ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެންމެ ބޮޑު ހޭދައެއް ކުރީ އައްޑޫއަށް: ރައީސް

މިދިޔަ ދެ އަހަރުތެރޭ ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރީ އައްޑޫ ސިޓީއަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ރަށްވެހި ފަތިސް ކެންޕެއިން ބައްދަލުވުމުގައި ވާހަކަަފުޅު ދައްކަވަމުންނެވެ. އައްޑޫ ސިޓީއަށް ހާއްސަކުރި ބައްދަލްވުމުގައި ރައީސް ސޯލިހް ވަނީ އައްޑޫ ސިޓީއަށް މިހާތަނަށް ކޮށްދިން މުހިންމު މަަސައްކަތްތަކުގެ ތަފްސީލް ހިއްސާ ކުރައްވާފަ އެވެ. އަދި އައްޑޫގެ އެކި ރަށްތަކަށް ހާއްސަ މަޝްރޫއުތަކުގެ ތަފްސީލާއި އެ މަޝްރޫއުތަކަށް ކުރި ހަރަދާއެކު ވިދާޅުވެ ދެއްވިއެވެ.

އެމްޑީޕީއަށް ވަރަށް ތާއީދެއް އޮންނަ އައްޑޫގެ ތަރައްގީއާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ މިދިޔަ ދެ އަހަރުތެރޭ ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރެވިފައި ވަނީ އައްޑޫ ސިޓީއަށް ކަމަށެވެ. އެގޮތުން މިދިޔަ ދެ އަހަރު 535.6 މިލިއަން ރުފިޔާ އެކި މަޝްރޫއުތަކަށް ހަރަދު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ މާލެ ސިޓީއަށް ކުރި ހަރަދާ ދާދި އެއްވަރު ހަރަދެއް ކަމަށެވެ.

"މިހާތަނަށް ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް އަޅުގަނޑުމެންނަށް ކުރެވިފައި އޮތް އެއް ދާއިރާއަކީ އައްޑޫ ސިޓީ. ޕީއެސްއައިޕީން އެކަނި 535 މިލިއަން ރުފިޔާ މިދިޔަ ދެ އަހަރުތެރޭ އައްޑޫ ސިޓީގެ އެކި ޕްރޮޖެކްޓްތަކަށް މިހާރު ހަރަދުކޮށް ނިމިއްޖެ،" މުލިއާގޭގައި އިންނަވައިގެން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެންމެ ބޮޑު ހޭދައެއް ކުރީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ކަމަށެވެ. މިހާރު އެ ހޮސްޕިޓަލުން ސީޓީސްކޭން ހިދުމަތާއި އިކޯގެ ހިދުމަތާއި އެމްއާރުއައިގެ ހިދުމަތާއި ކީމޯތެރަޕީގެ ހިދުމަތާއި ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަަށެވެ. އަދި ކާޑިއޮލޮޖީގެ ހިދުމަތާއި ސްޕީޗް ތެރެޕީއާއި އެންޑޮސްކޯޕީގެ ހިދުމަތް ވެސް ދޭ ކަމަށެވެ. މިދިޔަ ދެ އަހަރު އައްޑޫއަށް އިތުުރު 18 ސްޕެޝިއަލިސްޓް ޑޮކްޓަރުން ފޮނުވާފައިވާއިރު އިތުރު ޑޮކްޓަރުން ފޮނުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫގައި މިހާރު ވެސް ބޮޑެތި މަޝްރޫއުތައް ހިންގަން ތައްޔާރުވަމުން އަންނަ ކަމަށާއި ބަޖެޓުން ހަރަދުކޮށްގެން މިހާރުވެސް 134 މިލިއަން ރުފިޔާގެ މަގު ހެދުމުގެ މަޝްރޫއެއް ކުރިއަށް ދާ ކަމަށާ އިންޑިއާގެ ލޯނަކުން މަގު ހަދަ ން އެއް ބިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ބިން ހިއްކުމުގެ މަސައްކަތް ޓެންޑާ ކުރެވިފައިވާއިރު އެސްއެމްއީ ލޯނުގެ ގޮތުގައި 41 މިލިއަން ރުފިޔާ އާއި ކޮވިޑް އެލަވަންސްގެ ގޮތުގައި 20 މިލިއަން ރުފިޔާ އަދި ކަރަންޓް ސަބްސިޑީގެ ގޮތުގައި 123 މިލިއަން ރުފިޔާ އައްޑޫއަށް ހޭދަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އައްޑޫގައި ސިންތެޓިކް ޓްރެކެއް އެޅުމާއި ކުދި ވިޔަފާރިތަކަށް ލޯނު ދޫކުރުމާއި އާ ވަޒީފާތައް އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ 800 ވުރެ ދަރިވަރުން މިހާރުވެސް ހިލޭ ޑިގްރީއަށް ކިޔަވަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ ޓޫރިޒަމް ފުޅާވުމާއި ކޮމާޝަލް ޕޯޓާ އެއާޕޯޓް ތަރައްގީވުމުން ގިނަ ވަޒީފާތަކެއް އުފެދޭނެ ކަމަށެވެ. މީގެ އިތުރުން ރައީސް ވަނީ އައްޑޫގެ ސިއްހީ ނިޒާމަށްވެސް މިދިޔަ ދެ އަހަރު ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަަށް ވިދާޅުވެފައެވެ.