އާސަންދަ

އެންމެ ބޭހެއްގެ އަގު ކޮންޓްރޯލްކޮށް 12 މިލިއަން ރުފިޔާ ސަލާމަތްކޮށްފި

Mar 23, 2021
1

ރާއްޖެ އެތެރެކުރަމުންދާ ބޭސްތައް ހަމައަގަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޭހެއްގެ އަގަށް ގެނެވުނު ބަދަލަކާ ގުޅިގެން އާސަންދަ ސްކީމުގެ ހަރަދުން އަހަރަކު 12 މިލިއަން ރުފިޔާ ކުޑަކުރެވިފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

އާސަންދަ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އާސަންދަ ސްކީމްގެ ދަށުން ދޫކުރާ ބޭސް ހަަމަ އަގަށް ގެނައުމަށާއި އަގުތައް މުރާޖައާ ކުރުމަށް އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުން ކަމަށެވެ.

މި މަސައްކަތުގެ ތެރެއިން، އަގުގެ ފަރަގު ފާހަގަކުރެވޭ ބޭސްތައް އެތެރެކުރާ ފަރާތްތަކާއި އެކު އަގު ކުޑަކުރުމަށް އަބަދުވެސް މަޝްވަރާ ކުރަމުންދާ ކަމަށްވެސް އާސަންދަ ކުންފުނިން ބުނެ އެވެ. އެހެންނަމަވެސް ބައެއް ބޭސްތަކަކީ ވަކި ބަޔަކަށް އެކަނި ރާއްޖެއަށް އެތެރެކުރެވޭ ގޮތަށް ހަމަޖެހިފައިވާ ބޭސްތަކަކަށް ވާތީ އެފަދަ ބޭސްތައް ހަމައަގަށް ގެނައުމަށް ދަތިތަކެއް ކުރިމަތިވާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.

"ނަމަވެސް ފާއިތުވެދިޔަ 2020 ވަނަ އަހަރުގެ ތެރޭގައި މިފަދަ މާކެޓް އެކްސްކްލޫސިވިޓީ ދެވިފައިވާ ބޭހެއް ކަމަށްވާ ޒޮވަންޓާ ބޭހުގެ އަގަށް ބަދަލު ގެނައުމަށް އެ ބޭސް އެތެރެކުރާ ފަރާތާއި އެކު މަޝްވަރާކުރެވި، ވަނީ އެކަން ކާމިޔާބުކުރެވިފަ އެވެ. އެންމެ ބޭހެއްގެ އަގަށް މިގެނެވުނު ބަދަލުގެ ސަބަބުންވެސް، އަހަރަކު ގާތްގަޑަކަށް ބާރަ މިލިއަން ރުފިޔާ ސްކީމް ޚަރަދުން ކުޑަކުރެވޭނެ އެެވެ،" ބަޔާނުގައިވެ އެވެ.

އާސަންދަ ސްކީމްގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ ބޭސް ފިހާރަތަކަށެވެ. އެކަމަކު ރާއްޖޭގެ ބޭސް ފިހާރަތަކުގައި ބޭސް ވިއްކޭނޭ އެންމެ މަތީ އަގު (އެމްއާރްޕީ)، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަދި ކަނޑައަޅާފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން އާސަންދަ ކުންފުނިން ބުނީ އެއް ބޭހެއް އެކި ބޭސްފިހާރަތަކުން އެކި އަގުގައި ވިއްކަމުންދާ މައްސަލަ ހައްލުކުރުމަށްޓަކައި ސްކީމްގެ ތެރެއިން ބޭސްދޫކުރުމަށް ހުރިހާ ބޭހަކަށް ވަކި އަގުތަކެއް ފާއިތުވީ އަހަރުތަކުގެ ތެރޭގައި އާސަންދައިން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ދެމުންދިޔަ ހުރިހާ ބޭސް ފިހާރައެއްގެ އެއްބަސްވުންތައް އޮކްޓޫބަރު 2019ގައި އާކުރުމާއެކު ކޮންމެ ބޭސްފިހާރައަކުންވެސް އެއް ބޭހެއް ސްކީމްގެ ތެރެއިން ދޫކުރެވޭނީ އެއްއަގަކަށް ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ.

"އެމްއެފްޑީއޭ އިން ކޮންމެ ބޭހެއްވެސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމުންވެސް، އާސަންދަ ސްކީމްގެ ތެރެއިން މިވަގުތު ދޫކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ތިންހާހަށް ވުރެ ގިނަ ބޭސް، ބޭސްފިހާރަތަކުން ލިބެން ހުންނަނަމަ ސްކީމްގެ ތެރެއިން ފޯރުކޮށްދެވޭނެ އެވެ.،" ބަޔާނުގައިވެ އެވެ.

އާސަންދަ ކުންފުނިން ބުނީ ބޭސް ދޫކުރުމުގައި ބައެއް ފާމަސީތަކުން ބަލިމީހާއަށް އަގު ދަށް ބޭސް ދޫކުރުމަށްފަހު އަގު ބޮޑު ބޭހަށް ބިލް ކުރާކަންވެސް ފާއިތުވީ އަހަރު ތަކުގައި ފާހަގަކުރެވުނު ކަމަށެވެ. އަދި ދިގު މުއްދަތަކަށް ބޭސްކުރާ މީހުންނަށް ތިން މަސް ދުވަހަށް ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީއަށް، ދެމަސް ދުވަހަށް ބޭސް ދޫކުރުމަށްފަހު އޮޅުވާލައިގެން ތިން މަސް ދުވަހުގެ ބޭހަށް ބައެއް ބޭސް ފިހާރަތަކުން އާސަންދައަށް ބިލް ކުރަމުންދިޔަ ކަންވެސް މީގެކުރިން ފާހަގަކުރެވުނު ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި މިފަދަ މައްސަލަތައް ބެލުމަށްފަހު ހަމަޖެހިފައި ހުންނަ އުސޫލުތަކުގެ ތެރެއިން ފިޔަވަޅު އަޅާފައިވާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފަ އެވެ.

މިފަދަ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުންނާއި ސްކީމްގެ ހިދުމަތްތައް ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ފޯރުކޮށްދިނުމަށް "ވިނަވި"ގެ ނަމުގައި އާސަންދަ ކުންފުނިން ވަނީ މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފަ އެވެ. އެހެންކަމުން އާސަންދަ ލިބޭ ހުރިހާ މަރުކަޒަކުން، ސްކީމްގެ ދަށުން ކޮންމެ ރައްޔިތަކުވެސް ހޯދާ ޚިދުމަތްތަކާއި، ނަގާފައިވާ ބޭސްތައް އެޕް މެދުވެރިކޮށް ބަލައިލެވެ އެވެ. މިގޮތަށް ބަލާއިރު ޝައްކު އުފެދޭ އެއްވެސް ކަމެއް ފާހަގަވާނަމަ އެޕް މެދުވެރިކޮށް އާސަންދައަށް ޝަކުވާ ހުށަހެޅުމުގެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ.