ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން ކ. ތުލުސްދޫ އާއި ހުރާއަށް އަރާ ފޭބުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންއަށް އެދެ ރަށް ލައިފި އެވެ.
ޑިރެކްޓަރު ޖެނެރަލް އޮޕް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިއަދު ހުރާ އާއި ތުލުސްދޫ ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ކޮވިޑްގެ ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން މިވަގުތު އެ ރަށުގައި ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކި ގޮތެއް އަންގަން ދެން ރަށުން ފޭބުމާއި އެޗްޕީއޭގެ ހުއްދަ ނެތި އެއްވެސް މީހަކު އެރަށަށް އެރުން މަނާކޮށްފައިވާ ކަމަށެވެ.
އެ ދެ ރަށުން ޕޮޒިޓިވްވީ އުނގޫފާރަށް ދަތުރުކުރި ދެ މީހެކެވެ.
އުނގޫފާރަކީ މިވަގުތު ކޮވިޑްގެ ގިނަ ކޭސްތަކެއް ފެނިފައިވާ ރަށެކެވެ. މެދުއަތޮޅުތަކުގެ ރަށްރަށް ނިސްބަތްވާ ގިނަ ބަޔަކު ސިއްހީ ހިދުމަތް ހޯދަންދާ އުނގޫފާރުން ކޮވިޑް ކޭސްތަކެއް ފެނި މި މަހުގެ ދެވަނަ ދުވަހުގެ ފަހުން އެރަށަށް ދިޔަ މީހުން ޓެސްޓް ކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.