ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން ޅ. ނައިފަރަށް އަރާ ފޭބުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންއަށް އެރަށް ގެނައުމާއި ގުޅިގެން ނައިފަރު މަދަރުސަތުލް އިފްތިތާހުގެ ކިޔެވުން މެދުކަނޑާލައިފި އެވެ.
ޑިރެކްޓަރު ޖެނެރަލް އޮޕް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިއަދު މެންދުރު ފަހު ނައިފަަރު ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ކޮވިޑްގެ ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން މިވަގުތު އެ ރަށުގައި ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކި ގޮތެއް އަންގަން ދެން ރަށުން ފޭބުމާއި އެޗްޕީއޭގެ ހުއްދަ ނެތި އެއްވެސް މީހަކު އެރަށަށް އެރުން މަނާކޮށްފައިވާ ކަމަށެވެ.
ނައިފަރުން ޕޮޒިޓިވްވީ އުނގޫފާރަށް ދަތުރުކުރި މީހެކެވެ. އުނގޫފާރަކީ މިވަގުތު ކޮވިޑްގެ ގިނަ ކޭސްތަކެއް ފެނިފައިވާ ރަށެކެވެ. މެދުއަތޮޅުތަކުގެ ރަށްރަށް ނިސްބަތްވާ ގިނަ ބަޔަކު ސިއްހީ ހިދުމަތް ހޯދަންދާ އުނގޫފާރުން ކޮވިޑް ކޭސްތަކެއް ފެނި މި މަހުގެ ދެވަނަ ދުވަހުގެ ފަހުން އެރަށަށް ދިޔަ މީހުން ޓެސްޓް ކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
ނައިފަރު މޮނިޓަރިންއަށް ގެނައުމާއި ގުޅިގެން އެ ރަށުގެ ސުކޫލު ކިޔެވުންވެސް ވަނީ މެެދުކަނޑާލާފައެވެ. މަދަރުސަތުލް އިފްތިތާހުން ދެންމެ ނެރުނު އެންގުމެއްގައި ބުނެފައިވަނީ ނައިފަރު މޮނިޓަރިންގެ ހާލަތުން ނަގަންދެން މަދަރުސާގެ ކިޔެވުން ނޯންނާނެ ކަަމަށެވެ.