އަހަރީ ބޯނަސްގެ ގޮތުގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގެ މުވައްޒިފުންނަށް މަހެއްގެ މުސާރަ ދިނުމަށް އެ ކުންފުނިން ނިންމައިފި އެވެ.
އެ ކުންފުނިން މި ނިންމުން ނިންމާ ކުންފުނިތަކަށް ނަމޫނާ ދައްކާފައިވާއިރު އާރުސީސީއަށްވެސް މިދިޔަ 2020 ވަނަ އަހަރަކީ ގޮންޖެހުން ބޮޑު އަދި މާލީ ދަތިތަކާއި ކުރިމަތިލާން ޖެހުނު އަހަރެކެވެ. އެ ކުންފުނިން ބުނީ ކޮވިޑް19 ގެ ބަލިމަޑިކަމުގައި ދުނިޔެއާއި ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ގޮންޖެހުމުގައި އެ ކުންފުންޏަށް މާލީގޮތުން ބޮޑެތި ގެއްލުންތަކެއްވިޔަސް މުވައްޒަފުންގެ ހިއްވަރުގެ އަގުވަޒަން ކުރުމަށްޓަކައި އެއް މަހުގެ މުސާރަ، 2020 ވަނަ އަހަރުގެ އަހަރީ ބޯނަހުގެ ގޮތުގައި ދޭން ނިންމާފައިވާ ކަމަށެވެ.
އެ ނިންމުމާއި ގުޅޭގޮތުން ކުންފުނީގެ ޗެއާމަން އަދި ދަނގެތީ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ މުވައްޒަފުން ކަމަށާ ބޮޑެތި މާލީ ދަތިތަކާއެކުވެސް، 2020 ވަނަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި އެއް މަހުގެ މުސާރަ ދޭން ނިންމުމަކީ އުފަލެއް ކަމަށެވެ.
"އާރްސީސީން މުވައްޒަފުންގެ ކަންކަމުގައި އަބަދުވެސް ނަމޫނާ ދައްކާނެ،" ނާޒިމް ވިދާޅުވިއެވެ.
އާރުސީސީން ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ އެންމެ ނުރައްކާތެރި ހާލަތުގައިވެސް ނަމޫނާ ދައްކާފައެވެ. އެގޮތުން ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ހެދި މެޑިކަލް ފެސިލިޓީގެ ނުނިމިހުރި ބައެއް މަސައްކަތްތައް އާރުސީސީގެ ވޯކްޝޮޕްގައި ފަށާ ބޮޑެތި އެހީތެރިކަން ސަރުކާރަށް ދިނެވެ.
ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ތެރޭގައި އާރުސީސީ ހިމެނެއެވެ. އާރްސީސީއަކީ 1950 ގައި "ރަޝީދު ކާޕެންޓަރީ" ގެ ނަމުގައި ފެށި ކުޑަ ވަޑާން ގެއަކުން އުފެދުނު ވިޔަފާރިއެއްގެ ތެރެއިން އައި ކުންފުންޏެކެވެ. އެ މަސައްކަތް ބޮޑު ކުންފުންޏަކަށް ބަދަލުވެ މިއަދު ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ކޮންސްޓްރަކްޝަން ކުންފުންޏަކީ އެއީއެވެ. މަސައްކަތުގެ ފެންވަރު ރަނގަޅު ވުމާއި ކަނޑައަޅާ ތާރީހަށް މަަސައްކަތްތައް ނިންމަމުން ގެންދިއުމުގެ ސަބަބުން ޑިވެލޮޕަރުންގެ ބޮޑު އިތުބާރެއް އާރުސީސީއަށް އޮވެއެވެ.