ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ދެ ލައްކަ ވެކްސިން ޑޯޒްގެ ދެވަނަ ޗެބް މިރޭ ރާއްޖެ ގެންނާނެ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފި އެވެ.
ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ދެ ލައްކަ ވެކްސިން ޑޯޒްގެ ތެރެއިން އެއްލައްކަ ޑޯޒް ރާއްޖެ ގެނެސްފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ.
ރާއްޖޭގައި ސައިނޯފާމް ވެކްސިނަށް ހުއްދަ ދީފައި ވާއިރު އެ ވެކްސިން ރާއްޖޭގައި ދޭން ފެށީ މިމަހުގެ 22 ވަނަ ދުވަހު އެވެ.
މޯލްޑިވިއަން އިން މިއަދު ބުނީ ޗައިނާ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް މިރޭ ރާއްޖެ ގެންނާނެ ކަމަށެވެ.
ޗައިނާ އިން ރާއްޖެއަށް ހަދިޔާކުރި ވެކްސިންގެ ޑޯޒްތަކެއް ދިވެހި ސަރުކާރާ ހަވާލުކޮށްފައި މިވަނީ ވެކްސިން ބަލައި ޗައިނާއަށް ދިއުމަށް ދިވެހި ސަރުކާރުން ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށް ވިދާޅުވެ ބައެއް ސިޔާސީ ބޭފުޅުން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.
ގައުމުތަކަށް ކޮވިޑް ވެކްސިން ސަޕްލައިކުރުމުގައި ޗައިނާ ކުންފުނިތަކުން 260 މިލިއަން ވެކްސިން 55 ގައުމަކަށް ފޯރުކޮށްދީފައިވެއެވެ. ރަސްމީ އަދަދު މިއަށް ވުރެވެސް ގިނަވާނެ ކަމަށް ނޫސް އޭޖެންސީތަކުން ބުނެ އެވެ. މީގެ އިތުރުން އދ. ގެ ސުލްހަ ބަލަހައްޓާ ސިފައިންގެ ފައުޖުތަކަށް 300،000 ވެކިސިން ޗައިނާއިން ފޯރުކޮށްދިނެވެ.
ދުނިޔެއަށް ކޮވިޑް އާންމުވީ ޗައިނާގެ ވުހާނުންނެވެ. އެކަމަކު އެއަވަށުގައި ކޮވިޑް އުފެދުނު ގޮތެއް ނޭނގެ އެވެ. ކޮވިޑުން ރައްކާތެރިވުމަށް ޗައިނާގައި ހަތަރު ވެކްސިނަކަށް ހުއްދަދީފައިވެ އެވެ.
ޗައިނާ ގްލޯބަލް ޓެލެވިޒަން ނެޓްވޯކް (ސީޖީޓީއެން) އިން ބުނާ ގޮތުން ޗައިނާ ނޭޝަނަލް ފާމަސޫޓިކަލް ގްރޫޕް (ސައިނޮފާމް) އަދި ސިނޮވެކް ބަޔޮޓެކް ގުޅިގެން ދުނިޔެއަށް 260 މިލިއަން ވެކްސިން ސަޕްލައިކޮށްްފައިވެ އެވެ. މީގެ ތެރޭގައި ގައުމުތަކަށް ހަދިޔާކުރި ޝިޕްމަންޓްކާއި ވިޔަފާރި މާކެޓަށް އެކްސްޕޯޓްކުރި ޝިމްޕަންޓްތައް ހިމެނެ އެވެ. ވެކްސިން ސަޕްލައިކުރި ތަރުތީބަކީ ސައިނޮފާމްއިން 100 މިލިއަން ޑޯޒް އަދި ސިނޮވެކްއިން 160 މިލިއަން ޑޯޒް އެވެ.
ދުނިޔެއަށް ކޮވިޑް ވެކްސިން ސަޕްލައިކުރުމަށްޓަކައި ވެކްސިން އުފައްދާ އަދަދު އިތުކުރަން ޗައިނާއިން އަންނަނީ މަސައްކަތްކުރަމުންނެވެ. ސީޖީޓީއެންއިން ބުނާ ގޮތުން މިހާރު ދުވާލު ފަސް މިލިއަން ޑޯޒް އުފެއްދެ އެވެ. އެއީ އަހަރަކަށް އަންދާޒާކުރާއިރު 1.8 ބިލިއަން އެވެ.
ޗައިނާއިން އެންމެ ގިނައިން ވެކްސިން ސަޕްލައިކުރީ އެފްރިކާ ބައްރު ގައުމުތަކަށެވެ. އޭގެ އިތުރުން ޔޫރަޕް، އޭޝިއާ އަދި މެދުއިރުމަތީ ގައުމުތައް ވެސް ހިމެނެ އެވެ.