ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑް ޖެހި ދެ މަސް ދުވަހު ކޯމާގައި

ވިނީ ސިލްވާއަށް ކޮވިޑް-19 ޖެހި ހޮސްޕިޓަލުގައި 110 ދުވަސް ހޭދަ ކުރުމަށް ފަހު ގެއަށް އާދެވުމުން ކުރެވުނީ ވަރަށް ތަފާތު އިހްސާސެކެވެ. ވަރަށް އުނދަގޫ ދިގު ދަތުރެއްގައި އުޅެފައި އެނބުރި ގެއަށް އާދެވުމުން އެ ކުރެވޭ ކަހަލަ އިހްސާސެކެވެ.

"މިހާ އުނދަގޫ ދަތުރެއް ނިންމާލެވުނީތީ އެކަމަށް ޝުކުރުވެރިވާން ޖެހޭ. މި ދަތުރުގައި ހޭދަކުރި ކޮންމެ ދުވަހަކީ ވެސް "މުއުޖިޒާތެއް" ފަދަ ދުވަހެއް. ކޮންމެ ދުވަހަކީ ވެސް ކާމިޔާބީއެއް،" ގްލޯބަލް ނިއުސްއަށް ދިން އިންޓަވިއު އެއްގައި ޕޯޗުގީޒުގެ ރައްޔިތެއް ކަމަށްވާ ސިލްވާ ބުންޏެވެ.

ސިލްވާ، 48، އަކީ މާވަޑިއެކެވެ. އޭނާއަށް ނޭވާ ލާން ފަސޭހަ ކޮށްދިނުމަށްޓަކައި އަނގައިގެ ތެރެއިން އެތައް ބައިވަރު ހޮޅިތަކެއް ގުޅާފައި އެތައް މަހެއް އޮތުމުގެ ސަބަބުން އޭނާގެ އަޑު ވަނީ ކުރަކިވެފަ އެވެ.

ސިލްވާ ބުނި ގޮތުގައި ކޮވިޑް ޖެހިގެން އޭނާ މިހާ ބޮޑަށް ބަލިވެދާނެ ކަމަށް ހިޔާލަށް ވެސް ނާދެ އެވެ.

އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހެވެ. ކެނެޑާގެ އޮންޓާރިއޯގައި ނިއުމާކެޓުގައި ގެއެއްގެ ވަޑާމުގެ މަސައްކަތުގައި ސިލްވާ އުޅުނީ ސަބްކޮންޓްރެކްޓަރެއްގެ ގޮތުގައި އެ މަސައްކަތް ނަގައިގެންނެވެ. ކުއްލިއަކަށް އޭނާއަށް ނޭވާލާން އުނދަގޫވާން ފެށި އެވެ. އެހެންވެ އަވަހަށް ހޮސްޕިޓަލަށް ދިޔައީ އެވެ. ޓެސްޓުކުރިއިރު އޭނާ ކޮރޯނާވައިރަޖަށް ޕޮޒިޓިވް އެވެ.

ހޮސްޕިޓަލުގައި އެޑްމިޓް ކުރިތާ ދެ ދުވަސް ތެރޭ އައިސީޔޫއަށް ބަދަލުކުރި އެވެ. އެތަނުގައި ހޭދަކުރި 60 ދުވަހުގެ މާ ބޮޑު ހަނދާނެއް ސިލްވާގެ ނެތެވެ. އެ ދުވަސްތަކުގެ ތެރޭގައި އޭނާގެ ހިތް ހުއްޓުނެވެ. ސްޓްރޯކެއް ވެސް ޖެހުނެވެ. އަދި ދެ މަސް ދުވަހު ކޯމާގައި ވެސް އޮތެވެ.

އޭނާގެ އަންހެނުން ޑެނީލީ ފެނާންޑެސް ވެސް ޕޮޒިޓިވް ވިއެވެ. ނަމަވެސް ވަސް ނުދުވުން ކަހަލަ އާދައިގެ އަލާމާތްތަކެއް ފެނިފައި ރަނގަޅުވީ އެވެ.

ޑެނީލީ ބުނީ ފިރިމީހާއަށް އެހާ ބޮޑުވަރުވުމުން ވަރަށް ބޮޑު ޝޮކެއް ލިބުނު ކަމަށެވެ. ސަބަބަކީ ސިލްވާއަކީ ވަރަށް ރަނގަޅު ސިއްހަތެއްގައި ހުރި ވަރަށް ބުރަ މަސައްކަތްތަކެއް ކުރާ ދުޅަހެޔޮ މީހަކަށް ވާތީ އެވެ.

"ވިއްސަކަށް ދުވަހު އަހަރެންނަށް އޭނާ ފެނުނީ ހަމައެކަނި ބިއްލޫރި ކުޑަދޮރެއްގެ އަނެއް ފަރާތުން. އަހަރެން އެ ކޮޓަރިއަށް ނުވެސް ވެއްދި. އޭނާގެ މުޅި ހަށިގަނޑުގައި އޮތީ ހޮޅިތައް ގުޅާފަ،" ޑެނީލީ ބުންޏެވެ.

ސިލްވާގެ ފުއްޕާމެޔަށް ވައިރަސް ވަދެ ހަމަލާ ދެމުން ދާތީ އޭނާގެ ފުރާނަ ސަލާމަތް ވުމުގެ އޮތީ 50 ޕަސެންޓް ޗާންސް ކަމަށް ޑޮކްޓަރުން ޑެނީލީ ކައިރީ ބުންޏެވެ.

ސިލްވާގެ ދެމަފިރިންގެ ގަޔަށް ވައިރަސް އެރިގޮތެއް ބުނާކަށް އެމީހުންނަކަށް ނޭނގެ އެވެ. ބޭރަށް ނުކުންނަމަ އެމީހުން ތިބެނީ އަބަދުވެސް މާސްކް އަޅައިގެންނެވެ. އެމީހުންނާއެކު މަސައްކަތްކުރާ އެކަކުވެސް ބައްޔެއް ނުވެ އެވެ. އެމީހުން ދެން އާންމުކޮށް ގޮސް އުޅެނީ ގްރޯސަރީ ފިހާރަތަކަށާއި ގޭސް ގަންނާށެވެ.

އޮންޓާރިއޯއަށް ކޯވިޑްގެ ތިން ވަނަ ރާޅެއް ބިންދާލާފައިވާއިރު ސިލްވާ އާއި އޭނާގެ އަންހެނުންގެ ވެސް އިލްތިމާސް އަކީ މިއީ އާދައިގެ ބައްޔެއް ކަމަށް ނުދެކި ފަރުވާތެރި ވުމަށެވެ.

"ގިނަ މީހުންނަށް ހީވެދާނެ މީ ޖޯކެކޭ. އަހަރެން ބުނާނީ އެހެން ހީނުކުރާށޭ. މިއީ ސީރިއަސް މައްސަލައެކޭ. އަހަރެން ހިތަށް އަރާ ސިލްވާ އުޅުނު ހާލު އެހެން މީހުންނަށް ފެނުނު ނަމައޭ،" ޑެނީލީ ބުންޏެވެ.