ޔުނައިޓެޑް އަރަބް އެމިރޭޓްސް

ދުބާއީގެ ޑެޕިއުޓީ ރޫލާ އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ނައިބު ރައީސް ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ބޭބޭފުޅު ދުބާއީގެ ޑެޕިއުޓީ ރޫލާ އަދި އެ ގައުމުގެ މިނިސްޓަރު އޮފް ފިނޭންސް ޝައިހް ހަމްދާން ބިން ރާޝިދު އަލް މަކްތޫމް އަވަހާރަވުމާއި ގުޅިގެން ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ތައުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފި އެވެ.

އުމުރުފުޅުން 75 އަހަރުގައި ޝައިހް ހަމްދާން ބިން ރާޝިދު އަލް މަކްތޫމް އަވަހާރަވީކަން ހާމަކުރެއްވީ ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމް އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދުބާއީގެ ޑެޕިއުޓީ ރޫލާ އަދި އެ ގައުމުގެ މިނިސްޓަރު އޮފް ފިނޭންސް ޝައިހް ހަމްދާން ބިން ރާޝިދު އަލް މަކްތޫމް އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެ މަނިކުފާނަކީ އެ ގައުމުގެ ކުރިއެރުމާ ތަރައްގީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އެ މަނިކުފާނު ވަކިވެ ދިއުމުގެ އުނިކަން މުޅި ޔޫއޭއީ ގެ އިތުރުން މެދުއިރުމައްޗާއި މުޅި ދުނިޔެ ވެސް އިހުސާސް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައިޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެ ގައުމުގެ ރައްޔިތުންނަށާއި، ހާއްސަކޮށް ޔޫއޭއީ ނައިބު ރައީސް އަދި ބޮޑުވަޒީރާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނަށް އިހްލާސްތެރި ތައުޒިޔާ ފޮނުއްވާފައިވެއެވެ.

ޔޫއޭއީ މިއަދު ދެކޭ ތަރައްގީގައި ޝައިހް ހަމްދާން ބިން ރާޝިދު އަލް މަކްތޫމް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.