަ މަޑުމަޑުން މައްޗަށް ގެންދަން ފެށުމުން އަސްލަން ހުއްޓުވާނޭ ހީކުރެވުނެވެ. ނަމަވެސް ހަރަކާތެއް ނުކޮށް އޭނާ ވެސް ހުރީއެވެ. ފައިކޮޅަށް ކޮރާލުމާއެކު އަސްލަންގެ ކަނދުރާގައި ނޯޔާގެ ކަނާއަތް އަޅުވާލި އެވެ. އެހިނދު ނޯޔާގެ ބޯމަތިން ދޮރުކަނީގައި އަތް އަޅުވާލީ އިހުނަށްވުރެ ނޯޔާއާ ގާތްވެލަމުންނެވެ. އަސްލަންގެ ކަރުދޮށުގައި ނޯޔާ މޫނު ފޮރުވާލި އެވެ. އެއާއެކު އޭނާގެ އުނަގަނޑާ ދިމާ ފަހަތުން އަސްލަންގެ ބީހުން އިހްސާސް ވިއެވެ. ފަޅިސިކުންތަކަށް ވިޔަސް އަސްލަންގެ ބާރުގައި ނޯޔާގެ ފައި ތަޅުމުން މައްޗަށް އުފުލުނެވެ. އެކުޑަ ވަގުތުކޮޅަށް ދެހަށިގަނޑު ޖެހި ފިތުނުކަން އިހްސާސް ކުރެވުނެވެ.
"ގުޑްނައިޓް..." އަސްލަންގެ ކޯތާފަތުގައި ބޮސްދީފައި ނޯޔާ ދުރަށް ޖެހިލީ އެވެ. ހަށިގަނޑު ގަދަ ތޫފާނެއްގެ އޮއެވަރު އުފެދިފައިވި އެވެ. މަޑުކޮށްލި ނަމަވެސް އަސްލަން ހަރަކާތެއް ނުކުރިއެވެ. ކޮޓަރިއާ ދިމާއަށް ނޯޔާ އައީ އެހެންވެއެވެ.
"އަސްލަން... އަހަރެންނަށް ހީވަނީ... އަސްލަންދެކެ ލޯބިވެވިއްޖެހެން... ދެން ކިހިނެއް ހަދާނީ؟" ކޮޓަރީ ދޮރުމަތީ ހުއްޓިލުމާއެކު އަސްލަންއަށް ނޯޔާ ބަލާލިއިރު އެ ހިތުގައިވިއެވެ. ބޭނުންވާގޮތް ނުބުނެވިގެން އުޅޭއިރު އެ ޖަޒުބާތުގެ ވާހަކަ އަސްލަންގެ ގާތުގައި ފާޅުކުރާނީ ކިހިނެއް ހެއްޔެވެ.
* * * * *
ވިލިގިއްޔަށް އެންމެން ފުރީ ހެނދުނު ނުވަގަޑި ބައިވަނިކޮށެވެ. އެ ދަތުރުގައި ބައިވެރިނުވަނީ ހަމައެކަނި އަރީނެވެ. ބަނޑުގައި ރިއްސާތީ ހިރިނުލެވިފައި އޮތް އަރީނަށް އާއިލާގެ އެންމެން ވިލިގިއްޔަށްދާން ފެރީއަށް އަރައިފިކަން އެނގުމާއެކު އެނދުމަތިން ވަގުތުން ތެދުވިއެވެ. ފެންވަރާ ނަލަހެދިގެން އޭނާ ގެއިން ނުކުތް ގޮތަށް މިސްރާބު ޖެހީ އިންތިޒާރު ކުރަމުން އައި މަންޒިލައެވެ.
ދިހަބުރީގެ އިމާރާތުގެ ލިފްޓު ހުޅުވުނީ ދިހަވަނަ ފަންގިފިލާއަށެވެ. ހަލުވި ހިނގުމުގައި އަރީން ނުކުމެގެން އަންނަންވީއިރު އެޕާޓްމެންޓްގެ ދޮރު ހުޅުވާލައިގެން ހުރީ މިދުހަތެވެ. ހިނިތުންވުމަކުން އޭނާއަށް މަރުހަބާ ކިޔެވެ. އަތްތިލައިގަ ހިފާލައިގެން އެތެރެއަށް ވެއްދިއެވެ.
"ޔަގީންތަ އެހާ އަވަހަށް ނުދާނަންކަން." މިދުހަތު އަހާލިއެވެ.
"ހަވީރު ވަންދެން މަޑުކުރެވިދާނެ." ދިގު ސޯފާގައި އަރީން އިށީނެވެ. އޭނާއާ ޖެހިގެން ކަހަލަ ގޮތަކަށް މިދުހަތު އައިސް އިށީނެވެ.
"ހާދަ މީރުވަސް ދުވަޔޭ... މިއަދު ވަކިން ރީތިހެން ހީވޭ." އަރީންގެ ދޫކޮށްލާފައި އޮތް އިސްތަށިގަނޑުން ބައެއް ނަގައި ވަސްބަލާލުމާއެކު އަތުގެ މުލައްދަނޑީގައި މިދުހަތު ފިރުމާލިއެވެ. އަރީން ކުއްލިއަކަށް އަތްދަމައިގަތުމުން މިދުހަތު ހޭންފެށިއެވެ.
"މިހާރު ވެސް އަހަރެން އަތްލީމަ ހީބިހިނަގާތަ؟" ހިނިއައިސްފަ އިނދެ މިދުހަތު އަހާލިއެވެ.
"ބައެއްފަހަރު މީހުނާ އިނަސް ބޭނުންވާ ފުރިހަމަ އުފާވެރިކަން ނުލިބޭ ފަހަރު ވެސް އާދޭ... މިދުހަތުދެކެ ލޯބިވީވަރަށް އަހަރެން އެހެން މީހަކުދެކެ ލޯތްބެއްނުވެވުނު، މިދުހަތު އަހަރެންނަށް ޖެއްސި ކަހަލަ ސިހުރެއް ހަދަން އެހެން ފިރިހެނަކަށް ނޭނގުނު."
"އެ ސިހުރުގެ ބާރު އަދިވެސް އެބަހުރި... އަޖުމަ ބަލާލަން ބޭނުންތަ؟" މިދުހަތު ސިއްރެއް ފަދައިން އަރީންގެ ކަންފަތް ދޮށުގައި ބުނެލިއެވެ.
"އަހަރެންގެ ފިރިއެއް އެބަހުރި." ދެ ހިޔާލެއްގައި އިނދެ އަރީން ބުނެލިއެވެ.
"ރީންއަށް އެއީ މައްސަލައެއްތަ؟ އަހަރެންނަށް އޯކޭ... މީ އަހަރެމެން ދެމެދުގައި އޮތްކަމެއް، ރީން ހިތްހަމަޖައްސައިދޭން އަހަރެން ބޭނުން." އަރީންގެ އަތްތިލައިގަ މިދުހަތު ހިފާލުމައެކު ގެނެސް ތުންފަތާ ކައިރިކޮށްލާ ބޮސްދިނެވެ. ދެން އުނގުގައި އެ ދެއަތްތިލަ ބާއްވާލުމާއެކު އަރީންގެ ޖިންސުގެ މަތިން ފައިގަ މިދުހަތު ފިރުމާލިއެވެ. ދަތްދޮޅީގައި ހިފައި އެ މޫނު މިދުހަތުގެ މޫނާ އެއް ހަމައަކަށް އަނބުރާލިއެވެ. މަޑުފިޔާތޮށި ކުލައިގެ ތުންފަތުގައި މިދުހަތުގެ ބޮޑުވައި އިނގިލިން ފިރުމާލަމުން އަރީންގެ ލޮލަށް ބަލާލިއެވެ. މަސްތުން ފުރިގެންވީ ސިއްރުވެރި އަޑަކުން މުދުހަތު ވާހަކަދެއްކީ އަރީންގެ ކަންފަތް ދޮށުގައެވެ. ބޮސްދޭން ބޭނުންވާކަން އޭނާ ފާޅުކުރުމާއެކު އަރީންގެ ކަންފަތުގައި ބޮސްދިނެވެ. އަރީން ދެކޮޅު ނުހެދުމުން އެ ތުންފަތް މިދުހަތު ގައިދުކޮށްލީ އެއްވެސް ޖެހިލުމެއްނެތިއެވެ.
"އާދޭ..." ސޯފާއިން ތެދުވެ އަރީންނަށް މިދުހަތު އަތް ދިއްކޮށްލިއެވެ. ގޮތެއް ނިންމަން ނޭނގުނަސް މިދުހަތުގެ އަތުގައި އަރީން ހިފިއެވެ. ނުނެކޭ ބުނެވޭވަރަށްވުރެ މިދުހަތުގެ މަސްތުގައި އޭނާ ޖެހިއްޖެއެވެ. އަރީން ގޮވައިގެން މިދުހަތި ހިނގައިގަތީ ބިއްދޮށުގައި ހުރި އޭނާގެ ނިދާކޮޓަރިއަށް ވަންނާށެވެ. (ނުނިމޭ)