ދުނިޔެ

ހިޒްބުﷲ އާ ތޮޅޭނަމަ މިސައިލްގެ ވާރޭ ވެއްސާނެ: ގޯޑިން

ހިޒްބުﷲ އާ ތޮޅެން އުޅެފިނަ އިޒްރޭލަށް މިސައިލުން ވާރޭ ވެއްސާލާނެ ކަމަށް އިޒްރޭލްގެ ކޮމާންޑާ މޭޖާ ޖެނެރަލް ޔޫރި ގޯޑިން ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ޖެރޫސަލަމްގައި އޮތް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އިޒްރޭލަށް ދުވާލަކު 2،000 މިސައިލް ހަމަލާ ހިޒްބުﷲ އިން ދޭނެ ކަމަށެވެ.

"އަހަރެމެންގެ ދުޝްމަނުން ދަނޭ ހަނގުރާމައިގެ މައިދާނުގައި ކުރިމަތިލައި އިޒްރޭލް ބަލި ނުކުރެވޭނެކަން. އެއަށް ވުރެ އަހަރެމެންގެ ހަމަލާތައް ގަދަފަދަވެފައި ދުވަހަކު ވެސް ދެކެފައިނުވާ ހަތިޔާރުން އަހަރެމެންނަށް ހަމަލާ ދެވޭނެ" ގޯޑިން ވިދާޅުވި އެވެ. "އެކަމަކު ހިޒްބުﷲ އިން މިސައިލްތައް އޮއްސާލާނީ އަހަރެމެންގެ ގެދޮރަށް. އާއިލާތަކަށް" އޭނާ ވިދާޅުވީ ގެދޮރަށް އަމާޒުކޮށް 2،000 މިސައިލް ހަމަލާ ދުވާލަކު ދޭ ނަމަ އިޒްރޭލަށް ލޮޅުން އަރާނެ ކަމަށެވެ.

އިޒްރޭލް ގަބޫލުކުރާ ގޮތުން ހިޒްބުﷲ އަތުގައި 150،000 އަށް ވުރެ ގިނި މިސައިލާއި ރޮކެޓް އެބަހުއްޓެވެ. އަދި އިޒްރޭލްގެ ކޮންމެ ތަނަކަށް ހަމަލަދެވޭ ވަރުގެ ރޮކެޓް ވެސް ހިޒްބުﷲ ޖަމާއަތުން ގެންގުޅެ އެވެ. އެސަރަހައްދަށް ހިޒްބުﷲ ފެތުރިފައިވާ ގޮތުން އިޒްރޭލަށް ހަމަލަތައް އަންނާނީ ކޮން ދިމާއަކުންކަން ދެނެގަންނަން ދަތި ވެދާނެ ކަމަށް އިޒްރޭލް ގަބުލުކުރެ އެވެ.