ޗައިނާގެ ސިނޯފާމް ވެކްސިން ރާއްޖޭގައި މާދަމާ ޖަހަން ނިންމާފައިވާއިރު އެ ވެކްސިންގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ދޭތާ އެއް މަސް ފަހުން ޖަހާނެ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެޗްއީއޯސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލްވުމުގައި ވެކްސިން ޓީމުގައި އިސްކޮށް ހުންނެވި ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ސިނޯފާމް ވެކްސިން ދިނުން މާދަމާ ރާއްޖޭގައި ފަށާއިރު އެއީވެސް އިތުބާރު ހުރި ވެކްސިނެއް ކަމަށާ އެ ވެކްސިން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ޖަހަމުންދާ ކަމަށެވެ.
މީގެ ކުރިން ރާއްޖޭގައި ޖަހަަމުން އައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަަ ޑޯޒް ޖެހެނީ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާ ފަހުން ނަމަވެސް ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ދޭތާ އެއްމަސް ފަހުން ޖަހާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
"ދެވަނަ ޑޯޒް ޖަހާ މުއްދަތު ވަރަށް ކުރު މި ވެކްސިންގައި. އޭގެ މާނައަކީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ ތިން ހަފްތާއާ ހަތަރު ހަފްތާއާ ދޭތެރޭ ދެވަނަ ޑޯޒް ޖަހާނެއޭ. އެއީ ގާތްގަނޑަކަށް އެއް މަސްތެރޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ވެގެންދޭ،" ފައިސަލް ވިދާޅުވިއެވެ.
ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނަށް ސިނޯފާމް ވެކްސިން ޖެހޭނީ ބަލިން ފަސޭހަވާތާ 28 ދުވަސް ފަހުންނެވެ. އަދި ހުން އަތުވެއްޖެނަމަ ރަނގަޅުވާތާ ދެތިން ދުވަސް ފަހުން ވެކްސިން ޖެހޭނެ އެވެ.
އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ފުރަތަަމަ ޑޯޒް ދިނުން ހުއްޓާލާފައި އޮތުމަށް ފަހު އަލުން ވެކްސިން ދޭން މާދަމާ ފަށާނެ ކަމަށެވެ. މާދަމާ ވެކްސިން ޖަހަން ފަށާއިރު ޖަހާނީ ޗައިނާގެ ސިނޯފާމް ވެކްސިނެވެ.
ސިނޯފާމާއި ފައިޒާ-ބަޔޯންޓެކް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދިނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. މި ދެ ވެކްސިނުގެ ތެރެއިން ސިނޯފާމް ވެކްސިނަކީ އީޔޫގެ ހުއްދަ ނުލިބޭ ވެކްސިނަށް ވުމުން ގިނަ ކަންކަމަށް ބަލާފައިވެ އެވެ. އެ ގޮތުން ކުންފުނީގެ މައުލޫމާތާއި ދުނިޔޭގައި އެ ވެކްސިނަށް ހުއްދަ ދިން ގައުމުތަކާއި ވެކްސިން އުފައްދާ ކުންފުނީގެ ފެންވަރު ހިމެނެ އެވެ. ނަމަވެސް ސިނޯފާމް ވެކްސިނަށް އީޔޫއިން ވަރަށް އަވަހަށް އެޕްރޫވަލް ދޭން ވަނީ ނިންމާފަ އެވެ.