ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގައި އެޑްމިޓްކުރާ މީހުންގެ އަދަދު ދަށަށް

Mar 23, 2021

ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު 100 އިން ދަށަށް ހިނގައްޖެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 100 އަށް ވުރެ ގިނަ މީހުންނަށް މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް ފަރުވާ ދެމުން ގޮސްފައިވެ އެވެ. އެހެންނަމަވެސް މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ.

އެގޮތުން މިމަހުގެ 21 ވަނަ ދުވަހު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންގޮސްފައިވަނީ 95 މީހަކަށެވެ. އަދި މިއަދަދު އިއްޔެ ވަނީ 90 މީހުންނަށް ދަށްވެފަ އެވެ.

ކޮވިޑް ފެސިލިޓީތަކުގެ ކެޕޭސިޓީއާއި ގުޅިގެން އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު ވިދާޅުވެފައިވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެގެން އެޑްމިޓް ކުރާ މީހުންނަށް ފަރުވާ ދިނުމަށް މިހާރު ކެޕޭސިޓީ އެބަހުރި ކަމަށެވެ. މިދިޔަ ދުވަސްތަކުގައި ފެސިލިޓީތައް ފުރުމުގެ ސަބަބުން ފިޔަވަޅުތައް ވަރުގަދަކުރަން ޖެހުނު ކަންވެސް މައިމޫނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ކޮވިޑް ވެކްސިން ދޭން ފަށާއިފައިވާއިރު، ވެކްސިނާ ގުޅިގެން ހާލަތު ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. ރާއްޖޭގައި ކޮވިޑް އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބީ 2،447 މީހުންނެވެ.