(21 މާރިޗު 2021 އާ ގުޅޭ)
"އާދޭ..." ސޯފާއިން ތެދުވެ އަރީންނަށް މިދުހަތު އަތް ދިއްކޮށްލިއެވެ. ގޮތެއް ނިންމަން ނޭނގުނަސް މިދުހަތުގެ އަތުގައި އަރީން ހިފި އެވެ. އޭނާ ގޮވައިގެން މިދުހަތި ހިނގައިގަތީ ބިއްދޮށުގައި ހުރި އޭނާގެ ނިދާކޮޓަރިއަށް ވަންނާށެވެ.
އަރީންގެ ޖެހިލުންވުން މާނައެއްނެތް އަސަރަކަށް ވެއްޖެ އެވެ. ގަންނަންވީ ބިރު ފަހަނައަޅައި ހިނގައްޖެ އެވެ. ހެޔޮމަގަށް މަގުދައްކައިދޭ ސަމުގާ ކަމުގައި މީހާގެ ޒަމީރު ވެއެވެ. ނަމަވެސް އެ ޒަމީރުގެ އަޑަށް އަރީންގެ ހިތާއި ސިކުނޑި ބަންދު ކުރީއެވެ. އަލިކަމުގެ ރޮއްޖެއް ފާޅުވާންނެތް އަނދިރި ކަމަކަށް އޭނާ މަރުހަބާ ކިޔައިފި އެވެ. ހަވާނަފްސުގެ އެދުންތަކަށް ދަހިވެތިވީލެއް ބޮޑުކަމުންނެވެ.
* * * * *
"ޑެޑީ އާދެބަލަ... ޕްލީޒް..." ސާރާ އައިސް ކުނާމަތީ އިން އަސްލަންގެ އަތަށް ދަމަންފެށި އެވެ. ކުނާ މަތީގައި އަސްލަން އެކަނިވީމަ އެވެ. ކޮޅަށް ތެދުވިގޮތަށް ދަރިފުޅު ނަގާ ކޮނޑަށް ލައިގެން މޫދާ ދިމާއަށް އަސްލަން އައެވެ. ސާރާ ތޫލި ހަޅޭކަކާއެކު ހީނހީނ އޮތެވެ. އޭރު އަނުމް އުރާލައިގެން ކަކޫތާފެނަށް އެރި ނޯޔާ ހުއްޓެވެ. މަލްސާ އުރާލައިގެން ރިދާން އުޅުނީ ފަވާދުއާއި އޭނާގެ ދެބެން ގާތުއެވެ. އެތަނުގައި ނެހާގެ އަޑު ކުޑަކުޑަ މަލްސާއަށް ދޫނުކުރެއެވެ. އިޔާންގެ ބުރަކަށިމަތީ ވެލައެއްހެން ނެހާ އަރާ އޮވެ ނޯޔާއަށް އަންނާށޭ ގޮވައެވެ.
"އެކުދީން އެހާ އަވަހަށް ނޯޔާ ބަލައިގަންނާނޭ އަހަރެން ހިޔެއް ނުކުރަން." މޫދާ ދިމާއަށް ބަލަން އިނދެފައި ކައިރީގަ އިން ސަބީނާއަށް ނަޒަރު ހުއްޓާލަމުން ރޫމާ ބުންޏެވެ.
"އަހަރެންގެ ދުލުގައި އެކުއްޖާ ސިފަ ކުރާނޭ ލަފުޒެއް ނެތް... އެހާވެސް ފުރިހަމަ، އަހަރެންނާ ހަމައަށް އެއްކަމެއް ވެސް ނުޖައްސާ، އަހަރެން ކޮށްދޭ ހިތްވިޔަސް، ކޮށްދޭނޭ ކަމެއް ނުހުރޭ، ކުދީންނައިގެން އެހާވަރު ހުރޭ... އެހެންވީމަ އެކުދީން ވެސް ލޯބިވާނެއެއްނު، އެކަމަކު މިހާރު އެންމެ ދެރަވަނީ އެކުއްޖާ ސްކޫލު ދޮށަށް އެހާ ހިނގާ ހިނގުން ފެނިފަ... ހެޔޮލަފާ އަންހެން ދަރީންނަކީ މައިންބަފައިންގެ ހިތުގެ ހަމަޖެހުން، އަރީނަށް ވެސް ދަސް ކޮށްދޭން ބޭނުންވީ ނޯޔާފަދަ ރިވެތި އުޅުމެއް... ކާކުގެ ބޯހަރުކަމެއްކަން ނޭނގެ އެކުއްޖާއަށް ލިބިފަ އެހުރީ."
"ކީއްވެތަ އެމަންޖެ ނައީ، ފަވާދު ބުނި ބަލިވެޔޭ." ނެހާގެ ދަރިފުޅު އުނގަށް ލައިގެން އިން ރޫމާ އަހާލި އެވެ.
"މަށަށް ވެސް އެނގެނީ ތިވަރު، އަހަރެމެން ގެއިން ނުކުތްއިރު ދޮރާ ހަމައަށް ވެސް ނުކުމެނުލި." ސަބީނާއަށް މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލެވުނެވެ.
"އައްޔޫބު އުޅުނު ނޯޔާއަށް ސައިކަލެއް ގަނެދޭން، އޭރުން އެ ހިނގުމެއް ހިނގާކަށް ނުޖެހޭނެތާ... އެކަމަކު ނޯޔާ އެއްބަހެއްނުވި، އަހަރެންގެ ދަރިއަކަސް އެކުއްޖާގެ ހިތާއި ސިކުނޑީގަ ހިނގާ ހިޔާލުތަކެއް ނޭނގޭ... ގެއިން ނުކުމެ ހިނގާލަން ލިބެނީ ހަމައެކަނި ކުދީން ގޮވައިގެން ސްކޫލު ދޮށަށް ދާއިރުއޭ ބުނީ... އަސްލަން އަދިވެސް އުޅެނީ ހާދަ ލަދުންނޭ." ރޫމާ ބުންޏެވެ.
"ރަނގަޅީ ހަމައެކަނި ނޯޔާއެއް ނޫން، ސަބީގެ އަސްލަންއަކީ ހެޔޮލަފާ ކުއްޖެއް، ބަލާބަލަ! އޭނާ އަހަރެމެންގެ ނޯޔާއާމެދު ބަހައްޓާ ގާތްކަން، އެއީ ހިތްވަރުގަދަ ފިރިހެނެއް... އޭނާ ވެސް ތިން ދަރީންނަށް ޓަކައިވީ ކުޑަ ގުރުބާނީއެއް ނޫން." އައްޔޫބު އިޝާރާތް ކުރީ ނޯޔާގެ އަތުގައި އަސްލަން ހިފާލިތަން ފެނި އެވެ.
"އެހާ ފުނަށް ދާކަށް ނުކެރޭނެ." އަސްލަންގެ އަތުގައި ހިފައިގެން ހުރެ ނޯޔާ ވާހަކަ ދެއްކީ މަޑުންނެވެ.
"އެހާ ފުނެއް ނޫން." ނޯޔާގެ އަތްތިލައަށް ބާރު ކޮށްލަމުން އަސްލަން ބުންޏެވެ.
އަސްލަންގެ އަތުގައި ހިފައިގެން ހުރެ މޫދަށް ނޯޔާ ފޭބި އެވެ. އޭނާގެ އަތުން ކުޑަދަރިފުޅު އަސްލަން އުރާލީ ނޯޔާ ބިރުން ހުރިހެން ހީވެއެވެ.
"ނޯޔާ!... ވެނެއް، ވެނެއް..." ރިދާން ނިކަން ބާރަށް ގޮވާލި އެވެ. ތެޅިގަތް ނޯޔާ ހިފައިގަތީ އަސްލަންގެ ގައިގަ އެވެ. ވަށައިގެން ލޮނުގަނޑު ތެރެ ހޯދަން ފެށި އެވެ. ނެހާ އަތް ހޫރާލީ ރިދާންގެ ގައިގާ ބޮނޑިއެއް އަޅާށެވެ. އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔަ އެވެ. އަނުމް ބައިންދަން މޫދަށްލީ ރިންގުފަދަ ރިންގެއް ނޯޔާއަށް ގެންނަން ފަވާދު ގޮވާލި އެވެ. އެއްއަތުން ކުޑަދަރިފުޅު އުރައިގެން އަނެއްއަތުން ނޯޔާގެ އުނަގަނޑުގައި ހިފަހައްޓާ ގާތްކޮށްލައިގެން އަސްލަން ހުއްޓެވެ.
"އެއީ ދޮގެކޭ... މިހިސާބަކު ނޫޅޭނެ އެކަހަލަ އެއްޗިއްސެއް" ދެފައި ނުޖައްސަން ނޯޔާ އުޅުމުން އަސްލަން ބުނެލި އެވެ. ފުންމައިލި ގޮތަށް ނޯޔާ އެލިގަތީ އަސްލަންގެ ކަރުގަ އެވެ. އަނބިމީހާ އުރާލާފަދައިން އިހުނަށްވުރެ ގާތްކޮށްލުމާއެކު އަސްލަން ހީނލި އަޑު އިވުނެވެ.
"މަންމާ ޝާކެއް... ބޮޑު ބޮޑު... ފައި ކާލާނީ." ރިދާންގެ ކޮނޑުމަތީ އޮތް މަލްސާއަށް މަޖާ ވެގެން ގޮވާލި އެވެ.
"އެންމެ ކުރިން ކާލާށޭ ބުނާނީ މަލްކޮ... މަލްކޮގެ ފައި މާމީރު ވާނެ." ނޯޔާ ބުންޏެވެ. އެ ކުއްޖާގެ ހުނުންވީ ބާރެވެ. ރިދާންގެ ކަރުގައި ބާރަށް އެކުއްޖާ ބެއްދި އެވެ. މިޔަރު އައިސް ކާލާނީ ފުރަތަމަ މަންމައޭ ބުނެ އެކުއްޖާ ވެސް ދޫނުދިނެވެ.
"ދުރަށް ނުދައްޗޭ... ޕްލީޒް..." ފައިޖައްސަމުން އަސްލަންއާ ދުރަށް ޖެހިލި ނަމަވެސް އޭނާގެ އަތުން ނޯޔާ ދުލެއް ނުކުރި އެވެ. އަސްލަންއަށް ދެން ވެސް ހުރެވުނީ ފާޑަކަށް ހިނިއައިސްފަ އެވެ. ދެމަފިރިންނަށް ހުރެވުނު ގާތްކަން ނޯޔާއަށް ވިސްނާލެވުނީ ދެނެވެ. އެންމެންގެ ތެރޭ އަސްލަންއާ އެހާ ގާތް ވެގެން އުޅެވުނު ގޮތް ސިފަ ކުރެވި ވަގުތުން މީހާ ލަދު ގަނެއްޖެ އެވެ. ދުރަށް ޖެހެމުން ގޮސް ހަމައެކަނި އަސްލަންގެ އަތްތިލައިގަ އެކަނި ނޯޔާ ހިފަހައްޓާލައިގެން ހުއްޓެވެ.
"ތާތި... މިކޮޅަށް އާދެބަލަ... ޕްލީޒް." ނޯޔާ ގޮވާލީ ނެހާ އަށެވެ.
"އަހަރެން ނޯޔާ ސަލާމަތް ކުރާނަމޭ... ޓްރަސްޓް ނުކުރެވޭތަ؟" ނޯޔާގެ އަތަށް ދަމާލަމުން އަސްލަން ބުންޏެވެ.
ނޯޔާގެ އިސްކޮޅުނުކާ ހިސާބަކަށް އެންމެން ނުދެއެވެ. ފަވާދާއި ކުދީން ވެސް މިއަދު އާއިލާއާ މާގުޅޭހެން ހީވެއެވެ. ސާރާއާއި މަލްސާ ބާކީވެގެން ނޫޅެ އެވެ. ރީވާއާއި ފަލަކްއާ ދެބެންނާއެކު އެކުދީން ވެސް މަޖަލާއި ސަކަރާތުގައި އުޅޭތަން ފެނެއެވެ. މަލްސާ ގޮވައިގެން ރިދާން އުޅޭއިރު ފެންނަ މީހަކަށް އެއީ އޭނާގެ ދަރިއެކޭ ހީވާނެއެވެ. އެ ދެމީހުންގެ ވެސް ހުންނަނީ އެއްކަހަލަ މިޒާޖެކެވެ. ކުޑަކުދީންނާއެކުވެ އެކުދީން ޖަހާ ކަހަލަ ސަކަރާތް ޖެހުމުގައި ރިދާން އުޅެއެވެ. ދެން އެކުދީންގެ ކުޅިވަރުގައި ބައިވެރިވީތަން ފެނުނީ ނެހާއާއި ނޯޔާއެވެ. ދުރުގައި އިށީނދެލައިގެން އަސްލަން އިނީ އެ މަންޒަރު ބަލާށެވެ. އިޔާން އައިސް މަންމަގެ އަތުން ނޫމާ އުރާލިއެވެ.
"އަރީންތަ؟ ކިހިނެއް މިހާރު؟" ފޯނުކޯލެއްކޮށްފައި ފަވާދު އައިސް އަސްލަންގެ ކައިރީ އިށީނުމުން އޭނާ އަހާލި އެވެ.
"ކުޑަކޮށް ރަނގަޅޯ." ފަވާދު ބުންޏެވެ.
"ކުދީންނާ ނޯޔާ ވަރަށް ގުޅޭ ދޯ... ރަނގަޅު އަންހެނެއްގެ ސިފަ އޭނާގެ އެބަހުރި." ކުރިމަތީގައި ދުވެދުވެފައި އުޅޭ ކުދީންނަށް ބަލަން އިނދެ ފަވާދު ވާހަކަ ދެއްކިއެވެ. އަސްލަންއަށް ފަވާދުގެ މޫނަށް ބަލާލެވުނެވެ. މިނޫނީ އޭނާ އަސްލަންގެ ދިރިއުޅުމާ ގުޅޭގޮތުން ބަހެއް ބުނެފައެއް ނުވެއެވެ. އަސްލަންއަށްވުރެ ފަވާދު އެއްއަހަރު ހަގު ނަމަވެސް އޭނާ ނޯޔާ ދެކެނީ އަސްލަންގެ އަނބިމީހާއަށްވުރެ ކޮއްކޮއެއްގެ ނަޒަރުންނެވެ. އެކަން އޭނާގެ ޢަމަލުތަކުން އަސްލަންއަށް ފާހަގަވެއެވެ.
"ހޫމް... ކައިވެންޏެއް އަލުން ކުރަން އަހަރެން ބޭނުންނުވެފަ ހުރީ ކުދީންނާމެދު ވިސްނޭ ވަރުން، އެކަމަކު މިހާރު އެ ބިރު ހިތުން ފިލައިފި، އަހަންނަށްވުރެ ވެސް އެކުދީން ދެކެ ނޯޔާ ލޯބިވޭ، އޭނަ ވަރަށް އަންޑަސްޓޭންޓިން..." އަސްލަންގެ ނަޒަރު ދުރުގައި ހުރި ނޯޔާއަށް އަމާޒުވެލި އެވެ.
"ކުރިން ދުވަހު މަންމަ ކައިރީ މަލް ދެއްކި ޤުރުއާން ޓީޗަރެއް އަންނަ ވާހަކަ." ފަވާދުގެ ހިތުގައި އެވާހަކަ އޮޅުންފިލުވުމުގެ ޝައުގުވެރިކަން އުފެދިފައި ވިއެވެ.
"އާން! ނޯޔާ ބޭނުންވީ ޤުރުއާން ކިޔަވައިދޭން ރަނގަޅު މީހަކު ގެންނަން، ސާރާ ހަތިމުން ފަށަންވާއިރަށް، އޭރުން ސަކަރާތުގައި ނޫޅެ ދަސްކުރަން އުޅޭނެއޭ ކިޔާފަ، ދެން ހުރީ މަލް، އެކުއްޖާގެ ހަލަނިކަން ފެނެއެއްނު."
"އަހަރެން ވެސް ރީވާއާއި ފަލަކްއަށް ޤުރުއާން ޓީޗަރެއް ހޯދަން ބޭނުން، އަސްލަންއަށް މައްސަލައެއްނެތިއްޔާ، ނޯޔާ ކައިރީ އަހާލަބަލަ އަހަރެންގެ ދެބެން ގެންދެވިދާނެތޯ." ފަވާދު ހާމަކުރީ ހިތު އަޅައިގެން ހުރި ބޭނުމެވެ.
"ތިކަހަލަ ކަންކަމުގައި އަހަރެންނަށް އެއްޗެއް ބުނާކަށްނޭނގޭނެ، ނޯޔާ ކައިރި އަހަރެން ބުނާނަން." އަސްލަން މިހެން ބުނެލުމުން ފަވާދު ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ. އޭނާއަށް ވެސް ބަލާލެވުނީ ކުދީންތަކާއެކު ކުޅެން އުޅޭ ނޯޔާއަށެވެ.
"ނޯޔާއާ ގުޅިގެން އަރީން އުޅޭނެނަމަ، ތިގެން ގުޅޭ ރައްޓެހިންތަކަށްވުރެ މާރަނގަޅު ވާނެ... އަމިއްލަ ދަރިންނަށް ނުވިޔަސް އޭނާ އަސްލަންގެ ކުދީންގެ މުސްތަޤުބަލާމެދު ވަރަށް ވިސްނާ، އަރީން ވެސް އެފަދަ ވިސްނުން ގެންގުޅޭނަމަ، ދެނަމާދު ދޭތެރޭ ހުރިހާ ދަރީން ކައިރިކޮށްގެން ކިޔަވަން އިންދާ އަހަރެންނަށް ފެނުނު ދުވަހުން ފެށިގެން ހިތުގައި ދަހިވެތިކަމެއް އުފެދިއްޖެ... އެފަދަ މަންޒަރަކީ އަރީންގެ ފަރާތުން އަހަރެން ދުށުމަށް އެދެމުން އައި ކަހަލަ މަންޒަރެއް، އަންހެން ދެބެން ތިބިއިރު އެގޮތަށް ގާތްކޮށްގެން ގެންގުޅެން ފަސޭހަވާނީ ވެސް މަންމައަށް، ކީއްވެތަ އަރީން ތިހާ ފަރުވާކުޑައީ... މިހާރު ކަންކަން އިސްލާހު ނުކޮށް ދޫކޮށްލީމަ، އެ ދެބެން ބޮޑުވެގެން އުޅޭނީ ކޮންކަހަލަ އުޅުމެއް، އަންހެން ދަރީން ވިޔާނުދާ ގޮތުގައި ބޮޑުވެއްޖެނަމަ އަހަރެމެންނަށް ދުވަހަކުވެސް ހިތްހަމަޖެހުމެއް ލިބޭނެތަ؟" އަރީނާ ގުޅިފައިވާ ޝަކުވާގެ ހިޔާލުތަކަށް ނިމުމެއް އައުމުގެ ކޮޅުމަތި އަދިއެއް ނުފެންނަކަށް ފަވާދަށް އެނގެއެވެ. އިސްލާހުގެ މަގުގައި ސާބިތުވާ އަންހެނެއް ކަމުގައި އަރީން ނުވާތީއެވެ.
ދަތުރު ނިމުމަކަށް އައިއިރު ނޯޔާއާ އެންމެ އެއްކޮށް އުޅޭތަން ފެންނަނީ ސާރާ އެވެ. އެހެންޏާ ނުފެންނަ އުފާވެރި ކަމެއް އެކުއްޖާގެ މޫނުން ފާޅުވޭވޭ ހުއްޓެވެ. ފެކެޓް ހިފައިގެން އެ ބޯން ސާރާ އިނީ ނޯޔާގެ އުނގުގަ އެވެ. އެއްބައި ކާލި ބިސްކޯދު ނުކެވޭނޭ ބުނެ ނޯޔާއަށް ދިއްކޮށްލުމާއެކު އޭނާ އެ ކުއްޖާގެ އަތުން އެ ބިސްކޯދު ކާލައިފި އެވެ.
"ޔޫ އާ ބިކަމިން އަ ޓިޕިކަލް މާމް..." ދަރީން ބާކީކުރާ ބައި ކާލާ މީހަކަށް އާންމުކޮށް ވަނީ މަންމަ އެވެ. ކުރިމަތިން އެ މަންޒަރު ފެނުނީތީ އަސްލަންއަށް ބުނެވުނީ ތަފާތު ޝުޢޫރެއްގެ ވިންދު ހިތުގައި އުފެދި އިނދެ އެވެ. މޫނުމަތިން ފާޅުނުވިޔަސް އޭނާ އެއިނީ ހިނިތުން ވެއެވެ. ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ހިނިތުންވުމަކުން ހިނިތުންވެއެވެ.
* * * * *
"ކާކު... ފިރިމީހާތަ؟" ކުރުއަތް މައްޗަށް ތެދުވެލައި މިދުހަތު އަހާލީ ފޯނު ހިފައިގެން އަރީން ދުރަށް ޖެހިލި ގޮތުންނެވެ. އަރީން ހަމައެކަނި ލައްވާލީ ހޫން އެކެވެ. ފޯނުކޯލު ނިންމާލާފައި އަރީން އެނދުމަތިން ތެދުވިއެވެ. އެނދުގެ ރަޖައަށް އޭނާ ދަމާލުމުން އޭގައި މިދުހަތު ހިފެހެއްޓިއެވެ.
"ކޮންތާކަށް؟." މިދުހަތު އަހާލިއެވެ.
"ފާޚާނާއަށް... ދީބަލަ ތުވާއްޔެއް..." މިދުހަތަށް ފުރަގަސް ދީގެން އެނދުގެ އަރިމަތީ އިށީނދެލައިގެން އަރީން އިނެވެ.
"ދަނީތަ؟" މިދުހަތު ވެސް ތެދުވެ އިށީނެވެ.
"އެމީހުން މާލެ އެބައާދޭ، ހަވީރުވީއެއްނު... މަޑުކުރެވިއްޖެއެއްނު." އަރީން ބުނެލި އެވެ.
މިދުހަތު ތެދުވެގެން ގޮސް އަލަމާރި ތެރެއިން ތުވާއްޔެއް ނެގި އެވެ. އެ ގެނެސް އަރީނަށް ދިއްކޮށްލިއެވެ. އޭނާ ފާޚާނާއަށް ވަންނަންދެން މަޑުކޮށްލާފައި ފަހަތުން ގޮސް ވަދެއްޖެއެވެ. މިދުހަތަށްވުރެ ކުރީން ވަކިކޮށްފައި ހުރި ފެންވަރާބައިން އަރީން ނުކުތެވެ. ލޯގަނޑު ކުރިމަތީ ހުރެ އޭނާގެ ތެތް އިސްތަށިގަނޑު ހިއްކަން ފެށިއެވެ. ބިއްލޫރި ބިއްތަކުން ވަކިކޮށްފައި ހުރި ފެންވަރާބައިގަ ހަރަކާތްތެރިވާ މިދުހަތުގެ ސޫރަ ލޯގަނޑުން ފެންނަން ހުއްޓެވެ. އިސްތަށިގަނޑު ނުހިކުނަސް ފާހާނާއިން އަރީން ނުކުތީއެވެ. އަތްފުނާ އަޅާލައި އިސްތަށިގަނޑު އޮމާންކޮށްލައި އައްސާލިއެވެ. އޭނާ ލައިގެން އައި އަންނައުނުތައް އެނދު ކައިރީ ހުރި ގޮނޑިމަތިން ނަގައި ތައްޔާރުވެލިއެވެ.
"ފިރިމީހާ ހާދަ ކެއާ ކުރެޔޭ ދޯ." ފަހާނާއިން ނުކުތް މިދުހަތަށް ފޯނުކޯލެއް ނިންމާލި އަރީނު ފެނުމުން ބުނެލި އެވެ.
"ފެރީއަށް އަރައިފި، އަހަރެން ދަނީ... މަޑުކުރެވޭކަށް ނެތް." އަރީން ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ. އުނުގައި އޮޅާލައިފަ އޮތް ބޮޑު ހުދު ތުވާއްޔާއެކު އަރީންގެ ފަހަތުން މިދުހަތު އައެވެ.
"އަދި ފެންނާނެތަ؟" އެޕާޓްމެންޓްގެ ދޮރުން އަވަސްއަރުވާލާފައި ނުކުތް އަރީންގެ އަތުގައި ހިފަމުން މިދުހަތު އަހާލިއެވެ. ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ އަރީން ބޯޖަހާލިއެވެ. ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެހިނދު އަރީންގެ އަތުގައި ހިފާލައި ކައިރިއަށް ދަމާލުމާއެކު އޭނާގެ ތުންފަތުގައި މިދުހަތު ބޮސްދިނީ އެ ވަގުތީ ވަކިވުމަށް ކޮށްލި ސަލާމެއް ފަދައިންނެވެ.
"ވަރަށް ދުވަސްވެއްޖެ މިކަހަލަ ހިތްހަމަޖެހުމެއް ނުލިބޭތާ... ދެރަވޭ ދާތި." އަރީން ހިނގައިގަތުމުން މިދުހަތު ބުންޏެވެ.
"އަހަރެންނަށް ނުހުރެވޭނެކަން އެނގެއެއްނު، މިރޭ ގުޅާ." އަރީން މަޑުޖެހިލައި މިދުހަތަށް ބަލާލިއެވެ.
ޓެކްސީ އައިސް މަޑުކޮށްލުމުން ފައިސާ ދީފައި އަވަހަށް އަރީން ފޭބިއެވެ. ދޮރޯށި ހުޅުވަން ކައިރިވެލި އިރަށް ކައިރިން މީހަކު ގޮވާލުމުން އަރީން ދިޔައީ ސިއްސައިގެންނެވެ. ވަގުހިފުމުން ސިހޭނެހާ ބޮޑަށެވެ. ކައިރިއަށް ޖެހިލި ލޫނާ ފެނުމުން މިފަހަރު އަރީން ގަޔާވާ ގޮތެއް ނުވިއެވެ. އޭނާއަށް ލޫނާއަކީ އަސްލަންގެ އޮފީހުގައި މަސައްކަތްކުރާ މީހެއްކަން އެނގެއެވެ. މައިރާއާއި އަސްލަންގެ ބަޔަށް އަންނަ އައުމުގައި ދިމާވެ ހިސާބެއްގެ ރައްޓެހިކަމެއް ދެމެދުގައި އުފެދިފައި ވެއެވެ.
"އެކަކުވެސް ނެތީތަ؟" ލޫނާ އަހާލި އެވެ.
"އާން... ވިލިގިއްޔަށް ގޮސް ވީ" އަރީން ބުންޏެވެ.
"ކޮންއިރަކުން އަންނާނީ." ލޫނާ އެނބުރި ދާން ބޭނުންނުވެފައި ހުރެ އަހާލިއެވެ. ނަމަވެސް އަރީން ހުރީ ލޫނާގެ ކިބައިން ސަލާމަތްވާން ބޭނުންވެފަ އެވެ.
"ނޭނގެ، އަހަރެން ވެސް މިއައީ އެއްޗެއް ބަލާ... ގޭގަ ނޫޅޭނެ އެކަކުވެސް." ލޫނާ ފޮނުވާލަން ބޭނުންވާތީ ގަސްދުގައި އަރީން ދޮގު ހެދީއެވެ. ނަސީބަކުން ލޫނާ އިތުރު ސުވާލެއް ނުކުރެ އެވެ. ދަނީއޭ ބުނެ އޭނާ ހިނގައިގަތީއެވެ. އަރީން އަވަހަށް ގޭތެރެއަށް ވަނީއެވެ.
ދިރިއުޅޭ ބަޔަށް ވަދެވުނު ގޮތަށް އަރީން ދުވެފައި އައިސް ކޮޓަރިއަށް ވަނެވެ. ލައިގެން ހުރި ހުރިހާ އަންނައުނެއް ބޭލިއެވެ. އެއިން އޭނާ ވަސްބަލާލިއެވެ. ދެން އަވަހަށް އެ ގެންގޮސް ދާވަށިގަނޑަށް ލައިފިއެވެ. ލޯގަނޑު ކުރިމަތީ ހުއްޓި ހަށިގަނޑަށް ބަލަން ފެށިއެވެ. މިދުހަތުގެ ގައިގޯޅިވުންތައް ހުންނާނޭ ގޮތް އަރީނަށް އެނގެއެވެ. އޭނާއަށް ނޭނގި ނަމަވެސް އެ ހަށިގަނޑުގައި މިދުހަތުގެ ނިޝާނެއް ފެންނަން ހުރިތޯ އޭނާ ބެލީއެވެ. ދެން އަވަސް އަވަހަށް ރީތިވާ މޭޒުދޮށުގައި އިށީނދެ ގައިގާ އޭނާ އުނގުޅާ ލޯޝަންތަކާއި މޫނުގައި ހާކާ ކުރީމުތައް އުނގުޅަން ފެށިއެވެ. ސެންޓުފުޅިން ހަށިގަނޑުގެ ހާއްސަ ދިމާތަކަށް ސެންޓު ބުރުވާލިއެވެ. ދެން އަވަހަށް އަލަމާރިން ނެގި ޓީޝާޓަކާއި ހަރުވާޅު ގަޔަށް ހެޔޮވަރުކޮށްލައިފި އެވެ. އޭނާގެ ފޯނު ހިފައިގެން ކޮޓަރިން ނުކުމެ ސިޓިންރޫމު ސޯފާގައި އޮށޯވެލި އެވެ. ފަވާދުމެން ކިހާ ހިސާބަކުތޯ ބަލަން އަރީން މެސެޖު ކުރިއެވެ.
* * * * *
ލޫނާ ނެތި ހަފްތާގެ ބަންދު ދެ ދުވަސް އާއިލާއާއެކު ވަގުތު ހޭދަކޮށްލެވުމުން ނޯޔާގެ ހިނިތުންވުން އެނބުރި އަތުވެއްޖެ އެވެ. ފަނޑުވަމުން އައި ދިރިއުން އޭނާގެ ފުށުން އަލުން ފެންނަން ފަށައިފިއެވެ. ފަވާދު އެދިފަ އޮތް އެދުން ނޯޔާ ގަބޫލުކުރި ނަމަވެސް ސާރާއާއި މަލްސާ ކިޔަވާ ގަޑީގައި އެހެން ކުދީންތަކެއް ބައިވެރި ކުރާކަށް އެއްބަހެއް ނުވިއެވެ. ޤުރުއާން ޓީޗަރާ ވާހަކަދައްކާ އެހެން ގަޑިއެއް ފަވާދުގެ ކުދީންނަށް ކިޔަވައިދޭން ހަމަޖެއްސީ އެހެންވެއެވެ. ފަވާދު ބޭނުންވީ އަސްލަންގެ ބަޔަށް ދެބެން ގެންނާށެވެ. އެކަމަކު އެ ހިޔާލު ވެސް ނޯޔާއަށް ކަމުނުދިޔައީ އެވެ. ކުދީންގެ ކިޔެވުން ކުރިއަށްދާއިރު ނޯޔާ ދުށްގޮތުގައި އެންމެ ރަނގަޅުވާނީ ކުދީންގެ މަންމަ ހުރުމެވެ. އޭނާ ދިރިއުޅޭ ބަޔަށް އަރީން ވަދެނުލާއިރު އެކަހަލަ ކަމެއް އެބައިގަ ކުރިޔަށް ގެންދިއުން ރަނގަޅުކަމަކަށްނުވާނޭ ނޯޔާއަށް ވިސްނެއެވެ. މިވާހަކަތައް ސަބީނާގެ ކަންފަތާ ހަމައަށް ވެސް ފޯރިއެވެ. ގޭތެރޭގައި ހަމަނުޖެހުމެއް އަރީން އުފައްދަފާނޭކަން ފަވާދަށް ވިސްނައިދޭން ސަބީނާ އެރީ ނޯޔާއާ އެއްކޮޅަށެވެ.
ރިންގުވާން ފެށި ފޯނު ގެނެސްދޭން ނޯޔާ ގޮވާލީ ސާރާއަށެވެ. ކޮފީމޭޒުމަތިން ފޯނު ނަގައިގެން ހަލުވިކޮށް އައިސް ނޯޔާގެ ގާތުގައި އެކުއްޖާ މަޑުކޮށްލިއެވެ. ދެއަތް ހަޑިވެފަ ހުރުމުން ނޯޔާ ސިންކު ކައިރިއަށް ޖެހިލީ އަތްދޮވެލާށެވެ. ސާރާ ކައިރީ ފޯނުކޯލު ނަގަން ބުނުމާއެކު ނޯޔާ ގުދުވެލައި ކަންފަތާ ފޯނު ކައިރިކޮށްލަދޭން އިޝާރާތް ކުރިއެވެ. އެކުއްޖާ އެފަދައިން ކަންތައް ކޮށްދިނެވެ.
"ހެލޯ..." ނޯޔާ ބުންޏެވެ.
"މައްތުއޭ މީ..." ފޯނުގެ އަނެއްކޮޅުން އިވުނީ ފިރިހެނެއްގެ އަޑެވެ. ނޯޔާގެ ނިތަށް ރޫ ގިނަވެލި އެވެ. ސައިބޯން ކާމޭޒު ދޮށުގައި އިން އަސްލަންއަށް އޭނާއަށް ބަލާލެވުނެވެ. އަވަހަށް ދެއަތް ފުހެލުމާއެކު ނޯޔާ ފޯނުގައި ހިފިއެވެ.
"ކިހިނެއްވީ؟، ކަމަކުތަ؟" ނޯޔާ އަހާލި އެވެ.
"ކަމަކު ނޫނީ ގުޅައިގެން ނުވޭތަ؟... ނޯޔާ ޚަބަރެއް ވެސް ނުވޭ ވިއްޔާ، ފޫހިވެގެން ވާހަކަ ދައްކާލާނެ މީހަކު ނެތިގެން ނޯޔާ މަތިން ހަނދާންވީ، އެހެންވެ އަސްލު މިގުޅީ."
"އަހަރެން މިވަގުތު ކަމެއްގަ މިއުޅެނީ." ނޯޔާ ބުންޏެވެ.
"ހާދަ ދެރައޭ... ކޮންއިރަކު ފްރީވާނީ."
"އެހެންބުނާކަށް ނޭނގެ... ކުރަން ހުންނަ ކަންކަން މަދެއް ނުވާނެއެއް، މިހާރު ވެސް މިހުރީ ފިރިމީހާއަށް ސައި ހަދައިގެން... މިވަގުތު ބާއްވަނީ އިނގޭ." ވާހަކަދެއްކުމުގެ ޝައުގެއް ނޯޔާގެ ނެތެވެ.
"މަޑުކޮށްބަލަ... ނޯޔާ!... އަހަރެން... ޒެން ގޮވައިގެން ތިގެއަށް އަހަރެން ގޮސްލިއްޔާ އުނދަގޫވާނެތަ؟"
"ފަހުން ވާހަކަ ދައްކާލަމާ." ޖަވާބެއް ދޭން ބޭނުން ނުވާތީ ނޯޔާ ބުންޏެވެ.
ނޯޔާގެ ވާހަކަތަކަށް އަސްލަންގެ ކަންފަތް ހުރީ ހުޅުވިފައެވެ. ފޯނުކޯލު ނިންމާލާފައި ނޯޔާ އެނބުރި އަސްލަންއާ ކުރިމަތިލިއެވެ. ލުއި ހިނިތުންވުމެއް ބަދަލު ކޮށްލުމާއެކު އައިސް ކާމޭޒު ދޮށުގައި އިށީނެވެ. ކާކުތޯ ގުޅީ އަހަން އަސްލަން ބޭނުންވިއެވެ. މާނަވީ ގޮތަކަށް ނޯޔާއަށް ބަލަން އަސްލަންއަށް އިނދެވުނީ އެހެން ވެއެވެ. ނޯޔާ ވާހަކަ ދެއްކި ގޮތުން އަސްލަންގެ ހިތަށް ތަފާތު އެކި ހިޔާލުތައް ވެރިވާން ފެށީއެވެ.
"ކިހިނެއްވީ؟" އަސްލަންގެ ބެލުން ފާހަގަވެ ނޯޔާ އަހާލި އެވެ. މަޑުމަޑުން ދެފަރާތަށް ބޯހޫރާލާފައި ސައިޖޯޑު ތުނބުގައި ޖައްސާލި އިރު އެ ނަޒަރު ނޯޔާއާ ވަކިވެ މޭޒުމަތީ ބޭއްވި ނޯޔާގެ ފޯނަށް ދަތުރު ކޮށްލި އެވެ. އެ ކުޑަކުޑަ ހަރަކާތް ނޯޔާއަށް ފާހަގަނުވެ ނުދިޔައެވެ.
"އެގުޅީ ސާރާގެ ކްލާސްމޭޓެއްގެ ޕޭރެންޓް، އަނގަތަޅާލަން ގުޅީމަ އަވަހަށް މި ބޭއްވީ." ނޯޔާ ބުންޏެވެ. ހަމަޖެހުމުގެ ފިނިކަމެއް އަސްލަންއަށް އިހްސާސް ކުރެވުނެވެ. (ނުނިމޭ)