ލައިފްސްޓައިލް

ދިރިހުއްޓާ ވަޅުލަފާނެތީ ބިރުން ކައްވަޅުގައި ބިއްލޫރި ދޮރެއް

ދިރިހުއްޓާ ވަޅުލަފާނެތީ ބިރުން ކައްވަޅުގައި ބިއްލޫރި ކުޑަދޮރެއް ލީ މީހެއްގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟ މިއީ 1893 ގައި މަރުވި ޑރ. ޓިމޮތީ ކްލާކް ސްމިތުގެ ވާހަކަ އެވެ. އޭނާ ވަނީ މަރުވުމުގެ މާ ކުރިން އަމިއްލައަށް ކައްވަޅު ތައްޔާރުކޮށް އޭގެ މަތީގައި ބިއްލޫރި ކުޑަދޮރެއް ހަރުކޮށްފަ އެވެ. އަދި މަރުވީ ކަމަށް ހިތާ ދިރި ހުއްޓާ ވަޅުލެވިއްޖެނަމަ އޭނާއަށް ހޭ ލެވުމުން ޖަހާނެ ރަނގަބީލެއް ވެސް އޭނާ ކައްވަޅުގައި ހަރުކޮށްފައި ވެއެވެ.

އެމެރިކާގެ ސިޓީއެއް ކަމަށްވާ ވާމޮންޓްގެ ނިއު ހެވަންގައި ހުންނަ އެވަގްރީން ސިމެޓްރީގައި މިހާރު ވެސް ޓިމޮޓީގެ މަހާނަ އެބަހުއްޓެވެ. އަދި މި ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން މި މަހާނަ ބަލާލަން މިތަނަށް ވަރަށް ގިނައިން ޒިޔާރަތް ކުރެ އެވެ.

އެމީހުން ކުޑަދޮރުގައި ލޯ ޖަހައިގެން ޓިމޮޓީ މިހާރު އޮތް ގޮތް ބަލާ ކަމަށް ވެއެވެ.

މި ފަހަކަށް އައިސް މި މަހާނައިގެ ވާހަކަ މާ މަޝްހޫރު ވެގެން އުޅެނީ ޓިކްޓޮކްގައި މީހަކު މި މަހާނައިގެ ފޮޓޯތަކަކާއި މައުލޫމާތުތަކެއް ޝެއާ ކުރުމުން މި ޕޯސްޓް ވައިރަލް ވެގެންނެވެ.

ޓިމޮތީގެ މަހާނައިގެ ވީޑިއޯ

އޭނާ ބުނި ގޮތުގައި ޓިމޮތީ އަމިއްލައަށް އޭނާގެ މަހާނަ ޑިޒައިން ކުރުމުގެ އިތުރުން އޭގައި ބިއްލޫރި ކުޑަދޮރާއި ރަނގަބީލެއް ވެސް ވަނީ ހަރުކޮށްފަ އެވެ. އެއީ މަރުނުވަނީސް އޮޅިގެން އޭނާ ވަޅުލެވިއްޖެ ހާލަތެއްގައި އޭނާއަށް ހޭ އަރައިފިނަމަ އެހެން މީހުންނަށް އެންގޭނެގޮތެއް ހެދުމަށެވެ.

ޓިމޮޓީ ވަނީ 1893 ގައި މަރުވެފަ އެވެ. އަދި ރަނގަބީލު ޖަހައިގެން އޭނާ މަރުނުވާކަން އަންގާލާނެ ފުރުސަތެއް އޭނާއަކަށް ލިބިފައެއް ނެތެވެ.

ކުޑަދޮރު ހަރުކޮށްފައިވާ މި މަހާނަ އަދިވެސް މިހާ ޒަމާންވީ އިރުވެސް އެ ހުރިގޮތަށް އެބަހުއްޓެވެ. ނަމަވެސް 100 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާތީ މިހާރު ބިއްލޫރިގަނޑުން އެތެރެ އެހާ ރީއްޗަށް ނުފެންނަ ކަމަށް ވެއެވެ.