ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އަތޮޅު ތެރެއަށް ދަތުރު ކުރެއްވުމަށް ބޭނުންފުޅުވާ މަޖިލީހުގެ މެންބަރުން އެމަނިކުފާނަށް ހުށަހެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު އެކަމަށް އެދިވަޑައިގެންނެވީ ކެމްޕޭނަށް ހަމަހަމަ ފުރުސަތު ނެތް ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީއަށް ނިސްބަތްވާ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި މެންބަރުންނަށް އިޝާރާތް ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ކުއްލި މައްސަލައަށް ބަހުސް ކުރެއްވި އިދިކޮޅު ބައެއް މެންބަރުން ވަނީ ކެމްޕޭނަށް ރަށްތަކަށް ދަތުރު ކުރެއްވުމަށް އެ ބޭފުޅުން މަސައްކަތް ކުރެއްވި ނަމަވެސް އެޗްޕީއޭ އިން އެކަމަށް ހުއްދަދީފައި ނުވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެކަމަކު ސަރުކާރަށް ތާއީދަށް ކުރައްވާ މެންބަރުން ހުއްދައަށް އެދިވަޑައިގަންނަވާއިރު ހުއްދަ ހަމަޖެހިގެންދާ ކަމަށްވެސް އިދިކޮޅު މެންބަރުން ވަނީ ތުހުމަތު ކުރައްވާފަ އެވެ.
އިދިކޮޅު މެންބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް ކައުސިލް އިންތިހާބުގެ ކެމްޕޭންގައި ބައިވެރިވެ، ސިޔާސީ ހަރަކާތްތައް ހިންގަން ފުރުސަތު ލިބެންވާނެ ކަމަށެވެ. އެހެންކަމުން ކެމްޕޭނަށް އަތޮޅު ތެރެއަށް ދަތުރުކުރުމަށް ބޭނުންފުޅުވާ މެންބަރުން އެމަނިކުފާނަށް އެކަން ހުށަހެޅުއްވުމުން ހުއްދަ ހޯދައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"މެންބަރުން ހުށަހެޅުއްވީމާ އެކަމުގައި އަޅުގަނޑަށް ކޮށްދެވެން އޮތް ކަމެއް ކޮށްދޭނަން. އުއްމީދުކުރަނީ އެކަން ވާނެ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.