ރާއްޖެއަށް ބޭނުންވާ ބޭހާއި ކާޑު އެތެރެ ކުރަން ސަރުކާރުން ސޮވެރިން ގެރެންޓީ ދޭން ޖެހުމަކީ ރާއްޖޭގެ އިގްތިސާދު ވަރަށް ނުރައްކާތެރި ހިސާބަކަށް ގޮސްފައިވާ ކަމުގެ ހެއްކެއް ކަަމަށް މާވަށު ދާާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ކާޑު ގަތުމަށް އެސްޓީއޯ އިން ނަގަން ބޭނުންވި ލޯނަކަށް ސަރުކާރުން ގެރެންޓީ ދިން މައްސަލައިގައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ނިމިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރު ކަންވެސް ކުރައްވާފައިވާ ސައީދު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައިވެސް ފެނިގެން ގޮސްފައިވާ ކަމެއް ނޫން ކަމަށެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު އަމީން ދީދީ އަދި އިބްރާހިމް ނާސިރުގެ ޒަމާނުގައިވެސް މި ދަރަޖައަށް ގައުމުގެ ހާލަތު ވެއްޓިފައި ނުވާކަން ފާހަގަކުރެއްވި އެވެ.
"މަރުހޫމް އަމީން ދީދިގެ ވެރިކަން ނިމެން ދިމާވި ވަރަށް ގިނަ ސަބަބުތަކުގެ ތެރޭގައިވެސް ކާޑުގެ މައްސަލަ ހިމެނޭ. ރައީސް ނާސިރުގެ ވެރިކަމުގައި އެމަނިކުފާނު ކޮންމެ ދުވަހަކު ކުރެއްވި ކަމެއް ކޮންމެ ދުވަހަކު އޮފީހަށް ވަޑައިގަންނަވާއިރު ޕްރައިމް މިނިސްޓަރަކަށް ހުންނެވިއިރުވެސް ކާޑު ގުދަން ބައްލަވާފަ އޮފީހަށް ވަންނަވާނީ. ކޮންމެ ސަރުކާރެެއްގެވެސް އެންމެ އަސާސީ އެއް މައްސަލަ މިއީ. މި ހިސާބަށް ރާއްޖޭގެ އިގްތިސާދު ދާނީ ވަރަށް ނުރައްކާވީމަ." ސައީދު ވިދާޅުވި އެވެ.
ރާއްޖެއަށް ބޭނުންވާ ބޭހާއި ކާޑު އެތެރެ ކުރަން ސަރުކާރުން އެސްޓީއޯއަށް 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 385 މިލިއަން ރުފިޔާ)ގެ ގެރެންޓީއެއް ވަނީ ދީފަ އެވެ. އެތަކެތި އެތެރެކުރަން އެސްޓީއޯއިން ލޯން ނަގައިފައިވަނީ ހޮންކޮންގް ޝަންހާއީ ބޭންކިން ކޯޕަރޭޝަން (އެޗްއެޗްބީސީ)ގެ މާލޭގެ ބްރާންޗުންނެވެ.
ކާޑު ގަތުމަށް އެސްޓީއޯ އިން ނަގަން ބޭނުންވި ލޯނަކަށް ސަރުކާރުން ގެރެންޓީ ދިން މައްސަލަ މަޖިލީހުން ބަލައިދިނުމަށްވެސް ސައީދު ވަނީ އެދިވަޑައިގެންފަ އެވެ.