ހަބަރު

ޓެކުހަށް މަކަރު ހަދާ ފަރާތްތައް ގައުމުތަކާ ހިއްސާކުރަނީ

ޓެކުހާ ގުޅޭ މައުލޫމާތު މެމްބަރު ގައުމުތަކާ ބަދަލުކޮށް އެކަމާ ގުޅޭގޮތުން އެހީތެރިކަން ފޯރުކޮށްދީ ޓެކްސް ދެއްކުގައި މަކަރު ހަދައި އަދި ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ބައިނަލްއަގްވާމީ ތިން މުއާހަދާއެއްގައި ބައިވެރިވާން މަޖިލީހުން ރުހުން ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މުއާހަދާތަކުގައި ދިވެހިރާއްޖެއިން ބައިވެރިވުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި މުއާހަދާތަކުގައި ބައިވެރިވާން ފެންނަ ކަމަށް 38 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

ބައިވެރިވާން ނިންމި މުއާހަދާތަކުގެ ތެރޭގައި ހިމެނެނީ ކޮންވެންޝަން އޮން މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓަންސް އިން ޓެކްސް މެޓާސް (އެމްއޭއޭސީ) އާއި، މަލްޓިލޭޓަރަލް ކޮމްޕީޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން އޮޓަމެޓިކް އެކްސް ޗޭންޖް އޮފް ފައިނޭންޝަލް އެކައުންޓް އިންފޮމޭޝަން (އެމްސީއޭއޭސީ) އަދި މަލްޓިލޭޓެރަލް ކޮމްޕީޓަންޓް އޮތޯރިޓީ
އެގްރީމަންޓް އޮން ދަ އެކްސްޗޭންޖް އޮފް ކަންޓްރީ ބައި ކަންޓްރީ ރިޕޯޓްސް (އެމްސީއޭއޭސީބީބީ) އެވެ.

މި މުއާހަދާތަކުގައި ރާއްޖެއިން ބައިވެރިވުމުން ޓެކުހާ ގުޅޭ މައުލޫމާތު ބަދަލުކުރުމަށް ވަކިވަކި ގައުމުތަކާއެކު ވަކި ވަކި މުއާހަދާތަކެއްގައި ސޮއިކުރުމުގެ ބަދަލުގައި މުއާހަދާތަކުގައި ބައިވެރިވެފައިވާ މެމްބަރު ހުރިހާ ގައުމުތަކުގެ މެދުގައި ޓެކުހާ ގުޅޭ މައުލޫމާތު ބަދަލުކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ.

އެމްއޭއޭސީގައި 141 ގައުމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ބައިވެރިވެފައިވާއިރު 128 ގައުމަކުން ވަނީ މި މުއާހަދާ ތަސްދީގުކޮށްފަ އެވެ. މީގެތެރޭގައި އެންމެ ކުރިއަރާފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތައް ވެސް ހިމެެނެ އެވެ.