ބޮލީވުޑް

ސަލްމާން ޚާންގެ ހާއްސަ ހަދިޔާއެއް ރާހޫލް ވައިދްޔާއަށް

"ބިގް ބޮސް 14" އިގެ ރަނަރަޕް އަދި ލަވަކިޔުންތެރިޔާ ރާހޫލް ވައިދްޔާއަށް ހާއްސަ ހަދިޔާއެއް ސަލްމާން ޚާން ދީފި އެވެ. ރާހޫލް އޭނާގެ އިންސްޓަގްރާމް އެކައުންޓުން ޝެއާ ކުރި ޕޯސްޓެއްގައި ވަނީ ސަލްމާން ދިން ހަދިޔާގެ ފޮޓޯތައް ހިއްސާ ކޮށްފަ އެވެ.

ރާހޫލްއަށް ސަލްމާން ހަދިޔާ ކުރީ ބީން ހިއުމަން އިލެކްޓްރިކް ބައިސްކަލެކެވެ.

ރާހޫލް ބުނި ގޮތުގައި މިއީ އޭނާ ވަރަށް ގަޔާވާ ހަދިޔާ އެކެވެ. ސަބަބަކީ ބޭރުގައި ބައިސްކަލް ދުއްވާލާ ކާޑިއޯ ހަދާލުމަކީ އޭނާ އެންމެ ކުރާހިތްވާ ކަމަށް ވާތީ އެވެ.

ބާވީސް ކިލޯ ހުންނަ ތިމާވެއްޓާ ރައްޓެހި މި އީ-ބައިސްކަލްގެ އަގަކީ 53،999 އިންޑިޔާ ރުޕިސް ކަމަށް ބީން ހިއުމަން ވެބްސައިޓްގައި ބުނެފައި ވެއެވެ.

ސަލްމާން އަކީ ވަރަށް ދީލަތި އެކްޓަރެކެވެ. ކަންކަމަށް ބޭނުން ވެފައިވާ ގިނަ ބަޔަކަށް އޭނާ އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެ އެވެ. އަދި ފަގީރު ނޫނަސް ގާތް މީހުންނަށް ވެސް އޭނާ އަބަދުވެސް ހަދިޔާ ދީ އުޅެ އެވެ.