އެޗްޕީއޭ

ވިޔަފާރިވެރިންނަށް ގެއްލުންވާތީ އެޗްޕީއޭގެ ވެރިން މަޖިލީހަށް ހާޒިރުކުރަނީ

ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަލުތަކާއި ވިޔަފާރިތަކަަށް ގެއްލުންތައް ވަމުންދާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އިސްވެރިން މަޖިލީހުގެ އިގްތިސާދީ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކުރަން ނިންމައިފި އެވެ.

އިގްތިސޯދީ ކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) އަވަސް އަށް ވިދާޅުވީ އެޗްޕީއޭގެ ވެރިން ހާޒިރުކުރަން ނިންމާފައިވަނީ މާދަމާ ކަަމަށެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ދާފި ފަހަކާ ޖެހެންދެން އާންމުންނަށް ކެފޭ/ ރެސްޓޯރެންޓްތަކަށް ވަދެވެނީވެސް ރޭގަނޑު އަށެއް ޖަހަންދެނެވެ. އަދި އޭގެ ފަހުން ހަމައެކަނި ދެމުންގެންދިޔައީ ޓޭކްއަވޭގެ ހިދުމަތް އެކަންޏެވެ. ނަމަވެސް މިހާރު ރޭގަނޑު 10:30 އާ ހަމަައަށް އާންމުންނަށް ކެފޭތަކަށް ވަދެވެ އެވެ.

ރަޝީދު ވިދާޅުވީ މިހާރު ކެފޭފަދަ ތަންތަން ބަންދުކުރުން އަވަސްކޮށްފައި އޮންނާތީ އެ ތަންތަނަށް ހިންގާ ފަރާތްތަކަށް ބޮޑެތި ގެއްލުންތައްވެ އޭގެ ޝަކުވާ ވަރަށް ބޮޑަށް ލިބެމުންދާ ކަމަށެވެ.

އެޗްޕީއޭގެ އިސްވެރިން މިމަހު ކުރީކޮޅުވެސް މަޖިލީހަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ. އެއީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ހެދި ގަވައިދުތަކުގެ ސަަބަބުން އިންތިހާބް ބޭއްވުމަށް އިލެކްޝަން ކޮމިޝަނަށް ހުރަސްތަކެއް އެޅެމުންދާތީ ކަަމަށް ބުނެ އެވެ. މަޖިލީހަށް ހާޒިރުކުރި ފަހުން އެޗްޕީއޭއިން ވަނީ ގައިޑްލައިންތަކަށް ލުއިވެސް ދީފަ އެވެ.