ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބުލީ ކުރެއްވި ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތުހުމަތު ކުރައްވައިފި އެވެ.
ޝަރީފް މި ތުހުމަތު ކުރައްވާފައި ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނަށް އިތުރު ސުވާލު ކުރަން ހުޅުވާލި ފުރުސަތުގައި އޭނާ ކުރެއްވި ސުވާލަކަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވެވި ޖަވާބާ މެދު ހިތްހަމަޖެހިވަޑައިނުގެން ނިޒާމީ މައްސަލަ ނެންގެވި ވަގުތު މަޖިލީހުގެ ރައީސް އަމަލު ކުރެއްވި ގޮތުންނެވެ.
ސުވާލު ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ޝަރީފް ވަނީ މަރަދޫ އާއި މަރަދޫފޭދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ހޮޅިތައް އަޅާފައިވީ ނަމަވެސް ހިދުމަތް ލިބެމުން ނުދާ ކަމަށް ވިދާޅުވެ ހިދުމަތް ދޭން ފަށާނެ ދުވަހެއް ސާފު ކޮށްދޭން އެދިވަޑައިގެންފަ އެވެ. އަދި އެ ސަރަހައްދުގެ ބިން ހިއްކުމާއި މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ސާފު ކޮށްދޭން ވެސް އެދިވަޑައިގެންނެވި އެވެ.
އޭނަގެ އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މަރަދޫ އާއި މަރަދޫފޭދޫގައި ހޮޅި އެޅިއިރު އެ މަސައްކަތް ކޮށްފައިވާ ގޮތުން މަގުތައް ރީސާފަސް ކުރަންޖެހޭ ކަމަށެވެ. އެހެންކަމުން ބައެއް މަގުތައް އަލުން ކަނޑާ، ރީސާފަސް ކުރުމުގެ މަސައްކަތް ފެނަކައިން ކުރަމުންދާ ކަމަށާއި އެ މަސައްކަތަށްފަހު އެހެން ކަންކަން ކުރާނެ ކަމަށެވެ. އިންޑިއާގެ އެހީގައި ބިން ހިއްކުމާއި މަގުތައް ހެދުމަށް ނިންމާފައިވާ ކަމަށާއި އަދި މަގުތައް ހަދަން ހަތަރު ޕާޓީއެއް ޕްރީ ކޮލިފައިކޮށް އެކަން މިހާރު އޮތީ ޓެންޑާ މަރުހަލާގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ 'ރަށްވެހި ފަތިސް' އަޅުގަނޑުމެން ބެލީމާ މިދުވަސްވަރު ވަރަށް ރަނގަޅަށް ސާފުވާނެ ރަށްރަށުގެ ޕްރެޖްކްޓްތަކުގެ ސްޓޭޓަސް ހުރި ގޮތް. ދާދިފަހުން އަޅުގަނޑުމެން އައްޑޫ ސިޓީގެ އިއްޒަތްތެރި މެންބަރު ތިކުރެއްވި ސުވާލެއްގެ ހުރިހާ ޖަވާބެއް ވާނެ އަރުވާފައި. އަޅުގަނޑަށް ހަމަ ޔަގީން އިއްޒަތްތެރި މެންބަރު ބައްލަވާލައްވާނެ ކަމަށް" އެމްޑީޕީން ކޮންމެ ރެއަކު ކުރިއަށް ގެންދާ ރަށްވެހި ފަތިސް ކެމްޕޭނަށް އިޝާރާތް ކުރައްވާ އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު މިހެން ވިދާޅުވުމާ އެކު އެ ވާހަަކަފުޅަށް ތާއީދު ކުރައްވާ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ "މެންބަރުން ނޫސް، ޚަބަރު ކަނުލާ އަޑުއައްސަވަމުން ގެންދިއުން ވަރަށް ބޭނުންތެރި" ކަމަށެވެ. އަދި އެމަނިކުފާނަށް ވެސް ފެނި ވަޑައިގަންނަވަނީ މިނިސްޓަރު ވިދާޅުވި ގޮތަށް އަމަލު ކުރެއްވުމަށް ކަމަށެވެ.
މިނިސްޓަރު އަސްލަމާއި ރައީސް ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ނިޒާމީ މައްސަލައެއް ނަންގަވާ ޝަރީފް ވިދާޅުވީ ގާނޫނުއަސާސީ އާއި މަޖިލީހުގައި ގަވައިދުގައި ބުނެފައި ވަނީ މަޖިލީހުގައި މެންބަރުން ކުރައްވާ ސުވާލުތަކަށް ވަޒީރުން ޖަވާބުދާރީވާން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
ޝަރީފް މިހެން ވިދާޅުވުމާއެކު ރައީސް ނަޝީދު ވަނީ ޝަރީފް އިށީދެވަޑައިގަތުމަށް ތަކުރާރުކޮށް އެދިވަޑައިގެން ޝަރީފް ބޭނުން ކުރައްވާ މައިކުގެ އަޑު ކަނޑުއްވާލައްވާފަ އެވެ. އަދި ޝަރީފަށް މަޖިލީހުގައި ވާހަކަފުޅު ދެއްކެވޭނީ މަޖިލީހުގެ ރިޔާސަތުން އެމަނިކުފާނު ފުރުސަތު ދެއްވުމުން ކަމުގައި ވެސް ވިދާޅުވި އެވެ. އެކަމަކު ޝަރީފް އޭރު ވެސް ގެންދެވީ އޭނާގެ ސުވާލަށް ވަޒީރު ޖަވާބުދާރީވެ ވަޑައި ނުގަންނަވާ ކަމަށް ވިދާޅުވަމުންނެވެ. މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ހޯދަން ޖެހޭނީ ރަށްވެހި ފަތިސް ބަލައިގެން ނޫން ކަމަށާއި ވަޒީރުން ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހި ވަޑައިގަންނަވަނީ މަޖިލީހުގެ ތަޅުމުގައި ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
"މަޖިލީހުގެ ރައީސް ވެސް އަމަލު ކުރައްވަން ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފްގެ ނިޒާމީ މައްސަލައާއި ގުޅިގެން މިނިސްޓަރު އަސްލަމް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވާހަކަފުޅުގައި ރަށްވެހި ފަތިހަށް އިޝާރާތް ކުރެއްވި ނަމަވެސް ޝަރީފްގެ ސުވާލަށް އެމަނިކުފާނު ޖަވާބުދާރީވެފައި ވާނެ ކަމަށެވެ.
ތަޅުމުގައި ހިނގައިދިޔަ ދެބަސްވުމަށް ފަހު ޝަރީފް ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަރަދޫ ދާއިރާގެ މެންބަރަށް ބުލީ ކުރުމަކީ އެއްގޮތަކަށް ވެސް އޭނާއަށް ރައްދުވާ ކަމެއް ނޫން ކަމަށެވެ. އެކަމަކު އެއީ އޭނާ ތަމްސީލް ކުރައްވާ މުޅި ދާއިރާގެ ރައްޔިތުންނަށް ކުރާ މަލާމާތެއް ކަމަށް ޝަރީފް ވިދާޅުވެފައި ވެއެވެ.
ޝަރީފް މި ޓްވީޓް ކުރައްވާފައި ވަނީ ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޓެގް ކުރެއްވުމަށް ފަހު އެވެ.
މަޖިލީހުގެ ތަޅުމުގައި ރައީސް ނަޝީދާއި މެންބަރު އިބްރާހީމް ޝަރީފާ ދެމެދު ހިޔާލުތަފާތުވުންތައް އުފެދި ބަހުގެ ހަމަލާތައް މީގެ ކުރިން ވެސް ތަކުރާރުކޮށް ބަދަލުކޮށްފައި ވެއެވެ. އަދި ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން މެންބަރު ޝަރީފްގެ ނަން އިއްވާ އޭނާ މަޖިލީހުން ބޭރު ކުރައްވާފައިވެސް ވެއެވެ.