ލައިފްސްޓައިލް

މަތިންދާބޯޓުގައި ފޮޓޯޖެހުމުން ސޯނޫ ހަނދާންވީ މާޒީ

ފާއިތުވީ އަހަރުގެ ތެރޭގައި ކޮރޯނާވައިރަހުގެ ބަލިމަޑުކަން މުޅި އިންޑިޔާއަށް ފެތުރި، ހާލުގައި ޖެހުނު އެންމެ ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށް ދިނީ އެކްޓަރު ސޯނޫ ސޫދެވެ. އެހެންވެ އިންޑިޔާގެ ގިނަ ބަޔަކު އޭނާ ދެކެ ވަރަށް ލޯބިވެ އެވެ. މިހާރު ވެސް ސޯނޫގެ އެހީތެރިކަން ބޭނުން ޖެހިފައިވާ މީހުންނަށް ވަރަށް ބޮޑަށް ދަނީ ފޯރު ކޮށްދެމުންނެވެ.

އޭނާގެ ހިދުމަތުގެ އަގު އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ދަނީ ވަޒަން ކުރަމުންނެވެ. އިންޑިޔާގެ އެއާލައިނެއް ކަމަށްވާ ސްޕައިސް ޖެޓުން ވެސް ވަނީ ސޯނޫއަށް ޓްރިބިއުޓް ދިނުމުގެ ގޮތުން އެ އެއާލައިންގެ އެއާކްރާފްޓްތަކުގައި ސޯނޫގެ ފޮޓޯ ޖަހާފަ އެވެ.

މިކަން އެނގުމުން ސޯނޫގެ ހިތް ޖަޒުބާތުން ފުރުނެވެ. އޭނާ ހަނދާންވީ ފުރަތަމަ ފަހަރަށް މަތިންދާބޯޓެއްގައި ދަތުރުކޮށްފައި މުމްބާއީއަށް ދިޔަ ދުވަހެވެ.

"މޯގާ އިން މުމްބައީއަށް ރިޒާވް ނުކުރާ ޓިކެޓެއްގައި އައި ހަނދާން އަހަރެން ވަނީ. ތިޔަ ދިން ލޯތްބަށް އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. މައިންބަފައިން ނެތުމުގެ އިހްސާސް މިއަދު މާ ބޮޑަށް ކުރެވޭ،" ސޯނޫގެ މެސެޖުގައި ލިޔެފައި ވެއެވެ.

އިންޑިއާ ޓައިމްސް އަށް ދީފައިވާ އިންޓަވިއު އެއްގައި ސޯނޫ ބުނީ ޕެންޑަމިކަށް ނިމުން އައުމަށް ފަހު ވެސް އޭނާގެ އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިވުމުގައި ދެމި ހުންނާނެ ކަމަށެވެ.

"ސޫދު ފައުންޑޭޝަން މިހާރު އަހަރެމެން ގާއިމްކޮށްފިން. މި ފައުންޑޭޝަނުން މީހުންނަށް އެހީތެރިވުމުގެ ކަންތައްތައް ކުރިޔަށް ގެންދާނެ. އަހަންނަކަށް ނޭނގެ އެކަމުގައި އުޅޭނެ ޓީމެއް. ސަބަބަކީ ކޮންމެ ދުވަހަކުވެސް އެތައް ވޮލަންޓިއަރުންނެއް މި ޓީމާ ގުޅެމުންދާތީ. އަހަރެންގެ ބޭނުން ޖެހޭ ހަމަ ކޮންމެ މީހަކަށް އެހީވުމުގައި އަހަރެން ދެމި ހުންނާނެކަމުގެ ޔަގީންކަން ދެން. އަހަރެންނަށް މި ކުރެވުނީ ވަރަށް ހިތްގައިމު ތަޖުރިބާއެއް. މުޅި ހަޔާތުގައި ވެސް މިގޮތަށް މިކަން ކުރިޔަށް ގެންދިއުމަށް ބޭނުންވަނީ. މިކަމަށް އަހަރެންގެ 100 ޕަސެންޓް ދޭނަން އަބަދުވެސް،" ސޯނޫ ބުންޏެވެ.