ލައިފްސްޓައިލް

"ބިގް ބޮސް": ޕަވިތުރަ ދެކެ އީޖާޒަށް ވެވުނީ ހަގީގީ ލޯބި

"ބިގް ބޮސް 14" ވަނަ ސީޒަން މިހާރު ނިމިފައިވާއިރު މި ފަހަރު އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ ޝޯގައި ބައިވެރިވި ޓީވީ އެކްޓަރު އީޖާޒް ޚާން އާއި ޕަވިތުރަ ޕޫނިއާގެ ހަގީގީ ލޯބީގެ ވާހަކަ އެވެ. އީޖާޒް ދާދިފަހުން ދިން އިންޓަވިއު އެއްގައި މި ވާހަކަތައް ވަރަށް ތަފްސީލުކޮށް ކިޔައިދީފައި ވެއެވެ.

އީޖާޒް ބުނި ގޮތުގައި ބިގް ބޮސްގެ ގެޔަށް އޭނާ ވަނީ ސިންގަލްކޮށް ހުރުމަށް އަޒުމު ކަނޑައަޅައިގެންނެވެ. ޝޯގެ ޓީއާރުޕީ މަތިކުރުމުގެ ގޮތުން ވެސް އެއްވެސް މީހަކާ ލޯބީގެ ކުޅިގަނޑެއް ކުޅޭކަށް އޭނާ ޚިޔާލުކޮށްފައެއް ނެތެވެ.

ޓައިމްސް އޮފް އިންޑިއާ އިންޓަވިއުގައި އީޖާޒް ބުނީ ދުވަހަކުވެސް ކައިވެންޏެއް ނުކުރުމަށް އޭނާ ނިންމި ނިންމުން ބަދަލުކުރަން ޖެހުނީ ލޮކްޑައުންގައި ގިނަ ދުވަސްތަކެއް ގޭގައި މަޑުކުރަން ޖެހުމުންނެވެ.

"އަހަރެން އަށް މަސް ދުވަސް ގޭގައި އެކަނި މާއެކަނި ހުރިން. އެ ދުވަސްތަކުގައި ހަޔާތުގެ ނާޒުކުކަން އަހަންނަށް އިހްސާސް ކުރެވުނު. އަހަރެންގެ އުމުރުން މިހާރު 45 އަހަރު. އަދި މީހަކާ ރައްޓެހި ނުވާތާ ވެސް އޭރު ގިނަ އަހަރު ތަކެއް ވެއްޖެ. އެކަނި އުޅެން ފެށީމަ އެގޮތަށް ދިރިއުޅުން ހަމަޖައްސަން ދަސްވެ ދެން އަބަދުވެސް އުޅޭނީ އެކަންޏޭ ހިތަށް އެރި. އަދި ދުވަހަކުވެސް ކައިވެންޏެއް ނުކުރަން ނިންމިން. އަހަރެންގެ ދައްތަގެ ކުދިން ދެކެ އަމިއްލަ ދަރިން ފަދައިން ލޯބިން އުޅޭނިއްޔޭ އަދި މާ ބޮޑަށް ފޫހިވަންޏާ އެމެރިކާ ތިބި އެކުވެރިން ކައިރިއަށް ގޮސްލާނީ އޭ ހިތަށް އެރީ،" އީޖާޒް ބުންޏެވެ.

ނަމަވެސް "ބިގް ބޮސް"ގެ ގޭގައި އީޖާޒް ހޭދަކުރި ދުވަސްތަކުގައި އެ ޝޯގެ އެހެން ބައިވެރިއެއް ކަމަށްވާ ޕަވިތުރަ ޕޫނިއާ އަށް އީޖާޒްގެ ހިތް ދެވުނީ އެވެ.

"ޕަވިތުރަ އާ ބައްދަލުވީ ދުވަހުން ފެށިގެން ވެސް އޭނާ އަށް އަހަރެންގެ ހިތުން ޚާއްސަ ކަމެއް ދެވުނު. އެއީ އޭނާ ރީތިކަމުން އެކަންޏެއް ނޫން. އަދި އަހަރެންނާ އަޅާލާ ރަނގަޅަށް ކަންތައްތައް ކޮށްދޭތީއެއްވެސް ނޫން. އަހަރެންގެ ހިތް ބުނި އެއީ ހަމަ އަހަރެންގެ ހަޔާތަށް ގެންނަން އެންމެ ފުރިހަމަ އަންހެންކުއްޖާއޭ،" އީޖާޒް ބުންޏެވެ.

އީޖާޒް އާއި ޕަވިތުރަ ފުރަތަމަ ބައްދަލުވީ ވެސް ބިގް ބޮސްގެ ގެއިންނެވެ. ފުރަތަމަ ބައްދަލުވުމުން ވެސް ޕަވިތުރަގެ ހިތް އީޖާޒަށް ދެވުނެވެ. ނަމަވެސް ފުރަތަމަ ކޮޅު އީޖާޒް އުޅުނީ ވަރަށް ނޫންކަމަށް ހަދައިގެންނެވެ. ނަމަވެސް ޝޯގެ ވަކި ހިސާބަކުން ޕަވިތުރަ ޝޯ އަށް އަލްވަދާއު ކިޔަން ޖެހުނީ އެވެ. ޕަވިތުރަ އާ އޭނާ ގަޔާވާ މިންވަރު އީޖާޒަށް އިހުސާސް ކުރެވުނީ ޕަވިތުރަ ނެތި ދިޔަ ދުވަސްތަކުގަ އެވެ.

ޕަވިތުރަ ދެ ވަނަ ފަހަރަށް މެހެމާނެއްގެ ގޮތުގައި ބިގް ބޮސްގެ ގެއަށް ވަނުމުން އީޖާޒްގެ ހިތުގައި ފޮރުވާފައިވާ ލޯބި ވަނީ ހާމަކޮށްފަ އެވެ.

އީޖަޒް ބުނި ގޮތުގައި ހުރިހާ ކަމެއް ރާވާފައިވާ ގޮތަށް ދާނަމަ މިއަހަރު ނުނިމެނީސް އޭނާ އާއި ޕަވިތުރަ ކައިވެނި ކުރާނެ އެވެ.

ވަރަށް ކުރިން ދެކި މަޝްހޫރު ސިލްސިލާއެއް ކަމަށްވާ "ކާވިޔަންޖަލީ"ގައި ލީޑް ރޯލު ކުޅެފައިވަނީ އީޖާޒް އެވެ. އެ ޝޯގައި އޭނާ އާއެކު ބަތަލާގެ ރޯލު ކުޅުނު އަނީތާ ހަސަނަންދާނީ އާއި އީޖާޒް ރައްޓެހިވެގެން ވަރަށް ގިނަ ދުވަސްތަކަކު އުޅެފައި ވެއެވެ. ނަމަވެސް ކައިވެންޏާ ހަމަޔަށް ނުދަނީސް ދެ މީހުން ވަކިވީ އެވެ. އީޖާޒް މީހަކާ ރައްޓެހިނުވާން ހުރީ އަނީތާ އާ ރުޅިވި ފަހުންނެވެ.