ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިމްރާން އަބްދުﷲ

ހާލަތު ގޯސްވިއިރު ރައީސް ހިތޯބު ދެއްވާތީ ފާޑުކިޔުން

ކޮވިޑްގެ ހާލަތު ރާއްޖޭގައި އިންތިހާއަށް ގޯސް ވެގެން ދިޔައިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމައެކަނި ހިތޯބު ދެއްވަމުން ގެންދަވާތީ އިދިކޮޅުގެ ފާޑުކިޔައިފި އެވެ.

ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ދިޔަ ނަމަވެސް މިފަހުން ރައީސް ސޯލިހު މީޑިއާއާ ސީދާ ބައްދަލެއް ނުކުރައްވަ އެވެ. ނަމަވެސް ބައެއް ފަހަރު އެމަނިކުފާނުގެ ގައުމާ މުހާތާބު ކުރައްވާ ސްޕީޗްތައް ސަރުކާރުން ދުރަށް ފޮނުވަ އެވެ.

ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ އެކަމަށް އަވަސް ފިޔަވަޅު އެޅުމަށް އެދި ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ކުރި ބަހުސްގައި ސައީދު ވިދާޅުވީ ކޮވިޑްގެ ހާލަތު ގޯސްވެ 70 ރަށެއް މޮނީޓަރިންއަށް ލިއިރު އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ގޮތް ހުސްވަމުންދާ ކަމަށެވެ.

އަދި ވިދާޅުވީ މި ދަރަޖައަށް ކަންކަން ދިޔައިރު ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިނާއި ވެންޓިލޭޓަރާއި އޮކްސިޖަނާއި ކޮވިޑް ފެސިލިޓީގައި އެކަށީގެންވާ ވަސީލަތްތައް ހުރިކަމާމެދު ސުވާލު އުފެދިފައިވާ ކަމަށާއި ކޮވިޑާ ގުޅިގެން މިހާތަނަށް ހަތަރު ބިލިއަން ރުފިޔާ ހަރަދުކުރި އިރު ކުރި ހަރަދުތަކުގެ ތަފްސީލާއި މިހާރުގެ ހާލަތު އިތުރަށް އޮޅުން ފިލުވަން ރައްޔިތުން ބޭނުންވާ ކަމަށެވެ.

"ދެރަކަމަކީ ސަރުކާރުގެ އެއްވެސް ޒިންމާދާރު ބޭފުޅުކު، ޒިންމާދާރޭ އަޅުގަނޑު މި ދަންނަވަނީ ވަޒީރުންގެ ފެންވަރުގައި. ރައްޔިތުންނާ ގާތުން މިވާހަކަ ކޮންމެ ދުވަހަކު ކިޔައިދޭ އަޑު އަހަން އަޅުގަނޑުމެން ހާދަހާ އިންތިޒާރެއް އެބަ ކުރަމޭ. ދުނިޔޭގެ ކޮން ގައުމެއްގަތޯ މިކަން މިގޮތަށް ނުކުރަނީ. މާނައަކީ ވަޒީރުންނާއި ކެބިނެޓް އެ ގައުމެއްގެ ވެރިމީހާ އަރާ ސީދާ ރައްޔިތުންނާ ބައްދަލުކޮށް މި މައުލޫމާތުތައް ދެނީ. ހުދު އެމެރިކާގައި ވެސް މިކަންކަން ކުރަމުން ދިޔައީ މިގޮތަށް." ސައީދު ވިދާޅުވި އެވެ.

ކޮވިޑަށް ބޮޑެތި ހޭދަތަކެއް ކުރިއިރު ވެސް ވަސީލަތްތައް ގާއިމް ނުކުރެވި އޮތުމުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. ހާއްސަކޮށް ރައީސް ސޯލިހް މީޑިއާއާ ބައްދަލު ނުކޮށް މިފަހުން ހަމައެކަނި ހިތޯބަކުން ރައްޔިތުންނަށް މެސެޖު ދެއްވަމުންދާތީ އެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މިއަދު ރައްޔިތުން ނުކުމެ އުމުރުން ދުވަސްވެފައި ހުރި މިނިސްޓަރެއްގެ ހަން ނޮޅާ ހިސާބަށް މިދަނީ. ކޮބައިތޯ ރައީސުލް ޖުމްހޫރިއްޔާ؟ ކޮބައިތޯ ދިވެހި ރައްޔިތުން އިންތިހާބު ކޮށްފައި ހުރި ވެރިމީހާ؟ ރެކޯޑް ކޮށްފައި އޮންނަ ސްޕީޗެއް ކޮންމެ ދުވަހަކު ހަތެއް ޖަހާލީމަ ދައްކާލީމަ ނި ނިމުނީކީ ނޫނޭ... ކޮވިޑް ހާލަތުގައި އެހެނިހެން ގައުމުތަކުގައި ލީޑަރުން ނުކުންނަގޮތަށް ރައްޔިތުންނާ ފޭސް ކުރައްވާ. ވަމުންދާ ގޮތް ރައްޔިތުންނަށް ކިޔައި ދެއްވާ." ތޯރިގް ވިދާޅުވި އެވެ.