އެސްޓީއޯ

އެސްޓީއޯގެ ޑިރެކްޓަރު ކަމަށް ކުރިމަތިލާން ފުރުސަތު

Mar 23, 2021

އެސްޓީއޯގެ ޑިރެކްޓަރުގެ ބޯޑަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި އެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ކުންފުނީގެ ހިންގާ ގަވާއިދު ބުނާ ގޮތުން އާންމު ހިއްސާދާރުން ތަމްސީލު ކުރުމަށް އިންތިހާބު ކުރާނީ އެއް ޑިރެކްޓަރެވެ. ކުންފުނީގެ ބޯޑަރުގައި ސަރުކާރު ތަމްސީލުކުރާ ހަ ޑިރެކްޓަރުން ތިއްބަވަ އެވެ.

އެސްޓީއޯ ބޯޑު މިހާރު އެކުލެވިފައިވާ ގޮތް

  • ޗެއާމަން: ހާމިދު ނަޝީދު
  • އެމްޑީ / ސީއީއޯ: ހުސައިން އަމްރު މުހައްމަދު
  • ޝިމާދު އިބްރާހިމް
  • އިސްމާއިލް ޒުމައިލް ރަޝީދު
  • ގައިސް އިސްމާއިލް
  • އާމިނަތު ރުޝްމާ

އެސްޓީއޯގެ ބޯޑަށް އާ ޑިރެކްޓަރެއް ހޯދުމުގެ މަސައްކަތް ފަށާފައި ވާއިރު، އެ ކުންފުނިން މިދިޔަ އަހަރު އެކަށީގެންވާ އާމްދަނީއެއް ހޯދާފައިވެ އެވެ. މިދިޔަ އަހަރުގެ ހަތަރު ވަނަ ކްއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން އެ ކުންފުންޏަށް ހަތަރު ވަނަ ކްއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 91 މިލިއަން ރުފިޔާ ލިބުނެވެ. މިއީ 2019 ވަނަ އަހަރުގެ ހަތަރު ވަނަ ކްއާޓަރާ އަޅާބަލާއިރު 10 ޕަސެންޓުގެ އިތުރު ވުމެކެވެ.

އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާ އަކަށް ބަހަން ނިންމާފައި ވަނީ 58 ރުފިޔާ އެވެ.