އެޗްޑީސީ

އެޗްޑީސީ އޮޑިޓް: ބައެއް މައުލޫމާތު ބަލަހައްޓާފަ ނެތް

ހުޅުމާލެ ވަގުތީ ފެސިލިޓީތަކުގައި ތިބި ބިދޭސީ މަސައްކަތްތެރިންނަށް ކޭޓަރިން ހިދުމަތް ފޯރުކޮށް ދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަރަދުކުރިއިރު ފެސިލިޓީތަކުގައި ތިބި މީހުންގެ މައުލޫމާތު ބަލަހައްޓާފައި ނުވާ ކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އޮޑިޓް އޮފީހުން މިއަދު ވަނީ ކޮވިޑް-19 އާ ގުޅިގެން އެޗްޑީސީން ކޮށްފައިވާ ހަރަދުތަކާއި ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓެއް ނެެރެފައެވެ. އެ ރިޕޯޓްގައިވާ ގޮތުން ކޮވިޑްއާ ގުޅިގެން 12,165,790 ރުފިޔާ އެޗްޑީސީން ހަރަދުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 8,346,111 ރުފިޔާއަކީ އެކޮމަޑޭޝަން ފެސިލިޓީ ގާއިމުކޮށް ދުވަހުން ދުވަހަށް ގަންނަން ބޭނުންވާ ތަކެތި ގަތުމަށް ކޮށްފައިވާ ހަރަދު ކަމަށާ 3,222,577 ރުފިޔާއަކީ އެޗްޑީސީގެ ސްޓޮކްގައި ހުރި މުދަލާއި ތަކެތީގެ ތެރެއިން ފެސިލިޓީ ގާއިމުކުރަން ކޮށްފައިވާ ހަަރަދު ކަމަށެވެ.

އޮޑިޓްގައި ބުނެފައިވަނީ ހުޅުމާލެ ވަގުތީ ދެ ފެސިލިޓީހުރިއިރު އެތަނުގައި ތިބި ބިދޭސީން މަސައްކަތްތެރިންނާއި އެޗްޑީސީގެ މުވައްޒިފުނަށް ކޭޓަރިން ހިދުމަތް ފޯރުކޮށް ދިނުމަށް 597,102 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް ކޭޓަރިން ހިދުމަތް ފޯރުކޮށްދިން މުއްދަތުގައި އެކި ދުވަހު އެ ފެސިލިޓީތަކުގައި ތިބި މީހުންގެ އަދަދާއި ފެސިލިޓީތަކުގައި ތިބި މީހުންގެ މައުލޫމާތު އެޗްޑީސީން ބަލަހައްޓާފައިނުވާ ކަމަށެވެ. އެގޮތުން އަމީން ހިޔާ އާއި ޕްރީފެބް އެކޮމަޑޭޝަން ފެސިލިޓީގައި ތިބި މީހުންގެ މައުލޫމާތު ކަށަވަރު ކުރެވޭނެ ލިޔެކިޔުން އެޗްޑީސީން އޮޑިޓަށް ދީފައިނުވާ ކަމަށެވެ.

ކޭޓަރިންއަށް ކުރި ހަރަދު ބިނާވެފައިވާނީ އެކި ދުވަސްތަކުގައި ފެސިލިޓީގައި ތިބި މީހުންގެ އަދަދަށް ކަމަށްވުމުން އެ މީހުންގެ ރެކޯޑްސް ބަލަހައްޓާފައިނުވާތީ ފައިސާ ހޯދަން ހުށައަޅާފައިވާ ބިލްތަކަކީ ސައްހަ އަދަދުތަކެއްކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތް ކަމަށް ވަނީ ބުނެފައެވެ. ކޭޓަރިންގެ ހިދުމަތާއި އެޗްޑީސީން ހަވާލުވީ އިކޮނޮމިކް މިނިސްޓްރީން ރަސްމީކޮށް އެކަމަށް އެދުމުން ކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.

މީގެ އިތުރުން ކޮވިޑާ ގުޅިގެން އެޗްޑީސީން ކުރި އެހެން ހަރަދުތައް ކުރީ ކުންފުނީގެ އުސޫލުތަކާއި ހަމަޖެހިފައިވާ ގަވާއިދުތަކުގެ ތެރެއިން ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.