ވިޔަފާރި

ހަ މަސްދުވަސް ތެރޭ ދިރާގުން މޯބައިލް ވޮލެޓް ތައާރަފް ކުރަނީ

ނަގުދު ފައިސާ ބޭނުން ނުކޮށް ސީދާ މޯބައިލް ފޯނުގެ ޒަރިއްޔާ އިން ފައިސާގެ މުއާމަލާތްތައް ކުރެވޭ ހިދުމަތް، މޯބައިލް މަނީ ކުރިއަށް އޮތް ހަމަ މަސްދުވަހުގެ ތެރޭ ތައާރަފް ކުރާ ގޮތަށް ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ދިރާގުން ނިންމައިފި އެވެ.

ދިރާގު މޯބައިލް ވޮލެޓްގެ ނަމުގައި ތައާރަފް ކުރާ އެ ހިދުމަތުގެ ނަމޫނާއެއް މިއަދު ބޭއްވި ފައިނޭންޝަލް އެކްސްޕޯގެ ތެރެއިން ދިރާގުން ވަނީ ދައްކާލައިފަ އެވެ. ދިރާގުން ބުނީ އެމްއެމްއޭގެ ހުއްދަ ވެސް ލިބިގެން ރާއްޖޭގައި ހުރި ކޮމާޝަލް ބޭންކްތަކާ އެކު އެ ހިދުމަތް ތައާރަފް ކުރުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު އަންނަނީ ކުރަމުންނެވެ. 

މޯބައިލް ވޮލެޓުން ލިބޭ ހިދުމަތްތައް؛

  • އެކަކު އަނެކަކުގެ މޯބައިލް އެކައުންޓަށް ފައިސާ ޓްރާންސްފާކުރުން
  • ފިހާރަތަކަށާއި ރެސްޓޯރަންޓްތަކަށާއި އެހެނިހެން ފަރާތްތަކަށް ފައިސާ ދެއްކުން
  • ހިދުމަތްތައް ދޭ ކުންފުނިތަކުގެ މަހު ބިލުތައް ވަގުތުން ދައްކާލުން
  • އަމިއްލަ މޯބައިލް އެކްއުންޓުގައިވާ ބެލަންސް ފައިސާއަށް ބަދަލުކުރުން

ދިރާގާގުން ބުނީ މޯބައިލް ވޮލެޓްގެ ހިދުމަތް ފެށުމުން ނަގުދު ފައިސާ ބޭނުން ނުކޮށް ސީދާ ފޯނުން ރައްކާތެރި ކަމާ އެކު ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށެވެ. މިއީ އެ ކުންފުނީގެ ތިން ލައްކައަށް ވުރެ ގިނަ ކަސްޓަމަރުންނަށް ލިބޭ ފަސާހައެއްކަން ފާހަގަ ކުރަމުން، ދިރާގުން ބުނީ ސްމާޓް ފޯނަކަށް ނުވި ނަމަވެސް، ދިރާގުގެ ކޮންމެ ނަމްބަރެއްގެ ވެސް މޯބައިލް މަނީ އެކައުންޓަށް ފައިސާ ޖަމާކުރުމަށް ފަހު، އެ ނަމްބަރަކުން ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާ އެކު ކުރެވޭނެ ކަމަށެވެ. ދުނިޔޭގައި ތަރައްގީވަމުން އަންނަ މޯބައިލް މަނީގެ ހިދުމަތް ރާއްޖޭގައި ވެސް ފެށުމުން އަތޮޅުތަކުގައި ތިބި ދިރާގުގެ އެޖެންޓުންނާއި މާލޭގެ އެޖެންޓުން މެެދުވެރިކޮށް އެ ހިދުމަތް ފޯރުކޮށްދޭނެ ފަދަ އިންތިޒާމްތަކެއް ހަމަޖައްސާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"މިހިދުމަތަކީ އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން އަމިއްލަ ބޭންކް އެކައުންޓެއް ނެތް މީހުނަށްވެސް ފައިސާގެ މުއާމަލާތް އެއްވެސް ތަކުލީފަކާއި ނުލައި ބޭނުން ކުރެވޭނެ އެންމެ ޒަމާނީ ނިޒާމެއް. ދިރާގުގެ 370،000 މޯބައިލް ކަސްޓަމަރުންނަށް އެއްވެސް ދަތިކަމެއްނެތި ބޭނުންކޮށްލެވޭނެ ހިދުމަތެއް. ދުނިޔޭގެ ތަރައްޤީގެ މެޕުގައި ދިވެހިރާއްޖެ ފާހަގަކޮށްލެވިގެންގާނެ މުހިއްމު ކަމެއް. އެކަކު އަނެކަކު ކުރާ ފައިސާގެ ހުރިހާ މުއާމަލާތެއް މޯބައިލް ވޮލެޓަކުން ކޮށްލުމަކީ ކޮންމެ ކަސްޓަމަރަކަށް ލިބިގެން ދާނެ ވަރަށް ބޮޑު ލުޔެއް. ދިރާގު މޯބައިލް މަނީގެ ހިދުމަތް ކަސްޓަމަރުންގެ އެންމެ ރައްޓެހި އަދި އެންމެ ބޭނުންތެރި އަހުލުވެރިއާއަށް ވެގެންދާނެ،" އިމްޖާދު ވިދާޅުވި އެވެ.