ސިވިލް ސާވިސްގެ ގާނޫނަށް ގެނައުމަށް އަލަށް ހުށަހެޅި އިސްލާހުގައި އިލްމީ ގޮތުން އެންމެ ރަނގަޅު މީހުނަށް ވަޒީފާތައް ދިނުމުގައި އިސްކަން ނުދޭން ނިންމުމުން އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސިވިސް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އިއްޔެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ހުށަހަޅުއްވައިފައިވާއިރު ވާޒީފާތައް ދިނުމުގައި އިލްމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ފަރާތްތަަކަށް ވަޒީފާ ދޭން އިސްކަން ދޭން އޮންނަ މާއްދާ އުނި ކުރަން ވަނީ އެދިފަ އެވެ.
އެ ބިލާ ގުޅޭ ގޮތުން މިއަދު ކުރިއަށް ދިޔަ ބަހުސްގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ވަނީ އިލްމީ ފަރާތްތަަކަށް ވަޒީފާ ދިނުމުގައި އިސްކަން ނުދޭން ހުށަހެޅުއްވުމުން އެކަމަށް ފާޑުވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މީހުންނަކީ ގާބިލު ފަންނުވެރި މަސައްކަތްތަކެއް ކުރާ ބަޔަކަށް ވާން ޖެހޭއިރު އެ މާއްދާ އުވާލުމުން ސީއެސްސީން ކުރާ މަސައްކަތްތަކަށް ބުރޫ އަރާނެ ކަމަށެވެ.
އެ ބަދަލު އޭނާ ސިފަ ކުރެއްވީ ކަމަށް ގާބިލް ނޫން މީހުން ވަޒީފާތަކަށްލައި އެމްޑީޕީގެ އެކްޓިވިސްޓުންނަށް ފުރުސަތު ދޭން ޖެހި "މަޅިއެއް" ގެ ގޮތުގަ އެވެ.
"މިހާ މުހިންމު ސިފަތަކެއް މި މާއްދާގައި ބަޔާން ކޮށްފައި ވަނިކޮށް މި ތަހުޒީބީ މުޖުތަމައު ބިނާ ކުރުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން މި މާއްދާ އުވާލުމަކީ މަތީ ތައުލީމް ހާސިލް ކޮށްގެން އަންނަ ޒުވާން ގާބިލް މީހުންގެ ގައިގައި ކޮޅުފައި ޖެހުން،" އޭނާ ވިދާޅުވި އެވެ.
އެ ބަހުސްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީޕް ވެސް ވަނީ އިލްމީ މީހުންނަށް ވަޒީފާ ދިނުމުގައި އިސްކަން ނުދޭން ހުށަހެޅުމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އަދި ރާއްޖޭގެ ސިވިލް ސާވިސް މިހާރު އޮންނަ ގޮތުން އެއީ ރަަނގަޅު ނިންމުމެއް ނޫން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި މާއްދާ އުނި ކޮށްފި ކަމަށް ވާނަމަ ރާއްޖޭގެ ޒުވާނުންނަށް، ތައުލީމް ހާސިލް ކޮށްގެން އަންނަ ނޫކަށިފުރައިގެ ޒުވާނުންނަށް އޮންނަ ފުރުސަތުތައް ހަނިވެގެން ދާނެ. މީގެ ސަބަބުން ސިވިލް ސާވިސް އިތުރަށް ބަލިިކަށިވުމުގެ ފުރުސަތު އޮންނާނެ." ޝަރީފް ވިދާޅުވި އެވެ.
މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް ވަނޫ އެ މޭރުމުން ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ބިލާމެދު އިލްމީ ގޮތުން ބަލާ މީހުން ވެސް ޝައްކުތައް އުފައްދަމުންދާ ކަމަށާއި އޭގެ ސަބަބުން އެމްޑީޕީގެ ނިޔަތް ރަނގަޅު ނޫން ކަން ގަބޫލު ކުރާ ކަަމަށެވެ.