ހަބަރު

ޖޭޕީ އާއި އަދާލަތު ޕާޓީން އެމްޑީޕީއާ ގުޅުމަށް ނަޝީދު ގޮވާލައްވައިފި

Jan 13, 2015

ގާނޫނު އަސާސީގެ ދިފާއުގައި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީން އެމްޑީޕީ ގުޅިވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.

ސްރީލަންކާގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ބައްދަލު ކުރެއްވުމަށް އެ ގައުމަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވާ ނަޝީދު ވިދާޅުވީ ސަރުކާރުން މިހާރު އެ ދަނީ ގާނޫނު އަސާސީއާ ޚިލާފަށް ވެރިކަމުގެ ބާރުތައް އެއްކޮށް، މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުން ކަމަށެވެ. އަދި ގާނޫނު އަސާސީއަކީ އެންމެންގެ މަސައްކަތުގެ ވުޖޫދަށް ގެނައި އެއްޗެއް ކަމަށާއި އެހެންވެ އޭގެ ދިފާއުގައި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ވެސް އެމްޑީޕީއާ ގުޅުމަށް އެދިވަޑައިގަތުމަށް ނަޝީދު ވިދާޅުވި އެވެ.

"ހުރިހާ ސިޔާސީ ޕާޓީތަކަށާއި މަދަނީ ޖަމްއިއްޔާތަކަށާއި އަދި އެންމެން ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ މި ގާނޫނު އަސާސީގެ ދިފާއުގައި ތެދުވުމަށް، އަޅުގަނޑު އެދެނީ ޚާއްސަ ގޮތެއްގައި ޖުމްހޫރީ ޕާޓީ އެމްޑީޕީއާ ބައިވެރިވުމަށް، ހަމައެހެންމެ އަދާލަތު ޕާޓީ ވެސް މި މަސައްކަތުގައި ބައިވެރިވުމަށް." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ އެމްޑީޕީއާ ދެމެދު ކޮންމެވެސް ވަރެއްގެ މަޝްވަރާތަކެއް ވަނީ ކުރެވިފަ އެވެ. އަދި ގާނޫނު އަސާސީގެ ހިމާޔަތުގައި ކުރެވޭ މަސައްކަތުގައި ޖުމްހޫރީ ޕާޓީގެ ފިކުރާ އެމްޑީޕީގެ ފިކުރާ ގުޅޭނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެކަމުގައި އަދާލަތު ޕާޓީއާ އެއްވެސް މަޝްވަރާތަކެއް މިހާތަނަށް ނުކުރެވޭ ކަމަށް ެއެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ލަަންކާގެ އާ ސަރުކާރާ ގުޅުން ބަދަހިކޮށްގެން ގިނަ ފައިދާތަކެއް ރާއްޖެއަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ސަރުކާރުން މެދު އިރުމަތީގެ ބައެއް ގައުމުތަކަށް ބަދު ބަސްނުން ފަދަ ކަންތައްތައް ކުރުމުން އެކަމުން ނުބައި ނަތީޖާ ނިކުންނާނެ ކަމަށް ވިދާޅުވި އެވެ.