ކުޅިވަރު

ބާސްކެޓްގެ ކުރިމަގަށް ކިންގްސްއިން ފިޔަވަޅެއް

ރާއްޖޭގެ ގައުމީ ޗެމްޕިއަން ކިންގްސް ބާސްކެޓްބޯޅަ ކުލަބުން، ބާސްކެޓްގެ ޑިވްލަޕްމެންޓަށް ހާއްސަކޮށް ޒުވާން ތިން ކުޅުންތެރިން އެ ކުލަބަށް ސޮއި ކުރުވައިފި އެވެ.

މިދިޔަ ދެތިން އަހަރު ކިންގްސް ބިނާ ވެފައި އޮތީ، ރާއްޖޭގެ ތިބި އެންމެ ސީނިއާ ކުޅުންތެރިންގެ މައްޗަށް ބަރޯސާ ވެފައި އޮތް ސްކޮޑެއް އޮތް ކުލަބެއްގެ ގޮތުގަ އެވެ. މިއަހަރުގެ ބާސްކެޓް ސީޒަނާ އެ ޓީމުން ކުރިމަތިލަނީ ރެކްރޫޓްމެންޓްގެ އާ ވިސްނުމަކާ އެކު އެވެ. ޒުވާން ކުޅުންތެރިން އެ ކުލަބުގެ ސްކޮޑްގައި ހިމަނައިގެން ނުކުތުމުގެ މުހިންމު ބޭނަމަކީ ތަޖުރިބާކާރު ކުޅުންތެރިންގެ އެއް ސަފެއްގައި ކުޅެ ޒުވާން ކުޅުންތެރިން ޑިވްލަޕްވުމުގެ ފުރުސަތު ހޯދައިދިނުމެވެ.

އެ ޓީމުން ސޮއި ކުރުވި ތިން ކުޅުންތެރިންނަކީ އުމުރުފުރާ ލެވަލްގައި ކާމިޔާބު ހޯދާފައިވާ ތިން ކުޅުންތެރިންނެވެ.

އެގޮތުން އުމުރު ފުރާ ގައުމީ ޓީމުތަކަށް ކުޅުނު ދޮވެމި އިބްރާހިމް ޝަފީގް ވަނީ ކިންގްސްގެ ޓީމަށް ސޮއި ކޮށްފަ އެވެ. އަށާރަ އަހަރުން ދަށުގެ ގައުމީ ޓީމުގެ ވައިސްކެޕްޓަން ކުރި ދޮވެމި އަކީ އިންޓަ ސްކޫލް މުބާރާތް ތިން ފަހަރު އުފުލާލި ކެޕްޓަނެކެވެ. އަދި ސްކޫލް ކުދިންގެ ތެރެއިން ކުޅިވަރުގެ ރޮނގުން ކާމިޔާބު ހޯދާ ދަރިވަރުންނަށް ދޭ ކަލޯސް އެވޯޑްގެ ރިކޮގޮނިޝަން އެވޯޑް ބާސްކެޓްބޯލް ކެޓަގަރީން 2014، 2015 އަދި 2019 ގައި އޭނާ ހޯދި އެވެ.

އިނގިރޭސި ވިލާތުގައި މަތީ ތައުލީމު ހާސިލު ކުރަމުން އަންނަ ދޮވެމި ދަނީ، ކިޔަވަމުންވެސް ބާސްކެޓްގެ ޓްރޭނިން ހަދަމުންނެވެ.

ކިންގްސްއަށް ސޮއި ކުރުވި އަނެއް ކުޅުންތެރިޔަކީ މުހައްމަދު ޖިދާދު (ދާދު) އެެވެ. ދާދު އަކީ ކުރީގެ ބާސްކެޓްބޯލް ތަރި އައިޝަތު ނާޒިމާގެ ދަރި އެކެވެ. އުމުރުން 16 އަހަރުގެ ދާދު އަކީ ކިންގްސްގެ ޓީމަށް މިހާތަނަށް ސޮއި ކުރި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އުމުރުން ނުވަ އަހަރުގައި ބާސެކްޓްގެ ތެރެއަށް ވަން ދާދު ވަނީ 2015 ގައި ރާއްޖޭގެ ބާސްކެޓްގައި ތާރީހީ ރެކޯޑެއް ހާސިލު ކޮށްފަ އެވެ. އެ އަހަރު ދެ ވަނަ ޑިވިޝަން މުބާރާތުގައި ރެޑްލައިން ސިޓީ (އާރްއެލްސީ) އަށް، އުމުރުން 11 އަހަރުގައި ކުޅެ އޭނާ ވަނީ ގައުމީ ފެންވަރުގެ ސީނިއާ ބާސްކެޓް މުބާރާތެއްގައި ކުޅުނު އުމުރުން އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ހަދާފަ އެވެ. ފަނަރަ އަހަރުން ދަށުގެ ގައުމީ ޓީމުގައި ސަރަހައްދީ އުމުރުފުރާގެ މުބާރާތުގައި ބްރޯންޒް މެޑަލް ހޯދި ޓީމުގައި ދާދު ހިމެނުނެވެ. އަދި ކަލާސް އެވޯޑްގައި 2019 ގައި ބާސްކެޓްބޯލް ކެޓަގަރީން ތިން ވަނަ ހޯދި އެވެ.

ދާދު އަކީ ކިންގްސްގެ ކުރީގެ ކެޕްޓަން މުހަައްމަދު ޒިލާލް (ޒިލާ)ގެ ފޭން އެކެވެ. ކިންގްސްއިން ވަނީ ޒިލާ ބޭނުން ކުރި ހަ ނަންބަރު ޖޯޒީ ދާދު އަށް ދޭ ގޮތަށް ނިންމާފަ އެވެ.

ކިންގްސްއަށް ސޮއި ކުރުވި އަނެއް ކުޅުންތެރިޔަކީ، ކުޅިވަރުގެ އާއިލާއަކުން ބާސްކެޓްގެ ތެރެއަށް ނުކުތް މުހައްމަދު އައިކް ނީޝާމް އެވެ. އައިކްގެ ބައްޕަ އަކީ ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން އަހްމަދު ނީޝާމް ނާސިރެވެ. ކާފަ ރިނބިދޫ އަހްމަދު ނާސިރަކީ، ކްރިކެޓާއި ފުޓްބޯޅައިގެ ލެޖެންޑްރީ ބޭފުޅެކެވެ. ވިކްޓަރީ ސްޕޯޓްސްގެ ހިދުމަތްތެރިޔެއްގެ ގޮތުގައި ފާހަގަ ކުރެވުނު ރިނބިދޫ ނާސިރަށް އެފްއޭއެމުން ވަނީ 2017 ގައި ހަޔަތީ އަރުތައިގެ އެވޯޑް ނުވަތަ ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް އަރުވާފަ އެވެ.

އައިކްގެ ސްކޫލް ދައުރުގައި އޭނާ ވަނީ މަޖީދިއްޔާ ސްކޫލް ޓީމަށް އިންޓަ ސްކޫލް މުބާރާތް ދެ ފަހަރަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ދެ ވަނަ ޑިވިޝަންގައި ވޯލްވްސް ބާސްކެޓްބޯލް ޓީމަށް 2019 ގައި ކުޅުނުއިރު އެ ޓީމަށް ކޯޗް ކޮށްދިނީ ކިންގްސްގެ ކެޕްޓަން އަހްމަދު ފިރާޝް އެވެ.