ލައިފްސްޓައިލް

ނާސްތާ އަވަހަށް ނެގުމުން ހަކުރުގެ ނުރައްކާ ކުޑަ

ހެނދުނު ފަތިހާ ހޭލާ މީހުންނަށް މުޅި ދުވަހު ކުރާނެ ކަންކަން ރާވާލަން ފަސޭހަވެ އެވެ. އަދި މިއީ އެމީހެއްގެ ބްލަޑް ޝުގާ ލެވެލް ރަނގަޅުކުރަން ވެސް މަގުފަހިވާ ކަމެއް ކަމަށް އާ ދިރާސާއެއްގައި ވަނީ ބުނެފަ އެވެ.

ދަ އެންޑޮކްރައިން ސޮސައިޓީން އިންތިޒާމްކޮށްގެން ބޭއްވި ވާޗުއަލް ކޮންފަރެންސް އެންޑޯ 2021ގައި ނެރުނު ދިރާސާ ރިޕޯޓެއް ބުނާ ގޮތުގައި ހެނދުނު އަވަހަށް ސައި ބުއިމާއި އިންސިއުލިން ރެސިސްޓްކުރާ މިންވަރު ދަށްވުމާ ގުޅުން އެބައޮތެވެ. އަދި މިއީ ބޮޑެތި މީހުންނަށް އާއްމުކޮށް ޖެހޭ ޓައިޕް 2 ޑައިބެޓީސްގެ ނުރައްކާ ވެސް ކުޑަކޮށްދޭ ކަމެކެވެ.

މި ދިރާސާގައި ހޯދީ ފާސްޓިން (ނުކައި ގިނައިރުތަކެއް ހުރުމުން) ލިބޭ ފައިދާ ކަމަށް ސައިންސްވެރިން ބުނެ އެވެ. މި ހޯދުމުގެ ތެރޭގައި ހެނދުނު ވީހާވެސް އަވަހަށް ސައިބުއިމަކީ ގިނަ ގުނަ ފައިދާތަކެއް ލިބޭ ކަމެއް ކަން ވެސް ހޯދުނީ ކަމަށް ސައިންސްވެރިން ބުންޏެވެ.

ހެނދުނު 8.30ގެ ކުރިން ސައި ބުއިމުން ލޭގައި ހަކުރު އެކުލެވޭ މިންވަރު ދަށެވެ. އަދި އިންސިއުލިން ރެސިސްޓްކުރާ ވަރު ވެސް ދަށެވެ. އެ މީހުން އެންމެ ފަހުން އެއްޗެއް ކެއީ އޭގެ 10 ގަޑިއިރު ފަހުން (އިންޓަމިޓަންޓް ފާސްޓިން) ކަމަށް ވިޔަސް އެވެ.

މި ހޯދުމަށް މައުލޫމާތު ނެގީ އެމެރިކާގައި ކުރި ނެޝަނަލް ސާވޭ އޮން ހެލްތު އެންޑް ނިއުޓްރިޝަންގެ ސާވޭއެއްގެ ޑޭޓާ ތަކަކުންނެވެ. މި ދިރާސާގައި މިފަދަ 10575 މީހެއްގެ މައުލޫމާތު އެނަލައިޒްކުރި އެވެ. އެގޮތުން ބެލީ އެމީހުންގެ ކެއުމުގެ ގަޑިތައް ހުރި ގޮތާއި ލޭގައި ހަކުރާއި އިންސިއުލިން ހުރި މިންވަރުގެ މައްޗަށެވެ.

މި ހޯދުމުން އެނގުނު ގޮތުގައި ނުކައި 10 ވަރަކަށް ގަޑިއިރު ތިބުމުން އިންސިއުލިން އަށް ރެސްޕޮންސްކުރާލެއް ދަށެވެ. އިންސިއުލިން އަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު ރެގިއުލޭޓްކުރާ ހޯމޯން އެވެ. ޓައިޕް 2 ޑައިބެޓީސް ޖެހުމުގައި އިންސިއުލިން ރެސިސްޓެންސްގެ ދައުރު ބޮޑެވެ.

ސައިންސްވެރިން ބުނި ގޮތުގައި ހެނދުނު 8.30ގެ ކުރިން ސައި ބޯ މީހުންގެ އިންސިއުލިން ރެސިސްޓެންސް ހުރީ ވަރަށް ދަށް ލެވެލް އެއްގަ އެވެ.

ރޭގަނޑު ނިދުމުގެ ކުރިން އެންމެ ފަހުން އެއްޗެއް ކޭ ގަޑިއާއި ހެނދުނު ހޭލައިގެން އެއްޗެއް ކޭ ގަޑިއާ ދޭތެރެ ބަލަނީ އިންޓަމިޓަންޓް ފާސްޓިންގެ ވަގުތަށެވެ. މިގޮތަށް އިންޓަމިޓަންޓް ފާސްޓިންގައި ހޭދަކުރި ގަޑިތަކުގެ ސަބަބުން ލޭގައި ހުރި ހަކުރުގެ މިންވަރަށް އިތުރު ބަދަލެއް ނާދެ އެވެ. ބަދަލު އަންނަނީ ހެނދުނު އަވަހަށް ސައި ބޮއިގެންނެވެ. މިކަމުން ހާމަވީ އެއްޗަކީ އަވަހަށް ސައި ބުއިމުގެ ފައިދާ ނުކައި ގިނަ ވަގުތު ހުރުމަށް ވުރެ މާ ރަނގަޅު ކަމެވެ.

ސިއްހަތަށް ފައިދާ ހުރި ނާސްތާއެއް ހެނދުނު ކެއުމަކީ ބަރުދަން ލުއިކުރުމާއި ހަކަތަ އިތުރުކުރުމަށް ވެސް ވަރަށް ބޭނުންތެރި ކަމެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.

ފަހަރެއްގައި ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިއްމު ކެއުމަށް ނުވެދާނެ އެވެ. ނަމަވެސް މުޅި ދުވަހު އެކަށީގެންވާ ހަކަތައެއް ހަށިގަނޑުގައި ބެހެއްޓޭނީ ހެނދުނުގެ ސައި އަވަހަށް ކެއުމާއެކު އެ ކެއުމުގައި ފައިދާ ހުރި ކާނާ ބޭނުން ކޮށްގެންނެވެ.

ދުވަހުގެ ފެށުމެއްގެ ގޮތުން ކާން އެންމެ ރަނގަޅީ ޕްރޮޓީން، ހެލްދީ ފެޓްސް، ފައިބަރު އެކުލެވޭ ކެއުމެކެވެ. މިސާލަކަށް މޭވާ އާއި ނަޓްސް ކޮޅަކާ އެކު ޔޯގަޓް ތައްޓެއް ކާލެވިދާނެ އެވެ. ނުވަތަ ހޯލް-ވީޓް ޕާނުގެ ޓޯސްޓަކާއެކު ތަރުކާރީ ކޮޅަކާއި ބިސް ވެސް ވަރަށް ރަނގަޅުވާނެ އެވެ.