ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު ބަންދުކުރަން ހައި ކޯޓުން ފުރަތަމަ ފަހަރަށް އިއްޔެ އަމުރުކޮށްފި އެވެ.
ސ. ހިތަދޫ އިވްނިންނާޒު ނަޖާހު ޝަރީފާއި އެރަށު ބްލޫބާޑް ހޫދު ލަތީފްގެ އިތުރުން އެރަށު ސަންރީފް މުހައްމަދު މުއިއްޒު 15 ދުވަހަށް ބަންދުކުރަން ހައި ކޯޓުން އަމުރުކުރީ ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގައި އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ހިތަދޫ ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ އެ މީހުން ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ބުނެ ބަންދުން ދޫކޮށްލައިފަ އެވެ. އެހެންވެ އެ މައްސަލަ އިސްތިއުނާފް ކުރީ ދައުލަތުންނެވެ.
ހައި ކޯޓުން ވަކިވަކިން އިއްޔެ އިއްވި ތިން ހުކުމުގައި ވެސް ވަނީ ގާނޫނަށް ގެނައި އެ އިސްލާހުގެ ދަށުން އެ ގާނޫނުގައި ބަޔާންކުރާ ވަކި ކުށްތަކެއް ހައްޔަރުކުރެވޭ މީހުންނަށް ބަންދުން މިނިވަންވުމުގެ ހައްގު ހިފަހައްޓާފައިވާ ކަމަށެވެ. އެގޮތުން ކުރިން ކުށުގެ ރެކޯޑް އޮންނަ މީހުންގެ ކިބައިން އެ ހައްގު ހިފަހައްޓާފައިވާއިރު އެ ތިން މީހުންނަކީ ވެސް ކުރިން އެކި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބައެއް ކަން ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ. އެހެންވެ އެ ތިން މީހުންނަކީ ވެސް އެ އިސްލާހުގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ ބައެއް ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައި އިތުރަށް ވަނީ މިދިޔަ ޑިސެމްބަރު މަހު އަމަލުކުރަން ފެށި އެ އިސްލާހުގެ ދަށުން އެ ތިން މީހުން ވެސް ބައިތިއްބަންޖެހޭނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ކަމަށެވެ. ނަމަވެސް ފުލުހުން ދަށު ކޯޓުގައި އެދިފައިވަނީ އެ ތިން މީހުން 15 ދުވަހަށް ބަންދުކުރަން ކަމަށް ވާތީ އާއި ދައުލަތުން ހައި ކޯޓުގައި އެދިފައިވަނީ ވެސް އެގޮތަށް ކަމަށް ވާތީ އެ ތިން މީހުން 15 ދުވަހަށް ބަންދުކުރަން އަމުރުކުރީ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އެ ތިން ހުކުމުގައި ވެސް ވާ ގޮތުން އެ ތިން މީހުން ބަންދުން ދޫކޮށްލަން ހިތަދޫ ކޯޓުން އަމުރުކޮށްފައިވަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް ގެނައި އިސްލާހާ ޚިލާފަށެވެ. އެހެންވެ އެ ތިން އަމުރު ވެސް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
ބޮޑެތި އަދަބުތަކަކާ އެކު ގިނަ ހައްގުތަކެއް ހިފެހެއްޓުމަށް ފަހު މިދިޔަ މަހު އަމަލުކުރަން ފެށި އެ އިސްލާހުގެ ދަށުން ވަކި މުއްދަތެއްގައި ދައުވާކުރަން ޖެހޭއިރު ވަކި މުއްދަތެއްގެ ތެރޭގައި މައްސަލަ ނިންމަން ވެސް ކޯޓަށް ލާޒިމް ކުރެއެވެ.