(އެގާރަވަނަ ބައި)
އެ ދުވަހުގެ ރެއެވެ. ހަމޫދުގެ އާއިލާއާއި ވާސިފުގެ އާއިލާގެ މެންބަރުން އޮލަ ވާހަކައެއްގައި ސަފާރީގައި ތިއްބެވެ. ވާސިފުގެ ނަޒަރު ހުއްޓެމުން ދިޔައީ ހަނީފާއަށެވެ. އޭނާގެ މޫނަށެވެ. އިރުއިރުކޮޅާ ވާސިފު ސިއްރުން ބަލައިލައެވެ. އެކަން ހަނީފާއަށް ވެސް އިހުސާސް ކުރެވެއެވެ. އޭނާ ވެސް ނުބަލަންކަމަށް ހެދިގެން އިނދެ ބަލަމުން ދިޔައީ ވާސިފަށެވެ. ވާސިފު ލޮލުން ގޮތެއް ހަދައިލަމުން ދުލުގެ ކޮޅު ބޭރަށް ނެރެލަމުން ތުންފަތުގައި ޖައްސާލައެވެ. ހަނީފާ ލަދުގަންނަ ގޮތްވިއެވެ. ވާސިފުގެ ހަރަކާތްތަކުން އޭނާއަށް ނުބައި މާނައެއް ކުރެވޭން ފެށީމައެވެ.
ހަނީފާ ބަލައިލީ ވާސިފުގެ އަންހެނުން ވާޖިދާއަށެވެ. އެމީހުން ތިބީ އޮލަ ވާހަކައެއްގައެވެ. ހަމޫދާއި ދެމީހުން ހީނހީނފައި ވާހަކަ ދައްކަމުން ދިޔައެވެ. ހަނީފާ ބޭނުންވީ ދުރަށް ޖެހިލާށެވެ. ވައި ޖައްސާލާ އަރާމުކޮށްލާށެވެ. އެހެންވެ އޭނާ އަތަށް ޖޫސްތަށްޓެއް ހެޔޮ ކޮށްލަމުން ބޭރަށް ނުކުމެލިއެވެ. ވާސިފަށް އެ މަންޒަރު ފެނުނެވެ.
ވާސިފު ވެސް ޖޫސްތަށްޓެއް ހިފައިގެން ބޭރަށް ނުކުމެލިއެވެ. އޭނާ ބަލައިލީ ހަނީފާ ހުރި ދިމާ އަށެވެ. ރޭލިންގެ އަތް އަޅުވާލައިގެން މޫދަށް ބޯދީގެން އޭނާ އޮތް ގޮތް ފެނިފައި ވާސިފު ގާތަށް ހިނި އަންނަ ގޮތްވިއެވެ.
"ވަރަށް މީރު." ހަނީފާ ގާތަށް ގޮސް ހުއްޓިލައި ރޭލިންގައި އަތް އަޅައިލަމުން ވާސިފު ބުނެލިއެވެ.
ހަނީފާ ސިހިފައި ބަލައިލިއެވެ. އޭނާ ލަދު ގަންނަ ގޮތްވިއެވެ. ފާޑަކަށް ރަކިވެލަމުން ވާސިފުގެ މޫނަށް ބަލައިލިއެވެ. ދެވަނަ ސިކުންތުގައި އޭނާގެ މޫނު މަތިން ނުރުހުމުގެ އަސަރުތައް ފާޅުވިއެވެ.
"އަދިވެސް ހަމަ އެހާ ރުޅި އާދޭތަ؟" ވާސިފު ސުވާލުކޮށްލީ ލަސް ލަހުންނެވެ.
ހަނީފާ ލަދުރަކި ގޮތަކަށް ބަލައިލީ ވާސިފުގެ މޫނަށެވެ.
"މާނައަކީ އާނ އެކޭތަ؟" ވާސިފުގެ ދެވަނަ ސުވާލު އަމާޒުކޮށްލީ ހަނީފާގެ މޫނުމަތީގެ ކުލަވަރަށް ބަލައިގެން ހުރެއެވެ.
ހަނީފާ ނޫނެކޭ ބުނުމުގެ ގޮތުން ބޮލުން ހަރަކާތްކޮށްލިއެވެ. ވާސިފު ލުއި ގޮތަކަށް ހިނިތުންވެލިއެވެ. އޭނާ އެނބުރިލަމުން މޫދަށް ފަސްދިނެވެ. ރޭލިންގައި ލެނގިލަމުން ބަލައިލީ ސަފާރީ ތެރޭގައި ތިބި ހަމޫދާއި ވާޖިދާއަށެވެ. އޭރުވެސް ހަމޫދާއި ވާޖިދާ މަޖާ ވާހަކައަކަށް ގެއްލިފައި ތިބި މަންޒަރު ފުސް ބިއްލޫރީގެ ތެރެއިން ފާހަގަވަމުން ދިޔައެވެ. އެމީހުންނަށް އެދެ މީހުންގެ ހަރަކާތް ފެނުނަސް އެތެރެއަށް ބޭރުގައި ހިނގާ ކަންކަން ނުފެންނާނެ ކަން ވާސިފަށް އެނގެއެވެ.
"އަހަންނަށް ހަމަ އެހާ ބޮޑު ކުށެއްތަ ކުރެވުނީ؟" ވާސިފު ހިންދިރުވާލަމުން އަހައިލިއެވެ.
"ތިބުނީ؟" ހަނީފާ ސުވާލުގެ ނަޒަރުން ވާސިފާ ދިމާއަށް ބަލައިލިއެވެ.
ހަނީފާ ވެސް ވާސިފު ހުރި ގޮތަށް އެނބުރިލައި ރޭލިންގެ ލެނގިލިއެވެ.
"މީހަކު ދެކެ ލޯބިވެވުން. އެ ލޯބީގައި ދީވާނާވުން. ރައްޓެހިވަން އެހުން. އިންނަން އެހުން." ވާސިފު އެއް ނޭވާއިން އަމުނައިލިއެވެ.
ހަނީފާ ހިނިތުންވެލިއެވެ. އޭނާ ބަލައިލީ ސީދާ ވާސިފުގެ މޫނަށެވެ.
"ހަމަ އެހާ ލޯބިވޭތަ؟" ފުން ނޭވާއެއް ދޫކޮށްލަމުން ހަނީފާ ބުނެލިއެވެ.
"ވަރަށް ބޮޑަށް. ދުނިޔޭގައިވާ ހުރިހާ އެއްޗަކަށް ވުރެ ވެސް. ހަނީއަކަށް ނޭނގޭ ލޯތްބަކީ ކޮބައި ކަމެއް. ހިތްހަމަ ޖެހުމަކީ ކޮބައި ކަމެއް؟"
"ލޯތްބަކީ ކޮބައިކަން ދަސްކޮށްދޭންތަ މި ދަތުރު ރޭވީ؟" ހަނީފާ ލާނެތް ގޮތަކަށް ބުނެލިއެވެ.
"އެވެސް މަގުސަދަކަށް ވެދާނެ،" ވާސިފު ބަލައިލީ ސީދާ ހަނީފާގެ މޫނަށެވެ. "އަހަރެން މިއަދު ވަރަށް ހިތްހަމަ ޖެހުނު. ވަރަށް ބޮޑަށް އުފާ ވެސް ވެއްޖެ. އަހަންނަށް ޔަގީން ކުރެވުނު ކަމަކީ ހަނީ ވެސް އަހަރެން ދެކެ އިންތިހާއަށް ލޯބިވާކަން. އަހަންނަށް އެދޭކަން. އެކަން މިއަދު ކަށަވަރުވެއްޖެ."
ހަނީފާ މޫނު މައްޗަށް ފާޑެއްގެ ގޮތްތަކެއް ވާން ފެށިއެވެ. އޭނާގެ ނޭވާ އަވަސްވެ މީހާ ހާސްވާ ގޮތްވާން ފެށިއެވެ.
"މާނައަކީ؟ އަހަރެން... އަހަރެން..." ހަނީފާ ހާސް ނުވާކަމަށް ހެދެން އުޅުނެވެ.
އޭނާގެ އަތުގައި ހުރި ޖޫސްތަށީގައި ބާރަށް ހިފައިލިއެވެ. ދަތްޕިލައަށް ބާރުކޮށްލިއެވެ.
"ދެން މާ ހާސް ނުވޭ އަހަންނަށް މިއަދު އެކަން ކަށަވަރު ވެއްޖެ. ވަރަށް ބޮޑަށް ތޭންކްސް." ވާސިފު ލާނެތް ގޮތަކަށް ބުނެލިއެވެ.
"ކީކޭ ތި ކިޔަނީ؟ އަހަންނަކީ މީހެއްގެ އަނތްބެއް. އަހަންނަކީ ފެންނަހާ މީހުންނާ އެކު އުޅޭނެ މީހެއް ނޫން. އަހަރެން އަބަދުވެސް ހުންނާނީ އަހަރެންގެ ގޮތުގައި." ހަނީފާ ރުޅި އަންނަ ގޮތްވާން ފެށިއެވެ.
"ރަނގަޅު. ތި ހަނީގެ މައްސަލައަކީ މާ ބޮޑަށް ގަދަ ބަސް ބުނުން. ގަދަ ހަދަން އުޅުން،" ވާސިފު ޖޫސް ތަށީގައި ތުން ޖައްސައިލިއެވެ. "މީހެއްގެ އަނތްބެއްކަން ހަނީއަށް ނޭނގޭ ހިނދުކޮޅުތައް ވެސް އާދެއެއްނު ދޯ."
"ކީކޭތަ ކިޔަން ތިއުޅެނީ؟" ހަނީފާ ރުޅި އަންނަ ގޮތްވާން ފެށިއެވެ. "ތިއޭ އަހަރެން ވާސިފު ދެކެ ރުޅި އަންނަން ޖެހޭ ސަބަބަކީ. އަހަންނަށް މިއަދު ވެސް ގަބޫލުކުރެވެނީ އަހަރެން އެ ދުވަހު ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށް. ވާސިފަށް ނޫނެކޭ ބުނީ ވާސިފަކީ ކާކުކަން އަހަންނަށް ވަރަށް ރަނގަޅަށް އެނގޭތީ."
"އަހަރެންގެ މައްސަލައެއް ނެތް. އަހަރެން ބޭނުންވާ ހުރިހާ ކަމެއް ކޮށްފިން. ދެން ހާސިލުކުރާނެ މާގިނަ ކަންކަމެއް ނެތް. ދެން ކުރާކަމެއް ކުރާނީ ހަނީ. އަހަރެންވީ ލޯބީގެ ބަދަލު އަހަރެން ހަނީއަށްދީފިން." ވާސިފު މަލާމާތުގެ ރާގުގައި ބުނެލިއެވެ.
ހަނީފާ ހިނގައި ގަންނަން ފައި ހިއްލައިލިއެވެ. އޭނާ އުޅުނީ އެތެރެއަށް ދާށެވެ. ވާސިފުގެ ވާހަކަތަކުން މުޅި މީހާގެ މޫޑު ހަރާބުކޮށްލީމައެވެ. ދަތުރު އާދެވުނީތީ އޭނާގެ އަމިއްލަ ނަފުސަށް މަލާމާތް ކުރާން ފެށިއެވެ.
"އިހަށް މަޑުކޮށްބަލަ." ވާސިފު ހިފައިލީ ހަނީފާގެ އަތުގައެވެ.
ވާސިފުގެ އަތަށް ގެނައި ކުއްލި ހަރަކާތަކާ އެކު އޭނާއާ ދިމާއަށް ހަނީފާ ދަމައިގަތެވެ. ނުވިސްނާ ހުރުމުގެ ސަބަބުން ހަނީފާ ތަތްވީ ވާސިފުގެ މޭގައެވެ. އެއާއެކު އަތުގައި ހުރި ޖޫސްތަށި ބަންޑުންވީ ވާސިފުގެ ހުދުކުލައިގެ ގަމީހަށެވެ. ވާސިފު ބާރުބާރަށް ހަނީފާގެ ގައިގައި ބައްދައިލިއެވެ. ހަނީފާއަށް އުނދަގޫވިއެވެ. އޭނާ އުޅުނީ ސަލާމަތް ވެވޭތޯއެވެ. ނަމަވެސް ވާސިފު ދެ އަތަށް ބާރުކޮށްލިއެވެ. ހަނީފާގެ މޫނު އޭނާގެ މޭގައި ތަތްވާ ވަރަށް ބާރުކޮށްލިއެވެ.
ހަނީފާއަށް އެތެރެއަށް ނޭވާ ދަމައިލިއެވެ. އޭނާގެ ނޭފަތުގައި ތަތްވި މީރުވަސް ސިކުނޑިއާ ހަމައަށް ވާސިލުވިއެވެ. އެއާއެކު ހަނދާންތަކެއް އާވާން ފެށި ކަހަލައެވެ. ކުލަ ނުވާ މަންޒަރުތަކެއް ހިޔަނިތަކެއް ގޮތުގައި ފެންނަމުން ދިޔައެވެ. ގައިގޯޅި މަންޒަރުތަކެކެވެ. އޭނާގެ ސިކުނޑި ބުނެދެމުން ދިޔައީ އެހެން އިހުސާސްތަކެކެވެ.
"އަދިވެސް ހަމަ ބޭނުންވޭ ދޯ." ވާސިފު ލާނެތް ރާގެއްގައި ބުނެލިއެވެ.
"ވާސިފު މޮޔަވީތަ؟ ދޫކުރޭ މި ބުނީނު ދޫކުރާށޭ." ހަނީފާ އުޅުނީ ވާސިފުގެ ކިބައިން ސަލާމަތްވާށެވެ.
މީހަކު ކަރު ކެހިލި އަޑަށް ހަނީފާ ބަލައިލިއެވެ. ވާސިފު ވެސް އެދިމާ ބަލައިލިއެވެ. އެއާއެކު ވާސިފު އަތަށް ބާރުކޮށްލާ ހަނީފާގެ ގައިގައި އޮޅުލައި ގަތެވެ. ހަނީފާގެ ހަރަކާތްތައް ހުއްޓުނެވެ. ހިނދުކޮޅަކަށް އޭނާ ގަނޑުވީއެވެ.
"ސަރ، އޮފީހުން ގުޅުއްވާއެބަ. އާޖެންޓް ކަމެއްގަ." ވާހަކަދެއްކީ ސަފާރީގައި މަސައްކަތްކުރާ ވާސިފުގެ މުވައްޒަފެކެވެ.
"އޯކޭ ސަރމެންގެ ފޮޓޯއެއް ނަގައި ދީބަލަ." ވާސިފު ފޯނު ދިއްކޮށްލަމުން ހަނީފާގެ ގައިގައި ތަތްވެލިއެވެ.
ހަނީފާ ހުރި ގޮތަށް ހުރެވުނީއެވެ. އޭގެ ފައިދާ ނެގީ ވާސިފެވެ. އޭނާގެ މުޅި ގައިގައި ވާސިފު މޫނު ހޭކީއެވެ. ކަނދުރާއާއި އިސްތަށިގަނޑުގައި ބޮސްދިނީއެވެ. އެހުރިހާ މަންޒަރެއް ވާސިފުގެ ފޯނުގައި ރައްކާ ކުރެވިގެން ދިޔައީއެވެ. ވާސިފުގެ އަތަށް ފޯނު އެރުމުން އޭނާ ހިނިތުންވެލިއެވެ.
"ފޮހެލާ. ހަމަ މިހާރު ފޮހެލާ." ވާސިފުގެ އަތުން ވީއްލެމުން ހަނީފާ ދުރަށް ޖެހުނެވެ.
"ކޮން އެއްޗެއް؟" ވާސިފު ބުނެލިއެވެ.
"ފޮޓޯތައް." ހަނީފާ ލޮލަށް ކަރުނަތައް ގިނަވިއެވެ.
"އަހަރެންގެ ހިތުން ތިޔަ ސޫރަ ފޮހެލާ އޭރުން." ވާސިފު ފޮނިވެލިއެވެ.
"ފޮޓޯތައް ފޮހެލާށޭ." ހަނީފާ ތަކުރާރުކޮށްލިއެވެ.
"އެ ނުވާކަމަކަށް ދެން ވާނެތަ؟ ހެއްކެއް ވެސް ހުންނާނެ. އޭނާގެ ސިކުނޑިން ވެސް ފޮހެލަން ޖެހޭނެ ދޯ." ވާސިފު އުޅުނީ ހަނީފާ ރުޅި އަރުވާށެވެ.
"ހެވޭ. ފޮޓޯތައް ފޮހެލާށޭ." ހަނީފާ އުޅުނީ ވާސިފުގެ ފޯނު އަތުލާށެވެ.
"މަޑުކޮށްބަލަ. އެއަށްވުރެ ރީތި މަންޒަރުތަކެއް ދައްކާލާނަން." ވާސިފު ލާނެތް ރާގެއްގައި ބުނެލިއެވެ.
އޭނާ ފޯނުގައި އިނގިލި ޖައްސާލުމަށްފަހު ވީޑިއޯ ކުލިޕެއް ޕްލޭ ކޮށްލުމަށްފަހު ހަނީފާއަށް ސްކުރީނު ދިއްކޮށްލިއެވެ. ހަނީފާ ސްކުރީނަށް ބަލައިލިއެވެ. އޭނާގެ ހިތުގެ ހިނގުން ހުއްޓުނު ކަހަލައެވެ. މުޅި މީހާ ގަނޑުވިއެވެ. ބޮލަށް ފާޑެއްގެ ގޮތްތަކެއްވިއެވެ. އެނބުރުން އަރައި މުޅި މީހާ ހާސްވާން ފެށިއެވެ. ފެންނަމުން ދިޔަ މަންޒަރުތަކުން އޭނާގެ ނޭވާ ހާސްވާ ގޮތްވިއެވެ. އެންމެ ފަހުން ހަނީފާ ދެ ލޯ ބޮޑުކޮށްލިއެވެ. އަތުގައި އޮތް ތަށި ދޫވިއެވެ. އޭނާއަށް ހިފައިލެވުނީ ދެ އަތުން ބޮލުގައެވެ. އެހައި ހިސާބުން މީހާ އަރި އަޅައިލާ ގޮތްވިއެވެ.
"ކިހިނެއްތަވީ؟" ހަމޫދު ސުވާލުކޮށްލީ ހަނީފާއަށެވެ.
އޭނާ އޮތީ އެނދުގައެވެ. ދެފަހަރަކު އެސްފިޔަ ޖަހައިލިއެވެ. އެނދުގެ ވަށައިގެން ތިބި މީހުންނަށް ހަނީފާ ބަލައިލިއެވެ. ވާސިފުގެ މޫނަށް ބަލައިލަމުން އޭނާއަށް ނަޒަރު ހުއްޓައިލިއެވެ. ފާޑެއްގެ ބިރުވެރި ކަމެއް އޭނާގެ ސިކުނޑީގައި ކުޅެލިއެވެ. ނިތުން ދެތިން ސުވާލެއް އޭނާ އަމާޒުކޮށްލީ ވާސިފަށެވެ.
"އަހަރެން އެއްވެސް ވާހަކައެއް ނުބުނަންދޯ،" ވާސިފު ބަލައިލީ ހަމޫދުގެ މޫނަށެވެ. "ވީގޮތެއް އެނގޭނީ ހަމަ ހަނީއަށް. އަހަންނަށް ހަނީގެ ގައިގައި ނުހިފުނު ނަމަ."
"ނަސީބެއް ވާސިފު ވެސް ބޭރަށް ނުކުތް ކަން. އެހެން ނޫންނަމަ ހަނީ ވެއްޓިފައި އޮތަސް އަހަރުމެންނަކަށް ނޭނގޭނެއްނު." ވާޖިދާ އެނދުގައި އިށީނދެލަމުން ހަނީފާގެ ބޮލުގައި ފިރުމައިލިއެވެ.
ހަނީފާގެ ހިތުގައި ރުޅިވެރިކަމުގެ ދިލަކަނިތައް އުދުހި ގަތެވެ. އޭނާ ބޭނުންވީ ވާސިފު ފަޟީހަތްކޮށްލާށެވެ. އޭނާ ކުރި ކަންތައްތައް އެންމެން ކުރިމަތީގައި ގޮވައިލާށެވެ. އެއީ މައުސޫމު މީހެއް ނޫންކަން ހާމަކޮށްދޭށެވެ. ކުށްވެރިޔަކީ އެއީކަން ބުނެދޭށެވެ. އޭނާގެ ޝިކާރައަކަށް ހެދީ ޚުދު ހަނީފާކަން އަންގައިދޭށެވެ. އެހެންވެ އޭނާ އަނގަ ހުޅުވާލިއެވެ.
"ނަސީބެއްތަ؟" ހަނީފާގެ އައީ ކެނޑިކެނޑިގެންނެވެ.
ހަނީފާގެ ނިޔަތް ވާސިފަށް ސާފުވިއެވެ. އެހެންވެ އޭނާ ބޭނުންވީ ނުގޮތަކަށް ނަމަވެސް ހަނީފާއަށް ބިރުދައްކާށެވެ.
"ވީގޮތް ބުނަންތަ އަހަރެން؟" ވާސިފު ބަލައިލީ ސީދާ ހަނީފާގެ މޫނަށެވެ.
"ކިހިނެއްތަވީ؟" ހަމޫދު ސުވާލުގެ ނަޒަރުން ބަލައިލީ ވާސިފަށެވެ. "އަނެއްކާ ބޮޑު ކަންތައް ގަނޑެއް ހިނގީތަ؟"
"އާނ! ވަރަށް ބޮޑު ކަންތައް ގަނޑެއް ހިނގައިފި ދޯ ހަނީ." ވާސިފު ދިމާކުރީ ހަނީފާ ޝިކާރަށްކޮށްލާށެވެ.
ހަނީފާ އެނދުން ތެދުވެ އިށީނދެލިއެވެ. އޭނާ ފުންކޮށް ވިސްނައިލިއެވެ. ވާސިފު ފޯނުން ދެއްކި މަންޒަރުތައް އޭނާގެ ސިކުނޑީގެ ތެރޭގައި އުދުހެމުން ދިޔައެވެ.
"އަހަރެން ފޯނަށް ބަލަމުން އެތެރެއަށް ވަންނަން އުޅެނިކޮށް އަރި އަޅައިލީ." ހަނީފާ ގަސްތުގައި ދޮގު ހެދިއެވެ.
އެއާއެކު އެންމެން މޫނު މައްޗަށް ހިނިތުންވުން ވެރިވިއެވެ.
"އަހަރެން އަބަދުވެސް ބުނަމެއްނު ފޯނަށް ލޯ ކޮށްޕައިލައިގެން އުޅެން ވެއްޖެ ނަމަ ނުވާންވީ ކަންކަން ވެސް ވާނޭ." ހަމޫދު އެނދުގައި އިށީނދެލަމުން ހަނީފާގެ މޫނުގައި ފިރުމައިލިއެވެ.
އެންމެންގެ ސަމާލުކަން ހުއްޓުނީ ދޮރު ހުޅުވުނު އަޑު އިވުމުންނެވެ. ސިއްރުސިއްރުން އެތެރެއަށް ވަދެގެން އައީ އަލޫކެވެ.
"ބައްޕާ އަހަރެން ބޭނުންވަނީ މާލެދާން. ހިނގާދާން." އަލޫކު ތުއްތުތުއްތު އަޑުން ބުނެލިއެވެ.
"ކިހިނެއްވީ؟" ހަމޫދު އަހައިލިއެވެ.
"މަންމަ." އަލޫކަށް ބުނެވުނީ އެވަރަށެވެ.
"މިރޭ މަޑުކޮށްލައިފަ މާދަމާ ދެން ދާނީ ދޯ. މިހާރު މާ ދަންވެސް ވެއްޖެ." ހަމޫދު ބޭރަށް ނުކުންނަށް ހިނގައިގަތެވެ.
ހަމޫދުގެ ފަހަތުން ވާސިފުމެން ދެމަފިރިން ވެސް ބޭރަށް ނުކުތެވެ.
"މަންމީ ބަލައިބަލަ." އަލޫކު ދެއްކީ އޭނާގެ ފޯނެވެ.
ހަނީފާ ބަލައިލީ ފޯނަށެވެ.
އަލޫކު ވީޑިއޯ ކޮށްފައި ހުރީ ވާސިފުގެ ހަރަކާތްތަކެވެ. ހަނީފާގެ ގައިގައި އޭނާ އޮޅުލައިގަތް މަންޒަރުތަކުން ފެށިގެން ހަނީފާ ހޭނެތިގެން ވެއްޓެންދެން ހިނގައިދިޔަ ހުރިހާ ކަމެއް އެ ކުލިޕުން ފެނުނެވެ.
"ދަރިފުޅު ކޮންތާކު؟" ހަނީފާއަށް ލަސްލަހުން ބުނެލެވުނެވެ.
"މަތިން. އެބޭބެ އުޅެނީ މަންމައަށް އަނިޔާކުރަން. ހިނގާ އަވަހަށްދާން. މިތާ ތިއްބާ މަރައިވެސް ލާނެ،" އަލޫކު ލަސްލަހުން ބުނެލިއެވެ. "މަންމައަށް އެނގޭތަ އެބޭބެ ކުރުނބާއަށް ވެސް އެއްޗެއް އެޅިއޭ. އެހެންވެ ކޮއްކޮ ނުބޮން ކުރުނބާއެއް ވެސް."
ހަނީފާ ދެ ލޯ ބޮޑުވިއެވެ. އޭނާއަށް ކަންކަން ސާފުވާން ފެށިއެވެ. އަލޫކު އެދެއްކި ވާހަކަތަކާ ހަވީރުގެ ހާދިސާއާ ގުޅުވާލެވުނެވެ. އެއާއެކު ދަތްކުނޑި ވިކައިގަނެވުނެވެ. އޭނާ ބޭނުންވީ ވަގުތުން ސަފާރީން ދާށެވެ. ވާސިފުގެ ރޭވުން ނާކާމިޔާބުކޮށްލާށެވެ. ސަފާރީގައި ހޭދަކުރާ ކޮންމެ ސިކުންތަކީ ވާސިފުގެ ކަންކަން ކާމިޔާބު ކުރުމަށް ކޮށައިލެވޭ މަގަކަށްވާނެތީއެވެ. ކުއްލިއަކަށް ފޯނު ރިންގުވާން ފެށިއެވެ. ހަނީފާ ބަލައިލިއެވެ. ގުޅަނީ ހަމޫދެވެ.
"އޮފީހުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އަހަރެން މި ނައްޓައިލީ މާލެ. އިހަށް ހަމަޖެހިލައިގެން ސަފާރީގައި މަޑުކޮށްލާ. އަލޫކާ ދެމީހުން އެކީގައި ތިބޭތި، ވާނުވާ އަންގާނަން." ހަމޫދު އެއް ނޭވާއިން އަމުނައިލިއެވެ. (ނުނިމޭ)