ބޮލީވުޑް

ހިކެން ހިތްވަރު ލިބުނީ ދަރިންގެ ފަރާތުން: ފަރްދީން

ފަރްދީން ޚާން ބަރުދަން ލުއިކޮށް އަލުން ފިލްމު ކުޅެން ތައްޔާރު ވަމުންދާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ. އޭނާގެ ފަހުގެ ފޮޓޯތަކުން ފެންނަނީ ވަރަށް ބޮޑަށް ހިކި، ފިޓްކޮށް ފަރްދީން ހުއްޓަ އެވެ. މިއީ މީގެ އަހަރެއްހާ ދުވަސް ކުރިޔާ ވަރަށް ތަފާތު މަންޒަރެކެވެ. އަހަރެއްހާ ދުވަސްކުރިން ފަރްދީން ހުރިލެއް ފަލަކަމުން ގިނަ މީހުންނަށް އެއީ ފިލްމުތަކުން ފެނުނު ފަރްދީން ކަން ގަބޫލުކުރަން ވެސް ދަތިވި އެވެ.

ދާދިފަހުން ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ފަރްދީން ބުނީ ހިކެން މަސައްކަތް ކުރަން ހިތްވަރު ލިބުނީ ދަރިންގެ ފަރާތުން ކަމަށެވެ. އަދި އެއީ ކުރަން ޖެހޭ ކަމެއް ކަން ކުރި ވެސް އެނގޭ ކަމަށާއި ނަމަވެސް ކުރާ ހިތް ނުވެގެން ހިކެން މަސައްކަތް ނުކޮށް ހުރީ ކަމަށެވެ.

"ހަށިގަނޑާއި ސިކުނޑިއާ އޮންނަނީ ވަރަށް ބޮޑަށް ގުޅިފައި. ހަށިގަނޑު ފިޓް ނޫންނަމަ ނަފްސާނީ އުނދަގޫތައް ވެސް އިތުރުވޭ. އަހަރެންނަށް ނަފްސާނީ ގޮތުން އެންމެ އުނދަގޫވީ ދުވަސްތަކުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އަންހެން ދަރިފުޅު ޑައާނާ އާއި ފިރިހެން ދަރިފުޅު އަޒާރިއުސްގެ ފަރާތުން. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރަނގަޅު އާދަތަކެއް ހިފަން ޖެހުމުގެ މުހިއްމުކަން ވިސްނުނީ އެކުދިންނާ ހެދި،" ފަރްދީން ބުންޏެވެ.

ފަރްދީން އިތުރަށް ބުނި ގޮތުގައި ދަރިން ލިބުނީމަ އެކުދިންގެ ޑިމާންޑްތަކާ އެއްގޮތަށް ކަންކަން މީހާ ފިޓް ނޫން ނަމަ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެއެވެ.

"މަގޭ އަންހެން ދަރިފުޅު ބޭނުންވާނެ ސްކޭޓް ކުރަން. ބައިސްކަލް ދުއްވަން. ފިރިހެން ދަރިފުޅު ބޭނުންވާނީ ޕާކުގައި ދުވަން. ބައްޕައަކަށް ވީމަ އަހަރެން ވެސް ބޭނުންވޭ އެ ކުދިން ގޮވައިގެން ހައިކިން އަށް ގޮސް ހަދަން ވެސް. އަދި އާ ކުޅިވަރުތައް އެކުދިންނަށް ތައާރަފްކޮށްދީ އެ ކަންކަން އެކުދިން ލައްވާ ކުރުވަންވެސް. އެއީ ބައްޕައަކަށް ވީމަ ކުރަން ޖެހޭ ކަންކަން. އަހަރެން ފިޓްވާން ޖެހޭކަމުގެ އިހްސާސް ކުރެވުނީ މިފަދަ ކަންކަން ކުރުމަށް ނުކުޅެދުނީމަ ކުރެވުނު އިހްސާސުން،" ފަރްދީން ބުންޏެވެ.

އެކަމަށް އަޒުމުކަނޑައެޅުމަށްފަހު ފަރްދީން އަށް ބަރުދަން ލުއިކުރުމަށް މާ ބޮޑު އުނދަގުލަކާ ކުރިމައްޗެއް ނުވި ކަމަށް ވެސް އޭނާ ބުންޏެވެ. ސަބަބަކީ އޭނާގެ އަންހެނުން ނަތާޝާ އަކީ ފިޓްނަސް އަށް ދެވި ހިފާފައި ހުރި މީހަކަށް ވުމެވެ. އެހެންވެ ނަތާޝާގެ އެހީތެރިކަމާއެކު ބަރުދަން ލުއިކޮށް ފިޓްވުމުގެ މަސައްކަތް ފެށީ ކަމަށް ފަރްދީން ބުންޏެވެ.

"ފުރަތަމަ ހިކެން މަސައްކަތް ފަށައި ޖިމް އަށް ގޮސް ކަސްރަތު ކުރަން ފެށީމަ ވަރަށް ބޮޑަށް ހިކެން ފަށާ. ނަމަވެސް ވަކި ހިސާބަކުން ބަރުދަން ލުއި ވުން ހުއްޓި އިތުރު ހިތްވަރާއި މަސައްކަތް ކުރަން ޖެހޭ. އަހަރެން އުފާކުރަން ހަށިގަނޑު ފިޓްކޮށް ހުންނަން މަސައްކަތް ކުރެވުނީތީ،" ފަރްދީން ބުންޏެވެ.

ފަރްދީން ބޮލީވުޑަށް އެނބުރި އަންނަކަން ދާދިފަހުން ވަނީ އިއުލާން ކޮށްފަ އެވެ. އެގޮތުން ފަރްދީން އެންމެ ފުރަތަމަ ކުޅޭނީ "ނޯ އެންޓްރީ"ގެ ސީކުއަލް ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ވަނީ ބުނެފަ އެވެ.