ބޭރު ކުޅިވަރު

ރެއާލް މެޑްރިޑާ ދެކޮޅަށް މެސީ ކުޅުމާމެދު ޝައްކު

މި މަހުގެ 21 ވަނަ ދުވަހު ރެއާލް މެޑްރިޑާ ދެކޮޅަށް ބާސެލޯނާ ކުޅޭ މުހިންމު މެޗުގައި ބާސެލޯނާގެ ތަރި ލަޔޮނަލް މެސީ އަށް ކުޅެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.

އާޖެންޓީނާގެ ކެޕްޓަން މި މެޗުގައި ކުޅޭނެ ކަމަށް ކުލަބުންނާއި ސަޕޯޓަރުން އަދި ކުޅުންތެރިޔާ ވެސް ކުރިން އުއްމީދުކުރި އެވެ. ނަމަވެސް މެސީ އަށް ކުޅެވޭނެ ކަމާމެދު ޝައްކު އުފެދުނީ އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާ އުއްމީދުކުރިހާ އަވަހަށް ރަނގަޅުވަމުން ނުދާތީ އެވެ.

ބާސެލޯނާގެ މެޑިކަލް ޓީމުން ބުނީ މެސީ އެ މެޗުގައި ކުޅޭނީ އޭނާގެ މުޅިން ފިޓްވެ، އެކަށީގެންވާ ވަރަށް ފިޓްނަސްލެވެލް ހުރެފިނަމަ އެކަނި ކަމަށެވެ. އެހެންނޫނީ އަނިޔާ އިތުރަށް ގޯސްވެދާނެ ކަމަށް ފެންނާނީތީވެ ފިޓްނުވާނަމަ މެސީ މެޗަށް ނުނެރޭނެ ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ލަސްޕަލްމާސް އަތުން ބާސެލޯނާ 2-1އިން މޮޅުވި މެޗުގެ ތިން ވަނަ މިނިޓްގައި މެސީގެ ކަކުލަށް އަނިޔާވެ އޭނާ ބާލަން ޖެހުނެވެ. އަދި އަލުން ކުޅެން ނުކުމެވޭނީ ހަ ހަފުތާ ފަހުން ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ. އޭނާ ނެތި ކުޅެން ޖެހުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ވެސް ވަނީ ބުނަފަ އެވެ. އަދި މެސީ ނެތި މޮޅުވުމަކީ ވެސް ބާސެލޯނާ އަށް ވަނީ އުނދަގޫކަމަކަށްވެފަ އެވެ.